ކ.ބޮލިފުށީ އައިލެންޑް ރިސޯޓުގެ އިރުމަތީ ފަރާތުގައި އޮންނަ ގިރިއަކަށް އެރި ދޯންޏަކަށް އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.
އެމްއެންޑީއެފް އިން ބުނީ ގިރިއަރަށް އަރާފައި ވަނީ ހަ މީހުންނާއެކު ދަތުރުކުރަމުންދިޔަ "އަޒުމް 2" ނަމަކަށް ކިޔާ 50 ފޫޓްގެ ދޯންޏެއް ކަމަށެވެ. އަދި މި ދޯނި ގިރިއަށް އެރި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ މިރޭ 9:40 ހާއިރު ކަމަށްވެސް އެމްއެންޑީއެފް އިން ބުނެއެވެ.
މި ހާދިސާ ހިނގާފައިވަނީ ކ.ބޮލިފުށީ އައިލެންޑް ރިސޯޓުގެ މުވައްޒަފުންތަކެއް ގޮވައިގެން އެ ރިސޯޓުން ފުރައިގެން ނައިޓް ފިޝިންއަށް ކ. މަނިޔަފުއްޓަށް ދަތުރުކުރަމުން ދަނިކޮށް ކަމަށް ދޯނީގެ ކެޕްޓަން މަޢުލޫމާތު ދީފައިވާ ކަމަށްވެސް އެމްއެންޑީއެފް އިން ބުނެއެވެ. އަދި ހާދިސާ ހިނގިތާ ގިނަ ވަގުތުތަކެއް ނުވެ، އެ ދޯނީގައި ތިބި މީހުން ބޮލިފުއްޓަށް ގެންގޮސްފައިވާ ކަމަށާއި، މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށް އެމްއެންޑީއެފް އިން މަޢުލޫމާތު ދެއެވެ.
އެހެންނަމަވެސް އެމްއެންޑީއެފް އިން ބުނީ، ދޯނި ގިރިއަށް އަރައި ދިޔަވަމުންދާތީ، ޕަންޕުގެ އެހީތެރިކަމަށް އެމްއެންޑީއެފް ކޯސްޓްގާޑުގެ ކިބައިން އެ ދޯނީގެ ކެޕްޓަން އެދިފައިވާ ކަމަށާއި، އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުންގެ ޓީމެއް އެ ސަރަޙައްދަށް ގޮސް ދޯންޏަށް ލިބިފައިވާ ގެއްލުންތައް މިހާރު ބަލަމުން ދާއިރު، ދޯނީގެ ވެރިފަރާތާ ގުޅިގެން ދޯނި ފުންކުރުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންދާ ކަމަށެވެ.