Last Updated: June 10, 14:00
Wednesday, June 10, 2026
ޚަބަރު

"ގޭންގް ކުށް ހުއްޓުވަން ގާނޫނީ ހުރިހާ ބާރެއް ބޭނުން ކުރާނެ"

އައްޑޫގައި އެސްއޯ ފުލުހުން ހަރަކާތްތެރި ވަނީ. ފޮޓޯ/ އައްޑޫ ލައިވް

ގޭންގު ކުށްތައް ހުއްޓުވުމަށް ޤާނޫނީ އިމުގެ ތެރެއިން ލިބޭ ހުރިހާ ބާރެއް ބޭނުންކޮށްގެން މަސައްކަތް ކުރުމަށް އެކަމަށްޓަކައި މޯލްޑިވްސް ޕޮލިސް ސަވިސްގައި އެކުލަވައިލެވިފައިވާ ޓާސްކް ފޯސް އަށް ކޮމިޝަނަރު އޮފް ޕޮލިސް ޢަބްދުﷲ ރިޔާޒް ގޮވާލައްވައިފި އެވެ.

ނުރައްކާތެރި މާރާމާރީ އާއި ގޭންގް ހަރަކާތްތައް ހުއްޓުވުމަށް ސީޕީ އުފެއްދެވި ޓާސްކް ފޯސްގެ މެމްބަރުންނާ އަންގާރަ ދުވަހު ބައްދަލުކުރައްވައި ރިޔާޒް ވިދާޅުވީ ތޫނު އެއްޗެހި ބޭނުންކޮށްގެން ހިންގާ ބޮޑެތި މާރާމާރީތަކާއި ޒުވާނުންގެ މެދުގައި ހިންގާ ވައިލެންޓް ކްރައިމްސް ހުއްޓުވުމަށް ކަމާ ގުޅޭ އެންމެހައި ފަރާތްތައް ގުޅިގެން ޚާއްސަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށެވެ.

އެ ގޮތުން ގްރޫޕްތަކުން އެއްވާ ސަރަހައްދުތައް ޚާއްސަ ގޮތެއްގައި ބަލަހައްޓައި އެފަދަ ތަންތަން ބަލައި ފާސް ކުރުމާއި އަދި ގޭންގުތަކަށް ނިސްބަތްވާ ފަރާތްތަކާއި ގުޅޭ ގޮތުން މީގެ ކުރިން ހުށަހެޅިފައިވާ މައްސަލަތައް އަލުން ދިރާސާކޮށް ފުލުހުން އިސް ނަގައިގެން އެފަދަ މައްސަލަތައް އަވަހަށް ނިންމައި އެ ފަރާތްތަކަށް ލިބެން ޖެހޭ އަދަބުތައް ދިނުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރުމަށް އެދިވަޑައިގެންނެވި އެވެ.

މީގެ އިތުރުން ގޭންގު ކުށްތަކާއި ދެކޮޅަށް މަސައްކަތްކުރުމުގައި ޢާންމު ރައްޔިތުންގެ އެއްބާރުލުން ހޯދުމަށާއި ފުލުހުންނަށް މަޢުލޫމާތު ފޯރުކޮށްދޭ ފަރާތްތަކުގެ އައިޑެންޓިޓީ ނޭނގޭ ގޮތަށް މަޢުލޫމާތު ފޯރުކޮށް ދެވޭނެ އިންތިޒާމްތައް ހުރިކަން ޢާންމުންނަށް ބުނެދީ ތޫނު ހަތިޔާރުން ދެވޭ ހަމަލާތަކާއި ދެކޮޅަށް ޚާއްސަ ކެމްޕެއިންތައް ކުރިއަށް ގެންދިއުމަށް އެދިވަޑައިގެންނެ ވިއެވެ.

ޓާސްކް ފޯސްގެ މަސައްކަތް މިހާރު ފެށިގެން ކުރިއަށް ގެންދާ އިރު މި ޓީމްގައި ހިމެނިވަޑައިގަންނަވަނީ މޯލްޑިވްސް ޕޮލިސް ސަވިސްގެ އެގްޒެކެޓިވް ލެވެލްގެ އޮފިސަރުންނެވެ.

އޭގެ ތެރޭގައި ފޮރެންސިކް ޑައިރެކްޓްރޭޓާއި އިންޓެލިޖެންސް އެންޑް ކޯވަޓް ޕޮލިސިން އާއި އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޑައިރެކްޓްރޭޓާއި ސެންޓްރަލް އޮޕްރޭޝަން ކޮމާންޑާއި ޑިވިޝަނަލް އޮޕަރޭޝަން ކޮމާންޑްގެ އިސް ވެރިން ހިމެނިވަޑައިގަންނަވަ އެވެ.