" އިމެޖެންސީއެއް ވެއްޖެއްޔާ ގުޅާލަން ނާޒްގާތު ބުނާތި! ފަހަރެއްގަ ދޭޖަވާބަކުން ހަސްފަތާލަށްވެސް ގެންދަން ޖެހިދާނެ…" ފަހު ވަގުތުވެސް ދިމާކޮށްލެވޭތޯ އިޒްޔަން އުޅުނެވެ. އާއިން ޖަވާބެއްވެސް ނުދީ ހީލަމުން ނުކުމެގެން ދިޔައެވެ.
ބެލްޖަހާލި އަޑުއިވުމާއެކީ ކޮޓަރިތެރޭގައި ހުރި ފަރަހަނާޒްގެ ހަރަކާތްތައް ހުއްޓުމަކަށް އައެވެ.
" އެއައީ…" ފަރަހަނާޒްގެ އެނދުގައި އިށީނދެ ލައިގެން އިން ތޫބާ ބުނެލިއެވެ.
" ޔާ ﷲ….އަހަރެންގެ ހިތް ހީވަނީ ބޭރަށް ނުކުމެދާނެހެން….ހާދަބިރުގަނެއޭ އެބަ….ތޫ…ތޫވެސް މަށާއެކު ބޭރަށްދާން ވާނެ….އެކަނި ނުކެރޭނެ…" އެނދު ކައިރިއަށް އައިސް ފަރަހަނާޒް އާދޭހާއެކު ބުންޏެވެ.
" ނޫނޭ…މަދެން ތިދެމީހުންގެ މެދުގައި ކައްޓަކަށް ވެގެން އިންނާކަށް ނުދާނަން….ބިރު ނުގަނެބަލަ! މިރޭގެ އުފާވެރިކަން ހިތަށްއަރުވަބަލަ! ނާޒް އެދޭފަދަ ޙަޔާތުގެ ބައިވެރިއަކު ނާޒްއަށް ލިބެނީނު….ނާޒް އުފަލެއްނޫންތަ ވާންޖެހޭނީ…" ތޫބާ ނާޒްއަށް ވިސްނައިދޭން އުޅުނެވެ.
" ދަރިފުޅާ!…އާއިން އަތުވެއްޖެ…" ނާޒް ޖަވާބެއް ދިނުމުގެ ކުރިން ކޮޓަރީގެ ދޮރު ހުޅުވާލާފައި ހާދީ ބުންޏެވެ.
ވަގުތު ޖެހުނީއެވެ. ދެން އިތުރަށް މަޑުކުރުމެއްނެތެވެ. ޖަވާބުހޯދަން އައިމީހާއަށް ޖަވާބުދޭންވީއެވެ. ފަރަހަނާޒް މަޑު ހިނގުމެއްގައި ގޮސް ސިޓިންރޫމަށް ނުކުތެވެ. އޭރު އޭނާގެ އިންތިޒާރުގައި އާއިން ސޯފާގައި އިސްޖަހާލައިގެން އިނެވެ. ފަރަހަނާޒް އައިސް އާއިން އިން ސޯފާގެ އަނެއްކޮޅުގައި އިށީނެވެ. ހާދީ އެދެކުދީންނަށް ވަގުތު ދީފައި އޭނާގެ ކޮޓަރިއަށް ވަނެވެ. ދެހިތުގައިވެސް އެއްރާގެއް ކުޅެވެމުން ދިޔައިރު ހިތުގެ ތެޅުންވެސް އެއްވަރަކަށް އަވަސްވަމުން ދިޔައެވެ.
" ހާލު ކިހިނެއް؟…" ހަމަހިމޭންކަން ފޫއަޅުވާލަމުން އާއިން ބުނެލިއެވެ.
" ރަނގަޅު.." ފަރަހަނާޒް މަޑުމަޑުން ޖަވާބުދިނެވެ.
" އެންމެ ފުރަތަމަވެސް އަހަރެން ނާޒްއަށް ޝުކުރު އަދާކުރަން ބޭނުން….މަގުގެއްލިގެން އަހަރެން ދަނިކޮށް އަހަރެންނަށް މަގުދެއްކުމަށް ﷲ ސުބުޙާނަހޫ ވަތަޢާލާ އަހަރެންނަށް މެދުވެރި ކުރެއްވި ފަރާތަކީ ނާޒް….އެކަމަށްޓަކާ އަހަރެން މުޅި އުމުރަށްވެސް ޝުކުރުވެރި ވާނަން….ނާޒް ޝަރުތު ކަނޑައެޅިއިރު، ނަމާދުކުރާގޮތްވެސް އަހަރެންވަނީ ހަނދާންނެތިފަ…އެކަމު މިހާރު އަހަރެމެންގެ ލޮބުވެތި ރަސޫލާ ދެއްކެވި ނަމޫނާއާ އެއްގޮތަށް ނަމާދުކުރަން ދަސްކޮށްފިން….ނާޒްގެ ސަބަބުން ނަމާދުކުރަން ފެށިނަމަވެސް މިހާރު އަހަރެން އެކަން ކުރަނީ ކުރާހިތުން، އެޔަށްވުރެ ވަކީން އަހަރެން ލޯބިކުރާ އެއްވެސް ކަމެއް މިދުނިޔެމަތީގަ މިވަގުތު ވާނެހެނެއް ހިޔެއްނުވޭ….ނަމާދަކީ އަޖާއިބެއްފަދަ އަޅުކަމެއް….