Last Updated: April 27, 06:22
Saturday, April 27, 2024
ރިޕޯޓް

އައިމަން: ޑިޖިޓަލް އާޓުގައި ކުޅަދާނަ އާޓިސްޓެއް!

އާޓަށް ރާއްޖޭގައި އޮންނަ ތަރުހީބު އިތުރުކޮށް، އާޓްގެ މުހިންމުކަން މީހުންނަށް އެންގުމުގައި ހަރަކާތްތެރިވާ އެއްބަޔަކަށް ވާނީ އާޓިސްޓުންނެވެ. ސ. މަރަދޫ ފޭދޫ، އުމުރުން 19 އަހަރުގެ މުހައްމަދު އައިމަން އަލީ، ނުވަތަ ގިނަ ބަޔަކަށް އިންސްޓަގްރާމުން އެނގޭ ނަމުންނަމަ، މެއަ.އާޓްއެމް (mea.artem) އަކީ މިފަދަ އާރޓިސްޓެކެވެ.

2017 ވަނަ އަހަރު އޭ ލެވެލް ނިންމުމަށްފަހު މިހާރު ރިސޯޓެއްގައި ވަޒީފާ އަދާކުރަމުންދާ އައިމަން، ކުރިން ވަނީ ރިސޯޓެއްގެ ސޭލްސް އެސިސްޓެންޓް އަދި ރެސްޓޯރެންޓެއްގެ ކޭޝިއަރެއްގެ ގޮތުގައި މަސައްކަތްކޮށްފައެވެ. މީގެ އިތުރުން އައިމަން ވަނީ އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމުވެސް ފުރިހަމަކޮށްފައެވެ. މިހުރިހާ ކަމެއްގެ ތެރޭގައިވެސް އައިމަން މެދުކެނޑުމެއްނެތި ކުރަމުންއައި އެއް ކަމަކީ ކުރެހުމެވެ.

* ކުރެހުމާއި އާރޓްގެ މަސައްކަތް ފެށުނީ ކިހިނެތް؟

ހަނދާން ހުންނަ އިރުއްސުުރެ އަބަދުވެސް ކުރަހަން. ހިނގެން ފެށުމުގެ ކުރިންވެސް ކުރަހާ އުޅުނިންހެން ހީވަނީ. އެކަމަކު މިހާރު ކުރަމުންދާ ޑިޖިޓަލް އާރޓްގެ މަސައްކަތް ފެށުނީ މޯލްޑިވްސް އެކެޑަމީ އޮފް ވިޝުއަލް ކޮމިއުނިކޭޝަން އަދި ނެނޯފޯރޑް ސޮލިއުޝަންސް ގުޅިގެން ކުރިއަށް ގެންދިޔަ 15 ދުވަހުގެ އެޑްވާންސްޑް ގްރެޕިކްސް ޑިޒައިން ވޯކްޝޮޕެއްގައި ބައިވެރިވުމަށްފަހު. ފުރަތަމަ ޑިޖިޓަލް އާރޓްވެސް ފެށީ އިންސްޓަގްރާމް އެކައުންޓަށްލާން ރަނގަޅު އޯގަނައިޒްޑް ކޮންޓެންޓް ބޭނުންވެގެން. އާންމުކޮސް ކުރަހާ އުޅެނީ ފޯނުގަ އެޑޯބް އިލުސްޓްރޭޓަރ ޑްރޯ އެޕް ބޭނުންކޮށްގެން.

މިހާރު އެކަމަކު ކޮމިޝަން މަސައްކަތް ކޮންމެވެސް ވަރަކަށް ކުރަން. އިންސްޓަގްރާމް އެކައުންޓަށް މީހުން ފޮޓޯއެއް ފޮނުވާފަ ކުރަހާދޭން އެދުނީމަ ކުރަހަދެނީ. އެގޮތަށް ކުރާ މަސައްކަތުގަ އަގު ޑިޕެންޑްވަނީ އެމީހަކު ފޮނުވާ ފޮޓޯއަށް. ކޮލިޓީ ރަނގަޅު ފޮޓޯއެއް ކުރަހާދޭއަގު ކުޑަވާނެ. ގާތްގަނޑަކަށް 30 އާއި 50 ރުފިޔާ އާދެމެދު ކޮންމެ ގަޑިއިރަކަށް. ކޮމްޕްލިކޭޓެޑް ފޮޓޯއެއް ކުރަހަން ނަގާ ވަގުތުވެސް ގިނަވާނެ. އެހެންވީމަ ކުރަހަން ނަގާ ވަގުތަށްވެސް އަގު ޑިޕެެންޑްވާނެ.

