Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

ދުން ބުރުވީ ވޯޓާއި ދިމާކޮށެއް ނޫން: ޑީޑީ

މަދިރި މަދުކުރުމަށް "ދުން ބުރުވީ" ވޯޓާއި ދިމާކޮށް ނޫން ކަމަށް ހިތަދޫ މެދު ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމްދީދީ ވިދާޅުވެއްޖެއެވެ.

އިބްރާހިމްދީދީ މިހެން ވިދާޅުވެފައި ވަނީ މަދިރީގެ މައްސަލައާއި ބެހޭގޮތުން ޓްވިޓަރގައި އާއްމު މީހަކު ކުރެއްވި ޓްވީޓަކަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.

ޓްވިޓާރގައި ޚިޔާލު ފާޅުކުރި މީހާ ދައްކާފައި ވަނީ ވޯޓާއި ދިމާކޮށް އައްޑޫގައި ބައެއް ކެންޑިޑޭޓުން މަދިރި މަދުކުރުމަށް ފޮގްކުރާތީ އެކަމާއި ބެހޭގޮތުންނެވެ. އެގޮތުން އިބްރާހިމްދީދީ ވެސް "ސަކަރާތް ނުގަނެ ނާގާބިލު ކައުންސިލް ބަދަލުކުރުމަށް" އެމީހާ ވަނީ ގޮވާލާފައެވެ.

އެވާހަކަތަކަށް ރައްދު ދެއްވައި ކުރެއްވި ޓްވީޓުގައި އިބްރާހިމްދީދީ ވިދާޅުވީ، "ދުން ބުރުވީ ވޯޓާއި ދިމާކޮށް ނޫން" ކަމަށެވެ. އެ މަސައްކަތަކީ މަޖިލީހަށް އައުމުގެ މާކުރިން ވެސް ކުރި މަސައްކަތެއް ކަމަށާއި އަދިވެސް އެކަން ކުރައްވާނެ ކަމަށް އިބްރާހިމްދީދީ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އިބްރާހިމްދީދީ ކުރެއްވި އެހެން ޓްވީޓެއްގައި ވަނީ އައްޑޫ ސާފުކުރުމަށް ކައުންސިލަށް ގޮވާލައްވާފައެވެ. އަދި މުޅިރަށް ވަނީ ގޮނޑަކަށް ވެފައި ކަމަށާއި އެހެންވެ ކިތަންމެ ވަރަކަށް ފޮގް ކުރިޔަސް މަދިރި މަދުނުކުރެވޭނެ ކަމަށް އިބްރާހިމްދީދީ ވިދާޅުވިއެވެ.

"މަދިރި އުފެދެނީ ކުނީގެ ސަބަބުން" އިބްރާހިމްދީދީ ވިދާޅުވިއެވެ.

އިބްރާހިމްދީދީ ވަނީ ޓްވިޓަރގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އެހީތެރިކަމާއި އެކު އައްޑޫގައި މަދިރި މަދުކުރުމުގެ ޕްރޮގްރާމެއް ހިންގަން މަސައްކަތް ކުރެއްވި ކަމަށް ވެސް ވިދާޅުވެފައެވެ. އެހެން ނަމަވެސް އޭގެ ތަފްސީލެއް ހާމަކުރައްވާފައެއް ނުވެއެވެ.