ހިތަށް ފިނިކަން ގެނެސްދޭ، ރޫހަށް ދިރުން ގެނެސްދޭކަމެއް…. އިންޝާ ﷲ، އަހަރެން ދެން ދުވަހަކުވެސް އެކަމާ ދުރަކަށް ނުދާނަން…ނަމާދުގެ އިތުރުންވެސް ނާޒްގެ ސަބަބުން އިސްލާމުދީނާ ބެހޭ ކިތަންމެ ކަމެއް އަހަރެންނަށް ދަސްވެއްޖެ…އެހުރިހާ ކަމަކާމެދު ވާހަކަ ދައްކަން ވެއްޖެނަމަ މުޅި މިރޭވެސް މިގޮތުގަ ހޭދަވެދާނެ…ކުރުގޮތަކަށް ބުނާނަމަ ނާޒްގެ ޝަރުތު އަހަރެން ފުރިހަމަކޮށްފިން…އެކަމު އަހަރެންނަކީ ނާޒްއަށްޓަކާ އެންމެ ފުރިހަމަ މީހާއެކޭ އަހަރެން ނުބުނާނަން…ނާޒްއާ އަޅާބަލާއިރު އަހަރެން އަދި މިހުރީ ވަރަށް ފަހަތުގަ…އެކަމު ނާޒްގެ އެހީތެރިކަން ލިބިއްޖެނަމަ ނާޒް އެދޭފަދަ ފިރިޔަކަށްވާނެކަމުގެ ޔަޤީންކަން އަހަރެންދޭން….ދެންއޮތީ ނާޒްގެ ނިންމުން…ނާޒް ކޮންމެ ގޮތަކަށް ނިންމި ނަމަވެސް ހިތުން ރުހުމުން އަހަރެން ނާޒްގެ ނިންމުން ގަބޫލުކުރާނަން" އާއިން އޭނާގެ ޝަރުތު ފުރިހަމަ ކޮށްގެން ހުރިކަން ހާމަކުރުމުން ފިނިކަމާއި ފޮނިކަން ފަރަހަނާޒްގެ ހިތަށް ލިބުނެވެ.
" ﷲ އިރާދަފުޅުން އާއިންއަށް މަގުދެއްކެވީ….އެކަމަށްޓަކާ ﷲ އަށް ޙަމްދާއި ޝުކުރުކުރަން….އަހަރެން އެދެނީ މުޅި އުމުރަށްވެސް ތިގޮތުގާ އާއިން ހުރުމަށް…އަދި އިންޝާﷲ މުޅި އުމުރަށްވެސް އަހަރެންގެ ފަރާތުން އާއިންއަށް އެހީތެރިކަން ލިބޭނެ…" ފަރަހަނާޒް އޭނާގެ ޖަވާބު އިއްވާލުމުން އާއިން އިސްއުފުލާ ބަލާލިއެވެ.
" މާނައަކީ…އަހަރެންގެ މީހަކަށްވާން ނާޒް ތިހުރީ ތައްޔާރަށޭތަ؟…ނާޒް އަހަރެންނާ ކައިވެނި ކުރާނަމޭތަ؟…" ފަރަހަނާޒް ބުނި އެއްޗެއް ޔަޤީން ކުރުމަށްޓަކައި އާއިން ސުވާލު ކުރިއެވެ.
" އިންޝާ ﷲ" ފަރަހަނާޒް ލަދުން އިނދެ ޖަވާބުދިނެވެ.
" އާނއެކޭތަ ތިބުނީ؟.." ޔަޤީންނުވެފައި އަނެއްކާވެސް އާއިން އަހާލިއެވެ.
" ހޫމް…އަހަރެން އާއިންގެ ހުޅަހެޅުން ގަބޫލުކޮށްފިން…" އިސްއުފުލާލައި އާއިންއާ ހަތަރުކަޅި ހަމަކޮށްލަމުން ޔަޤީންކަމާއެކު ފަރަހަނާޒް ބުންޏެވެ.
އެވަގުތު އާއިންއަށް ލިބުނު އުފަލުން އޭނާގެ ހިއްސުތައް ގަނޑުވިފަދައެވެ. ހަރަކާތެއްކޮށްލަންވެސް ނޭނގިފައި ފަރަހަނާޒްގެ މޫނަށް ބަލަން އޭނާއަށް އިނދެވުނެވެ. އާއިން ބަލަން އިންގޮތުން ލަދުގަނެ ފަރަހަނާޒް އިސްޖަހާލެވުނެވެ.
" އަލްޙަމްދުލިﷲ…. އަލްޙަމްދުލިﷲ….. އަލްޙަމްދުލިﷲ…" އާއިންގެ ހިއްސުތައް މަސައްކަތް ކުރަން ފެށުމުން އޭނާ ފަށްފަށުން ހެއްދެވިފަރާތަށް ޝުކުރު ދެންނެވިނެވެ. " އޯހ ނާޒް އައިމް ސޯ ހެޕީ" ބޭއިޚްތިޔާރުގައި އޭނާއަށް ފަރަހަނާޒްގެ އަތުގައިވެސް ހިފާލެވިއްޖެއެވެ. އެއާއެކު ސިހިފައި ފަރަހަނާޒަށް އޭނާގެ އަތްދަމައިގަނެއް ވިއްޖެއެވެ.
" އޯހ…ސޮރީ.." އާއިން އަވަސް އަވަހަށް ފަރަހަނާޒްގެ އަތުން ދޫކޮށްލަމުން ބުނެލިއެވެ. އަދި އޭނާއިން ސޯފާއިންވެސް ތެދުވެއްޖެއެވެ. މިވަގުތު އޭނާ ބޭނުންވަނީ އަޑުގެ ނެތްތަނަށް ހަޅޭއްލަވައި އަވަށްޓެރި އެންމެނަށް އިވޭވަރަށް އެއުފާވެރި ޚަބަރު އިއުލާން ކުރާށެވެ. އެހާވެސް ބޮޑަށް އޭނާހުރީ އުފާވެފައެވެ. އެތާނގައި ގިނައިރުވާން ވެއްޖެނަމަ ފަރަހަނާޒް ގައިގާ އޮޅުލައި ގަނެވިދާނެތީ ގަތް ބިރުން އޭނާ އަވަހަށް އެގެއިން ނުކުތެވެ.
