Last Updated: June 20, 11:06
Friday, June 20, 2025
ޚަބަރު

12 މެމްބަރުންނަށް ޓިކެޓު ދޭން ވައުދުވި ގޮތުގައި ދެމި ހުންނާނަން: މައުމޫން

މައުމޫން އަބްދުލްގައްޔޫމް

ޕީޕީއެމުން ވަކިކުރުމުން މަޖިލީހުގެ ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅި 12 މެމްބަރުންނަށް އަންނަ އަހަރު ބާއްވާ މަޖިލިސް އިންތިޚާބުގައި ޕްރައިމަރީއަކާ ނުލައި ޓިކެޓު ދޭން ވައުދުވި ގޮތުގައި ދެމި ހުންނަވާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުރީގެ ސަރުކާރުގެ އަނިޔާވެރިކަން ހުއްޓުވުމަކަށް ގެނައުމަށާއި، އިސްލާހަށް މަސައްކަތް ކުރާނެ ކޯލިޝަން ސަރުކާރެއް ގާއިމުކުރުމަށްޓަކައި 12 މެމްބަރުން ކުރެއްވި ބުރަ މަސައްކަތާއި ވެވަޑައިގެންނެވި ގުރުބާނީތަކުގެ އަގުވަޒަންކުރާ ކަމަށެވެ.

އަދި ޕްރައިމަރީ އަކާ ނުލައި އެ 12 މެމްބަރުންނަށް މަޖިލިސް އިންތިހާބަށް ކުރިމަތިލެއްވުމުގެ ފުރުސަތު އެރުވުމަށް ކުރިން ވައުދުވި ގޮތުގެ މަތީގައި އެމަނިކުފާނުގެ ދެމި ހުންނަވާނެ ކަމަށް މައުމޫން ވިދާޅުވިއެވެ.

ޕްރައިމަރީ އަކާ ނުލައި އެ 12 މެމްބަރުންނަށް ޓިކެޓު ދޭން އުޅޭކަމުގެ ވާހަކަތަކެއް މީގެކުރިން ވެސް ފެތުރުނުއިރު، ސަރުކާރުގެ ކޯލިޝަނަށް ތާއީދުކުރާ ގިނަ ފަރާތްތަކެއް ވަނީ ސޯޝަލް މީޑިޔާގައި އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށް އެއީ ޑިމޮކްރެސީގެ އުސޫލުތަކާއި ހިލާފު ކަމެއް ކަމަށް ބުނެފައެވެ.

ޕްރައިމަރީ އަކާ ނުލައި މެމްބަރުންނަށް ޓިކެޓު ދޭން ކޯލިޝަނުގައި ހިމެނޭ އެންމެ ބޮޑު ޕާޓީ ކަމަށްވާ އެމްޑީޕީން ދެކޮޅު ހަދާއިރު އެ ޕާޓީން ވަނީ ކޯލިޝަނާއި ވަކިން މަޖިލިސް އިންތިހާބުގައި 86 ދާއިރާ އަށް ވާދަކުރަން ނިންމާފައެވެ. އަދި މަޖިލިސް އިންތިހާބަށް އެ ޕާޓީގެ ޓިކެޓުގައި ވާދަކުރާ ފަރާތްތައް ހޮވުމަށް ބާއްވާ ޕްރައިމަރީ އަންނަ މަހު ބޭއްވުމަށް ވަނީ ނިންމާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި 12 މެމްބަރުންނަކީ ދަނގެތީ ދާއިރާގެ އިލްހާމް އަހްމަދާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ އަބްދުﷲ ސިނާނާއި ދިއްދޫ ދާއިރާގެ އަބްދުއްލަތީފް މުހައްމަދާއި ހަނިމާދޫ ދާއިރާގެ ހުސައިން ޝަހުދީ އާއި އިހަވަންދޫ ދާއިރާގެ މުހައްމަދު އަބްދުﷲ (މުހައްމާ) އާއި ތިނަދޫ އުތުރު ދާއިރާގެ ސައުދުﷲ ހިލްމީ އާއި ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ އަހްމަދާއި ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތޮފާ އާއި ފުވައްމުލަކު އުތުރު ދާއިރާގެ އަލީ ޝާހުގެ އިތުރުން ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު ( ލޯޔަރު ވައްޑެ) އާއި ވިލިނގިލީ ދާއިރާގެ ސައުދު ހުސައިންގެ އިތުރުން މަޑުއްވަރީ ދާއިރާގެ މުހައްމަދު އަމީތެވެ.