"އޭކް ލަޅްކީ ކޯ ދޭކާ ތޯ އޭސާ ލަގާ"ގެ ޓްރެއިލާ ދައްކާލައިފި އެވެ.
އިއްޔެ ނެރުނު މި ފިލްމްގެ ޓްރެއިލާ އިން ފެނިގެންދަނީ ލޯބީގެ ތަފާތު ވާހަކައެކެވެ. މި ފިލްމްގެ ލީޑް ރޯލްތަކުން ފެނިގެންދާނީ ބޮލީވުޑްގެ މަޝްހޫރު ތަރި އަނީލް ކަޕޫރް އާއި އޭނާގެ ދަރިފުޅު އަދި ބޮލީވުޑްގެ ބަތަލާ ސޯނަމް ކަޕޫރް އެވެ.
މި ފިލްމްގެ ފުރަތަމަ ޕޯސްޓަރ ރިލީޒްކޮށްފައި ވަނީ އަނިލްގެ 62 ވަނަ އުފަންދުވަސް ކަމުގައިވާ މިދިޔަ ހޯމަ ދުވަހު އެވެ.
އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ މި ފިލްމަކީ ޝެލީ ޗޯޕްރާ ދަރް ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. މި ފިލްމަކީ ބައްޕައަކާއި އޭނާގެ އަންހެން ދަރިފުޅާއިމެދު އޮންނަ ގުޅުމުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. މި ފިލްމްގެ މުހިންމު ރޯލްތަކުން ޖޫހީ ޗާވްލާ އާއި ރާޖްކުމާރް ރާއޯ ވެސް ފެނިގެންދާނެ އެވެ.