" ކީއްވެބާ އެދިޔައީ؟.." އާއިން އިތުރަށް ބަހެއްވެސް ނުބުނެ ނުކުމެގެން ދިއުމުން ހައިރާންވެފައި ފަރަހަނާޒަށް ބުނެވުނެވެ.
ފަރަހަނާޒް އިރުކޮޅެއްވާންދެން އާއިންއަށް އިންތިޒާރު ކުރުމަށްފަހު ސޯފާއިން ތެދުވެގެން އޭނާގެ ކޮޓަރިއަށް ދިޔައެވެ.
" ކޮބާ އާއިން….އޭނާ ދިޔައީތަ؟…" ފަރަހަނާޒްގެ އެނދުގައި އިން ތޫބާ ތެދުވެފައި އަވަސް އަވަހަށް އަހާލިއެވެ.
" ހޫމް…އޭނާ ހިނގައްޖެ…ކާކަށްވެސް މަޑެއްނުކުރި…މަށަކަށްވެސް ނުކެރުނު މަޑުކުރާށޭ ބުނާކަށްވެސް…" އެނދުގައި އިށީއްނަމުން ފަރަހަނާޒް ބުންޏެވެ.
" ކީއްވެ ދިޔައީ؟…ހިތްހަމަ ނުޖެހިގެންތަ ދިޔައީ؟…ނާޒް ކީކޭތަ ބުނީ؟.." ތޫބާހުރީ ހިތްއަވަސް ވެފައެވެ.
" އަހަރެން އާނއެކޭ ބުނީމަ އޭނާހުރީ ވަރަށް އުފާވެފަ….އެކަމު އެހާއަވަހަށް ދިޔައީ ކީއްވެކަމެއް ނޭނގެ…" ފަރަހަނާޒްވެސް އިނީ އާއިން ދިޔައީތީ ސުވާލު އުފެދިފައެވެ.
" މާބޮޑަށް އުފާވީ ކަމަށްވާނީ…އެހެންވީމަ އެޚަބަރުދޭން ދިޔައީ ކަންނޭނގެ…" ތޫބާ އޭނާއަށް ހީވިގޮތަށް ބުނެލިއެވެ.
އާއިން އެނބުރި އިޒްޔަންގެ ބަޔަށް ދިޔައިރުވެސް އޭނާގެ ތުންފަތުގައިވީ ހިނިތުންވުން ފިލާނުދެއެވެ.
" އައި ލަވް ޔޫ…މާޒް" ދޮރުހުޅުވާލުމާއެކީ ހަޅޭއްލަވައިގަންނަމުން ދުވެފައި ގޮސް ސޯފާގައި ފޯނާއި ކުޅެން އޮތް މާޒްގެ ގައިމައްޗަށް އޭނާ ޖެހިގަތެވެ.
" އައްދިއްޔޯތް…މަ މަރައިފި…" މާޒް ސިހިފައި އަޑުގެ ނެތްތަނަށް ހަޅޭއްލަވައިގަތުމާއެކު އިޒްޔަންއާއި އުޝާވެސް ނުކުތެވެ. މާޒްގެ ގައިގާ އޮޅުލައިގަނެގެން އޮތް އާއިން ފެނިފައި ދެމީހުނަށް އެއްފަހަރާ ހެވުނެވެ.
" ސުބުޙާނަﷲ…އާން މޮޔަވީތަ؟…އެމްބިއުލޭންސް އަށް ގުޅަންވީތަ؟…" އެމީހުންގެ ގާތަށް އަންނަމުން އިޒްޔަން ސަމާސާ ކޮށްލިއެވެ.
" އައިމް ސޯ ހެޕީ ބްރޯ….ނާޒް އާނއެކޭ ބުނެފި….ނާޒް އަހަރެންނާ ކައިވެނިކުރަން އެއްބަސް ވެއްޖެ…އޯހ އައިމް ސޯހެޕީ.." މާޒްގެ ގައިން ދޫކޮށްލާފައި ތެދުވެ އިޒްޔަންގެ ގައިގާ އާއިން އޮޅުލައިގަތެވެ. އާއިންގެ އުފާވެރިކަންފެނި އިޒްޔަންގެ އުފާވެފައި އާއިންގެ ގައިގާ ބައްދާލިއެވެ.
" ކޮންގްރާ މައި ލިޓްލް ބްރޯ…" އިޒްޔަން އުފަލާއެކު ބުނެލިއެވެ.
" ހާދަ އުފާވެރި ޚަބަރެކޭ…" އުޝާވެސް އައިސް އާއިންގެ އިސްތަށިގަނޑުގައި އަތް ހިނގާލަމުން ބުނެލިއެވެ.
" އެހެންވީމަ ޕީއްޒާ ޕާރޓީ…." ހަވިފައި މާޒް ބުނެލިއެވެ.
" ހަމަ ޔަޤީނެއްނު" އިޒްޔަންވެސް އެއްބައިވެލިއެވެ.
" އަދި މިއާދެވުނީ ހާދީބެއާވެސް ބައްދަލު ނުކޮށް…ހާދީބޭ ހީކުރާނީ ކީކޭ؟.." އާއިން ކަންބޮޑުވެފައި ބުނެލިއެވެ.
" ނާޒްގެ ޖަވާބު ލިބުނީމަ ހާދީބެ މަތިން ހަނދާން ނެތުނީދޯ…" އިޒްޔަން ދިމާކޮށްލިއެވެ.
