Last Updated: April 25, 12:03
Thursday, April 25, 2024
ރިޕޯޓް

އައްޑޫގައި މަދިރީގެ އުނދަގޫ ބޮޑުވެފައި!

މަދިރިއެއް. އައްޑޫގައި މަދިރީގެ އުނދަގޫ ވަނީ ވަރަށް ބޮޑުވެފައި.

ގޯތިތެރޭގައި ބަގީޗާ ގަސް އިންދުމަކީ އައްޑޫގެ ގިނަ ބަޔަކު ވަރަށް ފޯރީގައި ކުރަމުން އަންނަ ކަމެކެވެ. އެ ފޯރި އިންސްޓަގްރާމާއި ފޭސްބުކުން ފެނެއެވެ. ތަފާތު އެކި ކުލަތަކުގެ މާ ތަކުގެ ފޮޓޯތަކާއި ގަސްކާނާ އާއި މާ ގަސް ވިއްކުމަށް ޚާއްސަ ޕޭޖުތަކެވެ.

ޒަމާނުއްސުރެ ގޭ ދޮށުގައި މާ ގަސް ހެއްދުމަށް ބޮޑު ފޯރިއެއް ހުންނަ އައްޑޫގެ އަންހެންވެރިންނަށް އެމީހުންގެ ބަގީޗާތަކުގެ ހިތްގައިމުކަމުން އުފާ ހޯދުމަށް މިއަދު އޮތް އެންމެ ބޮޑު ހުރަހަކީ މަދިރިއެވެ. ކިތަންމެ ރީތިކޮށް ބަގީޗާގައި ގަސްތައް ހެއްދުނު ނަމަވެސް ހަވީރުގެ ވަގުތެއްގައި އެ ބަގީޗާގެ ތެރޭގައި ހުރުމަކީ "މުސީބާތެއް" ކަހަލަ ކަމެކެވެ.

"ބަގީޗާ ހައްދަނީ ހިތްހަމަޖައްސަން، އެކަމަކު އެތަނުގައި މެންދުރު ގަޑީގައި ނޫނީ ނުހުރެވޭނެ. ހަވީރު ގަޑީގައި މަދިރި ލޯޝަން ލައިގެން އަދި މަދިރި މަރަން މި ގެންގުޅޭ ރެކެޓު ހިފައިގެން ވަދެ ވެސް ނުހުރެވޭނެ. ހެނދުނާއި ހަވީރު ދުން ވެސް އެބައަޅަން އެކަމަކު ހަމަ އޮނބި ނޯވޭ." މަދިރީގެ ސަބަބުން ކުރިމަތިވާ އުނދަގޫ ތަކާއި ބެހޭގޮތުން ވާހަކަ ދެއްކި މަރަދޫ އަންހެނަކު ބުންޏެވެ.

މިއީ ހަމައެކަނި މަރަދޫގެ ހާލަތެއް ނޫނެވެ. އައްޑޫގެ ހުރިހާ އަވަށެއްގައި ވެސް މަދިރީގެ އުނދަގޫ ވަނީ ވަރަށް ބޮޑުވެފައެވެ. އެހެންވެ މަދިރީގެ މައްސަލަ ހައްުލުކުރުމަށް ފަރުދީ ފެންވަރުގައި ކުރަންޖެހޭ މަސައްކަތްތައް ކޮންމެވެސް ވަރަކަށް ކުރަމުން ގެންދާކަން ފާހަގަކޮށްލެވެއެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ ޕަބްލިކް ހެލްތް ޔުނިޓްގެ އިސްބޭފުޅަކު ވިދާޅުވި ގޮތުގައި މަދިރި މަދުކުރުމަށް އެންމެ މުހިއްމު ކަމަކީ މަދިރި އުފެދޭ ތަންތަން ނައްތާލުން ކަމަށެވެ. އެހެން ނަމަވެސް އެފަދަ ކަންތަކާއި މެދު އާއްމުންގެ ހޭލުންތެރިކަން ކުޑަކަމަށް އޭނާ ވިދާޅުވިއެވެ.

އަދި އާއްމުން ހޭލުންތެރި ކުރުވުމަށް މަސައްކަތް ކުރުމަށް ޕަބްލިކް ހެލްތް ޔުނިޓް ހިމެނޭ ގޮތަށް އައްޑޫގައި ހުރި މުއައްސަސާތަކަށް އެކަށީގެންވާ ދައުރެއް އަދާނުކުރެވޭ ކަމަށް އޭނާ އެއްބަސްވެވަޑައިގެންނެވިއެވެ.