* މިހާތަނަށް މިދާއިރާއިން ލިބުނު ކާމިޔާބީތަކަކީ ކޮބާ؟ އަދި މިކަމަށް އެންމެ އެއްބާރުލުން ދެނީ ކޮން ފަރާތަކުން؟

ޕްރައިމަރީ ސްކޫލްގަ ޕޯސްޓަރ ކުރެހުމުގެ މުބާރާތްތަކުން 1 ވަނަ އަދި 2 ވަނަ ލިބިފަ ހުންނާނެ ކޮންމެވެސް ވަރަކަށް. ދެން ގްރެފިކް ޑިޒައިން ކޯސް ފުރިހަމަ ކުރެވުމަކީވެސް ކާމިޔާބީއެއްގެ ގޮތުގަދެކެނީ. މި މަސައްކަތް މީހުން ބަލައިގަނެ، އެކި ފަރާތްތަކުން މިކަން ކޮށް، ކުރިއަށް ދިޔުމަށް ދޭ އެއްބާރުލުމާ، އާޓްގެ އަގު ވަޒަންކުރުމަކީ އާޓިސްޓެެއްގެ ގޮތުގަ ލިބޭވަރަށް ބޮޑު ކާމިޔާބީއެއް. ޚާއްސަކޮށް އާއިލާ އަދި އެކުވެރިންގެ ފަރާތުން ކުރެހުމަށް ވަރަށް ހިއްވަރުދޭ. އާޓް އިންސްޓަގްރާމް އެކައުންޓެއް ހުޅުވީވެސް އެކުވެރިން އެކަމަށް ބާރުއެޅިވަރުން. މެއަ.އާޓްއެމް އިންސްޓަގްރާމް ނަމެއްގެ ގޮތުގަ ސަޖެސްޓް ކުރީވެސް ފްރެންޑެއް. ލެޓިން ބަހުން މި ނަމުގެ މާނައަކީ "އަހަރެންގެ އާޓް".

* ކުރިއަށް އޮތްތަނުގައި ހާސިލުކުެރަން ބޭނުންވާ ކަމަކީ ކޮބާ؟

ބޭނުންވަނީ ރަނގަޅު އާމްދަނީއެއް ލިބޭ މަސައްކަތެއް ކުރަން. އާކިޓެކްޓަކަށްވުމަކީ ވަރަށް ބޮޑު ހުވަފެނެއް. އެކަމަކު އޭގެ އިތުރުން އަބަދުވެސް ފްރީލޭންސް ގްރެފިކްސް ޑިޒައިނަރއެއްގެ ގޮތުގަ މަސައްކަތް ކުރާނަން. އަދިވެސް މިދާއިރާއިން ކުރިއަށްގޮސް އާކަންކަން ދަސްކޮށް މިހާރު ހުރި ހުނަރުތައް އިތުރަށް ފުރިހަމަ ކުރުން އެއީ ވަރަށް ބޮޑަށް އެދޭކަމެއް.

* މިދާއިރާއިންކުރިއަށް ދާން ބޭނުން އެހެން ފަރާތްތަކަށް ދޭން އޮތް މެސެޖަކީ ކޮބާ؟

ޕްރެކްޓިސް، ޕްރެކްޓިސް، ޕްރެކްޓިސް. ވީހާވެސް ގިނައިން ކުރަހާށޭ. ވިހާވެސް ގިނައިން ޓްރައި ކުރާށޭ. ނެވަރ ބީ އަފްރެއިޑް ޓު ޓްރައި ނިއު ތިންގްސް. ކޮމިޓްމެންޓް އާ ޑެޑިކޭޝަން އަކީ ވަރަށް މުހިންމު ދެ އެލެމެންޓް އާރޓްގަ. އެހެންވީމަ ކުރާ ކޮންމެ ކަމެއްވެސް ކުރާ ހިތުން، ކުރަން ބޭނުންވެގެން ކުރީމަ ކުރިއަށް ދެވޭނެެއޭ ބުނެވޭނީ.