" އަސްލުވެސް އެހެނޭ ވީ…ދެން ކިހިނެއް ހަދާނީ….ހާދީބޭބެ ބުނި ކައިގެންނޭ ދާންޖެހޭނީ…އެކަމު ވީއުފަލުން އަވަހަށް އާދެވުނީ…" އާއިން އޮޅުން ފިލުވައިދިނެވެ. އެވަގުތު އޭނާގެ ގާތުގައި ތިބި ތިންމީހުންވެސް އެކަކު އަނެކަކަށް ބަލާލާފައި ހޭންފެށިއެވެ. ދެން ދިޔައީ އާއިންގެ ކައިވެންޏާއި ގުޅުވައިގެން އެކި އެކި ވާހަކަތަކުން އާއިންއަށް ގޯނާކުރުމުގެ ވަގުތު ކޮޅެކެވެ. މުޅި މާހައުލުގައިވެސް އުފާވެރިކަން ގުގުމާލައިފިއެވެ.
*****
އެނދުގައި އޮށޯވެލައިގެން ފުން ވިސްނުމަކަށް ގެއްލިފައި އާއިން އޮތެވެ. ރޭދެބައިވިއިރުވެސް އޭނާގެ ލޮލަކަށް ނިންޖެއް ނައެވެ. މިރޭ ލިބުނު އުފާވެރިކަމުގެ ސަބަބުން އޭނާގެ ލޮލަށް ނިދިނައީއެވެ. ފަތިސްނަމާދަށް ހޭލަން ޖެހޭނެކަންވެސް އޭނާއަށް އެނގެއެވެ. ނަމަވެސް ފަރަހަނާޒްގެ ޚިޔާލުތައް އޭނާއަށް އުނދަގޫ ކުރަނީއެވެ.މުސްތަޤުބަލުގައި ފަރަހަނާޒްއާއެކު އުޅުމުގެ އުފާވެރިކަން ހިތަށް ގެންނަމުން ހިނިތުންވަމުން ދިޔައެވެ. މުޅި މިރޭ އެއްކޮށްވެސް އެގޮތުގައި ހޭދަކުރަން އޭނާ ބޭނުމެވެ. އެހާބޮޑަށް އޭނާވަނީ އުފާވެފައެވެ. އަނެއްކޮޅުން ފަރަހަނާޒްވެސް އޭނާގެ މުސްތަޤްބަލާމެދު ފިކުރު ކުރުމުގައި ހޭލާއޮތެވެ. އެގޮތުގައި ހޭލާއޮވެވުނީ ކިހާއިރެއްކަމެއްވެސް އޭނާއަކަށް ނޭނގެއެވެ. މަޑުމަޑުން އޭނާގެ ދެލޯމެރެންފެށިއެވެ.
ހެނދުނުގެ ވަގުތެވެ. ފަތިސްނަމާދުކޮށްގެން އައިގޮތަށް އާއިން އިނީ ޤުރުއާން ކިޔަވާށެވެ. އޭނާއަށް ރަނގަޅަށް ކިޔަވަން ނޭނގޭތީ އޭނާ ކިޔަވަމުން ދިޔައީ އޯޑިއޯ އަޑުއަހައިގެންނެވެ. ކޮފީބުއިމަށްޓަކައި ސިޓިންރޫމުގައި އިން އާޒިމްއަށް އާއިންގެ ކޮޓަރިތެރެއިން ޤުރުއާނުގެ އަޑުއިވިފައި ހައިރާންކަމުގައި އަޑުއަހަން އިނދެވުނެވެ.
" ޒާހިދާ….މިހާރަކަށް އައިސް އަހަރެމެންނަށް މިފެންނަނީ ވަރަށްވެސް އުފާވެރި މަންޒަރުތަކެއް….އަހަރެމެންގެ އާއިންގެ އުޅުން ހާދަބޮޑަކަށް ބަދަލުވެއްޖެއޭ…ޒާހިދާއަކަށް ހިޔެއްނުވޭތަ؟.." އާޒިމްގެ ގާތުގައި އިން ޒާހިދާއާ އޭނާ ސުވާލުކުރިއެވެ.
" ނޫނޭ…އަހަރެންނަށްވެސް ތިކަން ވަރަށްބޮޑަށް ފާހަގަކުރެވިއްޖެ…..އަހަރެންވެސް މިހުންނަނީ ތިކަމާ ހައިރާންވެފަ….ހަމަކުއްލިއަކަށް އާއިންއަށް އެހާބޮޑު ބަދަލެއް އައީ ކީއްވެބާއޭ މިހިތަށްއަރަނީ…" ޒާހިދާވެސް އޭނާގެ ހިތުގައި އުފެދިފައިވާ ސުވާލު ބޭރުކޮށްލިއެވެ.
" ތިޔެއްދޯ މިއުޅެނީ ނޭނގިގެން….ހިތަށްއަރާ ސުވާލެއްވެސް ކޮށްލަން…އެކަމަކު އާއިން ހިތްހަމަ ނުޖެހިދާނެތީ ނާހަން މިހުންނަނީ….ގޯސްކޮށް އުޅޭނަމަތާ އަސްލު ސުވާލުކުރަން ޖެހޭނީވެސް…މީހަކު ރަނގަޅުމަގުން ދާނަމަ ސުވާލުކުރުމުގެ މާނައެއްވެސް ނެތްދޯ…" އާޒިމް އޭނާގެ ޚިޔާލުފާޅުކުރިއެވެ.
" އާނ…އަހަރެން ވަރަށް އުފާވޭ އާއިންއަށް އައި ހެޔޮބަދަލުން….އަހަރެން ހިތަށްއަރާ އައިރާވެސް ދީނީ ކަންކަމަށް މިހާރަށްވުރެ ބޮޑަށް ސަމާލުކަން ދޭނެނަމައޭ….އަހަރެން ކިޔާވަރުން ނަމާދުކުރި ނަމަވެސް، ޤުރުއާނާ ވަރަށްދުރު…." ޒާހިދާ ދެރަވެލާފައި ބުންޏެވެ.