އައްޑޫގެ އަވަށްތަކުގައި މަދިރީގެ އުނދަގޫ އިންތިހާއަށް ބޮޑުވުމުން ދޭތެރެއަކުން ބައެއް ވިޔަފާރިވެރިންނާއި އާއްމުން ނިކުމެ ރަށުތެރެ ފޮގްކުރެއެވެ. އަދި އިންތިހާބުތަކާއި ދިމާކޮށް ވެސް ސިޔާސީ ފަރާތްތަކުން ވޯޓު ހޯދުމުގެ ނިޔަތުގައި ވެސް ފޮގްކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދެއެވެ. ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ވާދަކުރާ ފަރާތްތަކުން ވެސް މިހާރު ގެންދަނީ އެކި އަވަށްތަކުގައި ފޮގްކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ.

ޕެސްޓް ކޮންޓްރޯލް ކުރުން، ކައުންސިލްގެ ޒިންމާއެއް

2014 ވަނަ އަހަރު ލާމަރުކަޒީ ޤާނޫނުގެ ދަށުން އައްޑޫ ސިޓީ ކައުންސިލަށް ލިބިދީފައިވާ ގިނަ ބާރުތަކެއް އޭރުގެ ރައީސް އަބްދުﷲ ޔާމީން ގެންދެވިއެވެ. އެހެން ނަމަވެސް އެބާރުތައް އަލުން މިހާރުގެ ރައީސް ސޯލިހް ވަނީ އަނބުރާ ދެއްވާފައެވެ. އޭގެ ތެރޭގައި އައްޑޫގެ އަވަށްތަކުގައި ޕެސްޓް ކޮންޓްރޯލް ކުރުން ވެސް ހިމެނެއެވެ.

އެހެން ނަމަވެސް ކައުންސިލުން އައްޑޫގައި މަދިރި މަދުކުރުމަށް އަދި ޕެސްޓް ކޮންޓްރޯލް ކުރުމަށް އެއްވެސް މަސައްކަތެއް އަދި ކުރާތަނެއް ނުފެނެއެވެ. އެކަމުގެ ޝަކުވާ އާއްމުންގެ ފަރާތުން ގެންދަނީ ސޯޝަލް މީޑިޔާގެ ވަސީލަތްތައް މެދުވެރިކޮށް ކުރަމުންނެވެ. އާއްމު ގޮތެއްގައި ސޯޝަލް މީޑިޔާގައި ހަރަކާތްތެރި ކައުންސިލަރުންގެ ފަރާތުން ވެސް އަދި އެކަމަށް އިޖާބަދޭ މަންޒަރެއް ނުފެނެއެވެ.

އަވަސް ހައްލެއް ބޭނުން

އައްޑޫގައި މަދިރީގެ އުނދަގޫ ބޮޑުވެފައި ވަނީ އިއްޔެއަކު ނޫނެވެ. އެއީ ގިނަ ދުވަސްތަކެއް ވެފައިވާ މައްސަލައެކެވެ. ވިއްސާރަ ވެހިއްޖެ ނަމަ ދުވަސްތަކެއް ވަންދެން މަދިރީގެ އުނދަގޫ އިންތިހާއަށް ބޮޑުވާ ކަމަށް އައްޑޫގެ ގިނަ ބަޔަކު ބުނެއެވެ.

ކައުންސިލަށް ބާރުތަކެއް ލިބުމުން އައްޑޫގެ ގިނަ ބަޔަކު ތިބީ، މަދިރި އިތުރުވުން ފަދަ މައްސަލަތަކަށް އަވަސް ހައްލެއް ލިބޭނެކަމުގެ އުއްމީދުގައެވެ. އެހެނަސް އައްޑޫ ކައުންސިލުގައި ހުރި މަދު ވަސީލަތްތަކާއި ތިބި މުވައްޒަފުންގެ އަދަދަށް ބަލާއިރު ރައްޔިތުންގެ އުއްމީދުތައް ހާސިލްކޮށްދިނުމަށް ދަތިތަކެއް އެބަހުއްޓެވެ.

ކައުންސިލުން މިހާރު ވެސް ގެންދަނީ ވަސީލަތްތައް މަދު ނަމަވެސް ރަށުތެރެ ސާފުކުރުން ފަދަ ކަންތައް ކުރުމަށް ޚާއްސަ އިސްކަމެއް ދޭން ފަށާފައެވެ. އެހެންވެ އެ ލިސްޓުގެ ވަކި ހިސާބެއްގައި މަދިރީގެ މައްސަލަ ހައްލުކުރުން އޮންނާނެ ކަމަށް ބެލެވެއެވެ.

2014 ވަނަ އަހަރުގެ ތެރޭގައި ކައުންސިލުގެ ފަރާތުން އައްޑޫގައި ދާއިމީ ގޮތެއްގައި މަދިރި މަދުކުރުމުގެ ޕްރޮގްރާމެއް އަމިއްލަ ފަރާތަކާއި ގުޅިގެން ފަށަން ނިންމިއެވެ. މިފަހަރު ވެސް އެފަދައިން ނަމެއްގައި ޕްރޮގްރާމެއް ނުފަށައި އަމަލީ މަސައްކަތްތަކެއް ކުރުމަކީ ރައްޔިތުންގެ އުއްމީދެވެ.