ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުޙައްމަދު ނަޝީދު ނ. މިލަދޫ އަށް މިއަދު ހަވީރު 16:30 ގައި ކުރެއްވި ދަތުރުފުޅުގައި އެ ރަށުގެ ބަޔަކު ނިކުމެ ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
މި ހަމަނުޖެހުމުގައި ރަށުގެ ބަނދަރު ސަރަޙައްދަށް ބަޔަކު ނިކުމެ ނަޝީދު ރަށަށް އެރުވިޔަ ނުދިނުމަށް ވަނީ މަސައްކަތްކޮށްފަ އެވެ. ނަމަވެސް ފުލުހުން އެކަން ހުއްޓުވައި އެއްވެ ތިބި މީހުން ފަހަތަށް ޖައްސައި ނަޝީދު ސަލާމަތްތެރިކަމާ އެކު ވަނީ ރަށަށް އަރުވާފައި ކަމަށް ފުލުހުން ބުންޏެވެ.
އަދި އެރަށުގައި ހުންނަ އެމްޑީޕީ ޖަގަހަ އާއި ހަމައަށް ފުލުހުންގެ އެހީތެރިކަ މާއެކު ގެންގޮސް ދިނުމަށް ފަހު ޖަގަހާގައި ކުރިއަށް ދިޔަ ޖަލްސާ ނިމިގެން ނަޝީދު ރަށުން ފުރާވަޑައިގަންވަންދެން ރަށުގައި ހަމަނުޖެހުން ހިނގިޔަ ނުދިނުމަށް ފުލުހުން ވަނީ ޙަރަކާތްތެރިވެފަ އެވެ.
މިލަދޫގެ ހަމަނުޖެހުންތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ޢުމުރުން 21 އަހަރުގެ މީހަކާއި 27 އަހަރުގެ މީހެކެވެ.