" އަހަރެމެންނަށް އެވަރަށް ބާރުނޭޅޭތީ އެކުދިން ދީނާ ދުރުވީ…" އާޒިމް ދެރަވެލާފައި ބުންޏެވެ. ޒާހިދާވެސް އެކަމާ އެއްބަސްވުމުގެ ގޮތުން ބޯހަލުވާލިއެވެ.
އާއިން ކިޔެވުން ނިންމާލާފައި ކޮޓަރިން ނުކުތްއިރު އާޒިމްއާއި ޒާހިދާ ސިޓިންރޫމުގައި ތިއްބެވެ.
" ކޮފީއެއް ބޯންވީނު…" އާއިން ފެނުމާއެކު އާޒިމް ބުނެލިއެވެ.
" އާނ…" އާއިން ބުނެލިއެވެ.
" އެބަ އަންނަން ކޮފީއެއް ހަދައިގެން…" ޒާހިދާ ތެދުވަމުން ބުނެލިއެވެ. އާއިންވެސް އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ. މިއަދު އޭނާ ޒާހިދާއާ އިންކާރުކުރަން ބޭނުންނުވީއެވެ.
އާއިން މިވަގުތު އެތަނަށް ނުކުތީ ބައްޕައާ މުހިއްމު ވާހަކައެއް ދައްކާލުމުގެ ބޭނުމުގައެވެ. ނަމަވެސް އޭނާއަށް ވާހަކަ ފަށަންވީގޮތެއް ނޭނގިފައި އިނދެވުނެވެ.
" މިހާރު އޮފީހު ކަންކަމަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް ދަރިފުޅު ގެނައި ވާހަކަ ޝިޔާން ބުނި….ކިހިނެއްވީ ކުއްލިއަކަށް ބަދަލެއް ގެނައީ؟.." އާއިންއަށް އައި ބަދަލުގެ އަސްލަކީ ކޮބައިތޯ ބަލާލުމަށްޓަކައި އާޒިމް ދުރުދުރުން ސުވާލުކޮށްލިއެވެ.
" އެއީ ހަމަ ހިތަށްއެރީ ރަނގަޅުބަދަލެއް ގެންނަން….މިބުނީ އޮފީހުގެ މުއައްޒަފުންނާމެދު ވިސްނާފަ…އެންމެނަށްވެސް ފަސޭހަވާނެކަމަށް ބަލާފަ ކަންކަން ބަދަލުކޮށްލީ…." އާއިން ވަރަށް އާދައިގެ ގޮތަކަށް ބުނެލިއެވެ.
" އާނ ވަރަށް ރަނގަޅު ބަދަލެއް އެއީ….ބައްޕަ ހަމަ ތާއީދު.." ހިނިތުންވަމުން އާޒިމް ބުނެލިއެވެ.
އެވަގުތު ޒާހިދާ ކޮފީތަށި ހިފައިގެން އައިސް ސޯފާކުރިމަތީގައި ހުރި ބިއްލޫރި މޭޒުމަތީގައި ބެހެއްޓުމަށްފަހު އާޒިމްގެ ގާތުގައި އިށީނެވެ. އާއިން ހިނިތުންވެލަމުން ކޮފީތަށި ނެގިއެވެ.
" ބައްޕާ…އަހަރެން ވަރަށް މުހިއްމު ވާހަކައެއް ދައްކަން ބޭނުން…" އާޒިމަށް ބަލާލަމުން އާއިން މަޑުމައިތިރި ކަމާއެކު ބުނެލިއެވެ.
" ހަމަ ދައްކަންވީ….ބައްޕަ މިހުރީ އަޑުއަހަން ތައްޔާރަށް…" ގަޔާވެލާފައި އާޒިމް ބުނެލިއެވެ.
" އަހަރެން ބޭނުމީ ބައްޕައާ އެކަނި ވާހަކަދައްކާލަން…" ޖެހިލުންވެފައި އިނދެ އާއިން އެހެން ބުނެލިއެވެ. އެވަގުތު އާޒިމް ޒާހިދާއާ ދިމާ ބަލާލުމުން އޭގެ މާނަ ޒާހިދާއަށް ވިސްނިގެން އޭނާ ތެދުވެގެން ކޮޓަރިއަށް ދިޔައެވެ.
" ބައްޕާ އަހަރެން މިއުޅެނީ ކައިވެނިކުރަން…" އިރުކޮޅަކު ހިމޭނުން އިނދެފައި އާއިން ބުންޏެވެ.
" އޭނ؟…ކައިވެނިކުރާށޭ؟…ތީ ހާދަ އުފާވެރި ޚަބަރެކޭ…އެކަމަކު ކޮންއިރަކުން؟…ކާކާ ކައިވެނި ކުރަނީ؟.." ހައިރާންވީވަރުން އެއްފަހަރާ އެތައްސުވާލެއް އާޒިމް ކުރިއެވެ.
" ވަރަށް އަވަހަށް…ވީ އެންމެ އަވަހަކަށް….އެއީ ވަރަށް ރަނގަޅު ކުއްޖެއް…" އާއިން އުފަލާއެކު ބުނެލިއެވެ. އަދި ފަރަހަނާޒްގެ ވާހަކަ ތަފްސީލުކޮށް އޭނާ ކިޔައިދިނެވެ.
" ބައްޕަ ވަރަށް އުފާވެއްޖެ…ހަމަގައިމުވެސް ދަރިފުޅުގެ ހޮވުން ގޯހެއް ނުވާނެ…." އާޒިމް އޭނާގެ ދަރިފުޅަށް ތައުރީފު ކޮށްލިއެވެ. ބައްޕަގެ ވާހަކަތަކުން އާއިން ވަރަށް އުފާވިއެވެ.
