އަނޫޕަމް ކޭރްގެ "ދި އެކްސިޑެންޓަލް ޕްރައިމް މިނިސްޓަރ"ގެ ޓްރެއިލާ ރޭ ދައްކާލައިފި އެވެ.
އިންޑިއާގެ ކުރީގެ ޕްރައިމް މިނިސްޓަރ މަންމޯހަން ސިންގް އާއި އަނޫޕަމް ވައްތަރުކަމަށް ގިނަ ބަޔަކު ބުނާއިރު، މި ފިލްމްގެ ޓްރެއިލާ އަކީ ފޭނުން ވަރަށް އިންތިޒާރުކުރަމުން އައި ޓްރެއިލާއެކެވެ.
މި ފިލްމަކީ ސަންޖަޔާ ބާރޫ ލިޔެފައިވާ ފޮތެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. ޓްރެއިލާ ފެށޭއިރު ފެނިގެންދަނީ އާއްމު އިންތިޚާބުތަކުން ކޮންގްރެސް އަށް ކާމިޔާބު ލިބުމާއެކު، 2004 ވަނަ އަހަރު ބޮޑުވަޒީރުކަމުގެ ހުވާ މަންމޯހަން ސިންގް (އަނޫޕަމް ކޭރް) ކުރާ މަންޒަރެވެ. ދެން ފެނިގެންދަނީ ކޮންގްރެސް ޕާޓީގެ ތެރޭގައި ހިނގާ ސިޔާސީ ކަންތައްތަކުގެ ޝިކާރަކައަށް މަންމޯހަން ސިންގް ވެފައިވާ ކަމެވެ.
މި ފިލްމްގައި ސޯނިއާ ގާންދީގެ ރޯލުން ސުޒޭން ބާނާޓް ފެނިގެންދާއިރު، ޕްރިޔަންކާ ގާންދީގެ ރޯލް ކުޅޭނީ އާހަނާ ކުމްރާ އެވެ. އަދި ރާހުލް ގާންދީގެ ރޯލް އަދާކުރާނީ އަރްޖުން މާތުރް ކަމަށްވާއިރު، ބޮޑުވަޒީރުގެ އެޑްވައިޒަރުގެ ރޯލް އަދާކޮށްފައި ވަނީ އަކްޝޭ ޚައްނާ އެވެ.
ވިޖޭ ރަތުނާކަތް ގުއްޓޭ ޑައިރެކްޓްކޮށް، މަޔަން ތިވާރީ ލިޔެފައިވާ މި ފިލްމް ރިލީޒްކުރުމަށް ހަމަޖެހިފައި ވަނީ 11 ޖެނުއަރީ 2019 ގައެވެ.