އިންޑިއާގެ އިރު އުތުރު މުމްބާއީގެ ތިލަކް ނާގަރްގައި ހުންނަ 15 ބުރީގެ އިމާރާތެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި އުމުރުން ދުވަސްވީ ފަސް މީހަކު މަރުވެއްޖެ އެވެ. މިއީ ފާއިތުވި ހަތަރު ދުވަހުގެ ތެރޭގައި މުމްބާއީގައި ހިނގި ހަތަރުވަނަ އަލިފާނުގެ ހާދިސާއެވެ.
ފަޔަރ ބްރިގޭޑްގެ އޮފިޝަލުންނާއި ހަވާލާދީ "ހިންދުސްތާން ޓައިމްސް" އިން ރިޕޯޓްކުރާ ގޮތުގައި މި އަލިފާންގަނޑު ރޯވީ އިންޑިއާ ގަޑއިން ރޭ 19:50 ހާއިރު، "ސަރްގަމް ސޮސައިޓީ"ގެ 11 ވަނަ ފަންގިފިލާގައި ކަމަށެވެ. އެ އަލިފާންގަނޑު ވަނީ ފަހުން 10 ވަނަ ބުރިއަށް ވެސް ފެތުރިފައެވެ. އެ އިމާރަތުގައި ދިރިއުޅޭ ގިނަ މީހުން އެތަން ހުސްކޮށްފައިވާއިރު، 13 އަދި 14 ވަނަ ފަންގިފިލާގައި ބައެއް މީހުން ތާށިވެފައި ތިބި ކަމަށް ރިޕޯޓްތައް ބުނެއެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ނޭނގެއެވެ.
ފަޔަރ ފައިޓަރުންނަށް ވަނީ އިމާރާތުގެ 11 ވަނަ ބުރިން ހަތަރު މީހުން ފެނިފައެވެ. އެމީހުން ހޮސްޕިޓަލަށް ގެންދިއުމުން، އޭގެ ތެރެއިން ތިން މީހަކު މަރުވެފައިވާ ކަމަށް ޑޮކްޓަރުން ކަށަވަރުކޮށްދިނެވެ. މަރުވި ސުނީތާ ޖޯށީ (72 އ)، ބަލްޗަންދްރަ ޖޯޝީ (72 އ) އަދި ސުމަން ޝްރިނިވާސް ޖޯޝީ (83 އ) އަކީ އެއް އާއިލާއަކަށް ނިސްބަތްވާ ތިން މެމްބަރުންނެވެ.
މި ހާދިސާގައި ޖުމްލަ ފަސް މީހަކު މަރުވެފައިވާއިރު، އަލިފާން ނިއްވުމުގައި ޙަރަކާތްތެރިވި ފަޔަރ ފައިޓަރަކު ވެސް ވަނީ ޒަޚަމްވެ، ހޮސްޕިޓަލަށް ގެންގޮސްފައެވެ.