" ދަރިފުޅަށް ތިހާބޮޑު ބަދަލެއް އައުމުގެ ސިއްރަކީ ފަރަހަނާޒް ދޯ؟.." އެންމެފަހުން އާޒިމް އޭނާގެ ހިތުގައި އޮތް ސުވާލުކުރިއެވެ.
" ހޫމް…އެއީ ވަރަށް ތަފާތު ކުއްޖެއް….ވަރަށް ދީންވެރި، ބަސްމަދު މަޑުމައިތިރި ކުއްޖެއް…..ވަރަށް އާދައިގެ ދިރިއުޅުމެއް އުޅޭ ސާދާ ކުއްޖެއް….އޭނާގެ ބައްޕަވެސް ވަރަށް ރަނގަޅު.." އާއިންއަށް ބޭއިޚްތިޔާރުގައި ފަރަހަނާޒްއަށް ތައުރީފު ކުރެވުނެވެ. އާޒިމް ހިނިތުންވެފައި އެއަޑު އަހަންއިނީ، އޭނާގެ ދަރިފުޅަށް އައި ބަދަލުގެ އަސްލު އެނގުނީތީ އުފަލުންނެވެ.
" އެހެންވީމަ ބައްޕަ ކޮންއިރަކުން ފަރަހަނާޒްގެ ބައްޕައާ ބައްދަލުކުރަން ދާންވީ؟.." އާޒިމް ހީލާފައި ސުވާލުކޮށްލިއެވެ.
" މިއަދު މެންދުރުގެ ކެއުމަކަށް މިގެއަށް ގެނައުން ކިހިނެއްވާނީ؟…އަހަރެން ހިނގައިދާނަން ހާދީބޭބެ ބަލާވެސް…" އާއިން ޚިޔާލު ހުށަހެޅިއެވެ.
" އެންމެ ރަނގަޅު…ދަރިފުޅަށް ފެންނަގޮތެއް…ބައްޕައަށް ހާދީގެ ނަމްބަރުފޮނުވާލަދީ…ބައްޕަ ގުޅާނަން ދައުވަތުދޭނަން…އެގޮތް މާރަނގަޅުވާނެ" އާޒިމް ބުނެލިއެވެ.
ހެނދުނުގެ ނާސްތާއަށްފަހު ފަރަހަނާޒް އަވަސްވެގަތީ އޭނާގެ ބައްޕަ ހުކުރަށް ދާނެ ހެދުމެއް އިސްތިރިކޮށް ތައްޔާރު ކުރުމަށެވެ. އޭނާ ބައްޕަގެ ކޮޓަރިއަށް ވަތްއިރު ބައްޕައިނީ ފޯނެއްގައެވެ.
" ލައްބަ..ވަރަށް އުފާވެއްޖެ..އަޅުގަނޑު ދާނަން" އެހެންބުނެލަމުން ހާދީ ފޯނުބޭއްވިއިރު، އޭނާގެ މޫނުމަތިން އުފާވެރިކަން ފާޅުވެއެވެ.
" ބައްޕާ އިސްތިރިކުރަންވީ ކޯއްޗެއް؟.." އަލަމާރި ހުޅުވާލަމުން ފަރަހަނާޒް އަހާލިއެވެ.
" ދަރިފުޅަށް އެންމެރީތި ގަމީހެއް ކުރޭ….މިއަދު ވަރަށް ޚާއްސަމީހަކާ ބައްދަލުކުރަން ދާންއެބަޖެހޭ…އެހެންވީމަ ހުކުރުން ފައިބައިގެން ބައްޕަގެޔަކަށް ނާންނާނަން…" ހާދީ ބުނެލިއެވެ.
" ޚާއްސަމީހެކޭ؟..ކާކު؟.." ހާދީއާވީ ފަރާތަށް އެނބުރިލަމުން ފަރަހަނާޒް ސުވާލުކުރިއެވެ.
" ދެންމެ އެގުޅީ އާއިންގެ ބައްޕަ…ކައިވެނީގެ ކުރިން ބައްދަލުކޮށްލަން ބޭނުމޭބުނީ…" ހާދީ އޮޅުން ފިލުވައިދިނެވެ. އެވަގުތު ފަހަރަނާޒްގެ މޫނުން އުފާވެރިކަމާއި ލަދުވެތިކަން ފާޅުވިއެވެ.
ހެނދުނުގެ ނުވައެއް ޖެހިއިރު އާއިން ހުރީ ހުޅުމާލޭގައެވެ. ހުކުރު ވަގުތު ވާންދެންވެސް އޭނާއަށް ކެތްނުވީއެވެ. މިއަދުގެ ބައްދަލުވުމަށްފަހު ފަރަހަނާޒްގެ އާއިލާއާއި އޭނާގެ އާއިލާ އަބަދަށް ގުޅިލާމެހިގެން ދާނެކަން އޭނާއަށް އެނގެއެވެ. އޭނާގެ ބައްޕަގެ ރުހުން އެހާފަސޭހައިން ލިބިދާނެކަމަކަށް ކުރިއަކުން އޭނާ ހިއެއް ނުކުރެއެވެ. ނަމަވެސް މިހާރު އޭނާގެ ހިތުގައި އެއްވެސް ބިރުވެރިކަމެއް ނެތެވެ. އާއިން އޭނާގެ ކާރު ތަންކޮޅެއް ދުރުގައި ޕާރކްކޮށްލުމަށްފަހު، އުފަލުންހުރެ ގޮސް އިޒްޔަންގެ ގޭގެ ބެލްޖަހާލިއެވެ. ދެތިން ފަހަރު ބެލްޖަހާލުމުން އުޝާ ދޮރުހުޅުވިއެވެ.
