ސަރުކާރު ކޯލިޝަން ރޫޅާލާ މީހަކަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ނުވާނެ ކަމަށް، ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
އޮންލައިން ނޫސް "އަވަސް" އިން ގެނެސްދޭ "އަވަސް ހުކުރު" ޕްރޮގްރާމްގައި ވާހަކަދައްކަމުން ޓޫރިޒަމް މިނިސްޓަރުކަން ވެސް ކުރައްވަމުން ގެންދަވާ އަލީ ވަހީދު ވިދާޅުވީ ގާސިމް އަކީ މި ސަރުކާރު ގެންނަން ވަރަށް އިހުލާސްތެރިކަމާ އެކު މަސައްކަތްކުރި މީހެއް ކަމަށާއި މި ކޯލިޝަން ރޫޅާލާނެ މީހަކަށް ގާސިމް ވާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
"ޖުމްހޫރީ ޕާޓީ މި ކޯލިޝަން ރޫޅައެއް ނުލާނެ. އަދި ގާސިމެއް މި ކޯލިޝަނުގެ ދުޝްމަނަކަށް ވާނެ ކަމަކަށް ގަބޫލެއް ނުކުރަން" އަލީ ވަހީދު ވިދާޅުވިއެވެ.
ވަކިވަކި މަައްސަލަތަށް ފާހަގަކޮށް އެ ކަންކަން އިސްލާހުކުރަން އެންމެން ވެސް މަސައްކަތް ކުރަންވީ ކަމަށާއި ނަމަވެސް ޒާތީ ގޮތުން ފާޑުކިޔައިގެން އެކަމުން އެންމެންނަށް ވެސް ވާނީ ގެއްލުން ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. އަދި ބައެއް ކަހަލަ ކަންކަމުގައި ހިޔާލުތަފާތުވުންތައް ހުންނާނެ ކަމަށާއި ނަމަވެސް އެއީ މާބޮޑު ކަންކަމަށް ހަދައިގެން ނުތަނަވަސްކަން ގެންނަންޖެހޭ ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"ހިޔާލުތަފާތުވުން އަންނާނެ، މިއަދު އެކަންޏެއް ނޫން މާދަމާ ވެސް އަންނާނެ. އެހެން ނަމަވެސް ހިޔާލުތަފާތުވާން ވާނީ ރައްޔިތުން އަޅުގަނޑުމެން އެންމެންނާއި ހަވާލުކުރި އަމާނާތް ނުގެއްލޭ ގޮތަށް" އަލީ ވަހީދު ވިދާޅުވިއެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގޮނޑިތައް ބެހުމުގައި ކޯލިޝަނުގެ ތެރޭގައި ހިޔާލުތަފާތުވުންތައް އުފެދިފައިވާއިރު އަލީ ވަހީދު ވިދާޅުވީ ކޯލިޝަނުގެ ތެރޭގައި މާބޮޑު މައްސަލައެއް ނެތް ކަމަށާއި ކޯލިޝަން އޮތީ ވަރަށް ބަދަހިކޮށް ކަމަށެވެ. އަދި ބައިބައިވުމާއި ދެބަސްވުމުގައި ދުރުނުވާ ވަރަށް ދުރުވެވިއްޖެނަމަ އެކަމުގެ ނިކަމެތިކަން ލިބޭނީ ރައްޔިތުންނަށާއި ގައުމަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"ކޮންމެ ޕާޓީއަކީ ވެސް ފިކުރުގެ ގޮތުން ތަފާތު ޕާޓީއެއް. އެއްބަސްވެވިގެން ކުރިޔަށް ދެވޭތީ ހުރިހާ އެންމެން ވެސް މިތިބީ ސަރުކާރުގަ މިއަދު އަޅުގަނޑު ދެކޭ ގޮތުގައި ދިވެހި ރައްޔިތުންލި ވޯޓަކީ ހަމަޖެހުމަށް، ސުލްހަ މަސްލަހަތަށް، އަޅުގަނޑުމެން އެންމެން ވެސް މަސައްކަތް ކުރަންވީ މި ސަރުކާރު ރައްޔިތުންނަށް އަމާންކަމާއި އޮމާންކަމާއެކު ބޭއްވުމަށްޓަކައި" އަލީ ވަހީދު ވިދާޅުވިއެވެ.