" އެހެމް އެހެމް…ދެން ހަމަ އެކުއްޖާގެ މޫނު ދެކިނުލާ ކެތްނުވީދޯ؟…މިހާ ހެނދުނާ އަހަރެމެންގެ ނިދި ހަލާކުކުރަން ތިއައީ؟…" ދޮރުމަތީގައިހުރި އާއިން ފެނުމުން އުޝާ ދިމާކޮށްލިއެވެ.
" މިދެން މީހުން ނިދާގަޑިތަ؟…މިހާރު އެޔޮއް މެންދުރުވަނީ އަދިވެސް އިޒީ ނުހޭލަނީތަ؟.." އެތެރެއަށް ވަންނަމުން އާއިން ބުނެލިއެވެ.
" ހޫމް…އިޒީ ނުހޭލާ އަދި…އާން ސައިބޯންވީނު…" ސޯފާގައި އިށީއްނަމުން އުޝާ އަހާލިއެވެ.
" ނޫން…ސައިބޮއެފިން…" އާއިން ޖަވާބުދެމުން ބެލްކަންޏަށް ނުކުތެވެ.
އޭނާ ބޭރުބަލާލީ ފަހަރަނާޒް ފެނިދާނެ ކަމުގެ އުއްމީދުގައެއް ނޫނެވެ. ނަމަވެސް އެވަގުތަކީ ފަރަހަނާޒްވެސް ފިހާރައަކަށް ގޮސްފައި އެނބުރި ގެޔަށް އައި ވަގުތެވެ. ފަރަހަނާޒް ގެޔާއި ކައިރިވުމުން، އާއިން އެތާހުރިކަން އަންގާލުމަށްޓަކައި ތުނބުން ފުމެލިއެވެ. ފަރަހަނާޒަށް އެއަޑު އިވުނުނަމަވެސް ބަލާނުލައި ކުރިޔަށް ދިޔައެވެ. އާއިން އަނެއްކާވެސް ތުނބުން ފުމެލިއެވެ. ދެންވެސް ފަރަހަނާޒް ބަލައެއްނުލިއެވެ. ސިޓިންރޫމުގައި އާއިންއަށް ބަލަންހުރި އުޝާއަށް އެއްޗެއް ވިސްނިގެން ދުވެފައި ބެލްކަންޏަށް ނުކުތެވެ.
" ހޭއި….ނާޒް.." އުޝާ ގޮވާލުމާއެކު ފަހަރަނާޒް ހުއްޓިފައި މަތިބަލާލިއެވެ. އެވަގުތު އުޝާ އެއްފަރާތަކަށް ޖެހިލާފައި ފިލިއެވެ. ފަރަހަނާޒް މަތި ބަލާލިއިރު އާއިން ފެންނަން ހުރުމުން ހައިރާންވެފައި އިރުކޮޅަކު ބަލަން ހުއްޓެވެ. އާއިން ހީލާފައި އަތްހޫރާލުމުން ފަރަހަނާޒްވެސް ލަދުރަކިގޮތަކަށް ހީލާފައި އަވަސް އަވަހަށް އެތެރެއަށް ވަދެއްޖެއެވެ.
" ހޫމް ހޫމް…މިއީދޯ ނިދަން ނޯވެވިގެން މިއައި ކަމަކީ؟…މިހާރު މިއެނގުނީ…" އުޝާ އައިސް އާއިންގެ ގާތަށް ހުއްޓެމުން ދިމާކޮށްލިއެވެ. އާއިން ބަހެއްވެސް ނުބުނެ ހީލަ ހީލަ ހުއްޓެވެ.
ހުކުރު ވަގުތު ޖެހުމުން އިޒްޔަންވެސް އާއިންއާއެކުގައި ތިރިޔަށް ދިޔައެވެ. އާދައިގެ މަތިން އިޒްޔަން ދިޔައިރު، ހާދީހުރި ތައްޔާރުވެގެން އޭނާގެ އިންތިޒާރުގައި ބޭރަށް ނުކުމެއެވެ. ހާދީ ފެނުމުން އާއިން ލަދުގަންނަ ގޮތްވިއެވެ.
" އަނހާ! މިއަދު އާއިންވެސް އައިދުވަހަކީތަ؟…" ވަރަށް އާދައިގެ ގޮތަކަށް ހާދީ ސުވާލުކޮށްލިއެވެ.
" ހޫމް…އިރުއެރީއްސުރެ މިރަށުގަ ކަންނޭނގެ…އަހަރެން ހޭލިއިރުވެސް އުޅޭގޭގަ…ހީވަނީ ރޭގަ ނުވެސް ނިދަނީހެން…" ތަންވަޅުބަލާފައި އިޒްޔަން އާއިންއާ ދިމާކޮށްލިއެވެ.
ހާދީ ޖަވާބެއްނުދީ ހިނިތުންވުމަކުން ފުއްދާލިއިރު، އާއިންހުރީ ލަދުން ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. އާއިންގެ އެދުމުގެ މަތިން ހާދީއާއި އިޒްޔަންވެސް ހުކުރަށް ދިޔައީ އޭނާގެ ކާރުގައެވެ.
ހުކުރު ނަމާދަށްފަހު ތިންމީހުން އެކުގައި މިސްކިތުން ފޭބިއެވެ.
" ހާދަ ރީތި ކިޔެވުމެކޭ މިއަދު އެއަޑުއިވުނީ…" ހުކުރުކުރި އިމާމުގެ ކިޔެވުމަށް ހާދީ ތައުރީފުކުރިއެވެ. އިޒްޔަންއާއި އާއިންވެސް އެކަމާއި އެއްބަސްވިއެވެ. ކާރުގައިތިބިއިރުވެސް އެމީހުން ވާހަކަދައްކަމުން ދިޔައީ އިމާމާބެހޭގޮތުންނެވެ.
އެއީ އަލަށް އެމިސްކިތުގައި ނަމާދުކުރަންފެށި ޒުވާނެއްކަމުގައި އިޒްޔަން ބުންޏެވެ. ވާހަކައިގައި ތިއްބައި ގެޔާހަމައަށް އާދެވުމުން އާއިން ކާރު މަޑުކުރިއެވެ.
" ބޭބެ…މިއަދު އާންގެ ގެޔަށްތަ ދަނީ؟.." ހާދީ ނުފައިބައި އިނުމުން އިޒްޔަން ސަމާސާކޮށްލުމުގެ ގޮތުން އަހާލިއެވެ.
" އާނ…ބޭބެއަށް މިއަދު އޮތީ ދައުވަތެއް ލިބިފަ…." ހިނިތުންވެލަމުން ހާދީ ބުނެލިއެވެ. އެވަގުތު އިޒްޔަން އާއިންއަށް ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ. އާއިން ހީލިގޮތުން އިޒްޔަންއަށް ޖަވާބު ލިބުނެވެ. އިޒްޔަންވެސް ހީލާފައި އެތެރެއަށް ވަނުމުން އާއިން ކާރު ދުއްވާލިއެވެ.
އާއިންމެންގެ އިންތިޒާރުގައި ސިޓިންރޫމުގައި އިން އާޒިމް އިސްފުލައި ބަލާލީ ގޭގެ މައިދޮރު ހުޅުވުނު އަޑަށެވެ. އާއިންއާއެކު ގޭގެތެރެއަށް ވަތް ހާދީފެނިފައި އާޒިމް ސޯފާއިން ތެދުވިއެވެ.
" އައްސަލާމު އަލައިކުމް" އާޒިމް އިސްވެ އާޒިމްއަށް ސަލާމްކޮށްލިއެވެ.
"ވައަލައިކުމް ސަލާމް…" ހާދީވެސް ހިނިތުންވެފައި އާޒިމްގެ އަތުގައި ހިފާލަމުން ސަލާމަށް ޖަވާބުދިނެވެ.
" އަވަހަށް އާދޭ….ކައިގެން ވާހަކަދައްކާނީ…" އާޒިމް އެދުނެވެ. ތިންމީހުން އެކުގައި ގޮސް ކާމޭޒުދޮށުގައި އިށީނުމުން ޒާހިދާ ތަށިތަކުގެ މަތިނަގަން ފެށިއެވެ.
****
ދެއާއިލާ ބައްދަލުވެ ތަޢާރަފު ވެއްޖެއެވެ. ޚިޔާލު ބަދަލުކުރެވި، ކައިވެނީގެ ތާރީޚުވެސް ކަނޑައަޅައި ނިމިއްޖެއެވެ. ކުރިޔަށްއޮތީ ފަރަހަނާޒްގެ އިމްތިހާނުގެ ދުވަސްވަރުކަމުން އާއިން، ކައިވެނި ހަމަޖެނުނީ އިމްތިހާނުގެ ފަހުންނެވެ. އެހެންކަމުން ފަރަހަނާޒަށް ހަމަޖެހިލައިގެން އިމްތިހާނަށް ތައްޔާރުވާނޭ ފުރުސަތު ލިބުނެވެ.ހުރިހާކަމެއްވެސް ނުހަނު އަމާންކަމާ އޮމާންކަމާއެކު ކުރިޔަށް ދިޔައެވެ.ދުނިޔޭގެ ބަދަލުވަމުންދާ އޮޔާއި ވަޔާމެދު ފިކުރުކުރުމެއްނެތި، އާއިންއާއި ފަހަރަނާޒް އެމީހުންގެ މުސްތަޤުބަލުގެ ފޮނިހުވަފެންތައް ދެކެމުން ރޭދުވާ ގުނަމުން ދިޔައެވެ.
އެއްދުވަހެއްގެ ހަވީރުގެ ވަގުތެވެ. އާއިން އޭނާގެ އޮފީހުގައި އަވަދިނެތި މަސައްކަތެއްގައި އުޅެމުންދިޔައެވެ. ކައިވެނީގެ ކުރިން ނިންމަން ޖެހޭ ވަރަށްގިނަ ކަންކަންވެސް އެބަހުއްޓެވެ. އެހެންކަމުން މިދުވަސްވަރު އޭނާ ވަރަށްގިނަ ވަގުތު އޮފީހުގައި ހޭދަކުރަމުން ދިޔައެވެ. މިއަދުވެސް އޮފީހުގެ ރަސްމީގަޑި ނިމުމުން އޭނާމަޑުކުރީ، ނިންމަންޖެހޭ މަސައްކަތްތަކެއް ހުރުމުންނެވެ. އިސްޖަހައިގެން އޭނާ ފައިލަކަށް ބަލަން އިންދައި ކޮންމެވެސް މީހަކު ދޮރުހުޅުވާލި އަޑުއިވުނެވެ. އާއްމުކޮށް މިވަގުތު އޮފީހުގައި އުޅޭނީ އޭނާގެ ޕީއޭ ޝިޔާންއެވެ. އެހެންކަމުން ޝިޔާން ކޮންމެވެސް ބޭނުމަކު އައީކަމުގައި ހީކޮށްފައި އޭނާ އިސްއުފުލާ ބަލާލިއެވެ. ނަމަވެސް އެވަގުތު އޭނާއަށް ފެނުނީ މިވަގުތު އެތަނުން ފެނިދާނެކަމަށް ހީކޮށްފައިވެސް ވާ މޫނެއްނޫނެވެ.
" ޝައުން؟…" ކުރިމަތީގައި ހުރި އަންހެން ކުއްޖާ ފެނުމާއެކީ ހައިރާންވެފައި އާއިންއަށް ބުނެވުނީ ފެނުނު މަންޒަރު ގަބޫލުކުރަން ދަތިވެފައެވެ.
ނުނިމޭ