Last Updated: April 23, 21:11
Tuesday, April 23, 2024
ޚަބަރު

ތިން ފަރާތެއްގެ ކޭސްތަކުގެ މައުލޫމާތު ހިއްސާކޮށްދިނުމަށް ކޮމިޝަނުން އެދިއްޖެ

އަނިޔާވެރި ގޮތަކަށް މަރާލެވިފައިވާ ދެ ފަރާތަކާއި އަދި ގެއްލުވާލާފައިވާ ފަރާތެއްގެ މައުލޫމާތު ހިއްސާކޮށްދިނުމަށް، މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުޤީޤްކުރާ ކޮމިޝަނުން އާންމު ރައްޔިތުންގެ ކިބައިން އެދިއްޖެ އެވެ.

މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުޤީޤްކުރާ ކޮމިޝަން އުފައްދަވާފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، މަޤާމްގެ ހުވާކުރެއްވި ދުވަހު އެވެ.

އެ ކޮމިޝަނުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އާއި، ބްލޮގަރ ޔަމިން ރަޝީދުގެ އިތުރުން ގެއްލުވާލާފައިވާ ނޫސްވެރިޔާއާއި ގުޅޭ އެއްވެސް މައުލޫމާތެއް ދިނުމަށް ބޭނުންވާ ފަރާތެއްވާ ކަމުގައިވާނަމަ އެ މައުލޫމާތެއް ހިއްސާކޮށް ދިނުމަށް އެދޭކަމަށެވެ. އެގޮތުން ކޮމިޝަނަށް ބޭނުންކުރެވިދާނެ ފަދަ އެއްވެސް މައުލޫމާތެއްވާކަމުގައިވާނަމަ ޓުވިޓާގެ ޑައިރެކްޓް މެސެޖް މެދުވެރިކޮށް ނުވަތަ އީމެއިލްކޮށްދިނުމަށް ކޮމިޝަނުން އެދިފައިވެއެވެ.

ކޮމިޝަނުން ކޮށްޕައިވާ ޓްވީޓާއި ގުޅިގެން އާންމު ފަރާތަކުން ވަނީ ޑރ. އަފްރާޝީމް، ޔާމީން އަދި ރިޟްވާންގެ މަރުގެ ތުހުމަތު ތަކަކީ މި ރާއްޖޭގެ ސިޔާސީ ނުފޫޒުގަދަ މީހުންނާއި ހަމައިން ދައުލަތުގެ މުއައްސަސާތަކަށް ބޭނުން ކުރެވިގެން ހިންގާފައިވާ ޖަރީމާއެއް ކަމަށާއި ކޮމިޝަނަށް ހިއްސާކުރާ މައުލޫމާތު ދޭ ފަރާތްތަކަށް އޮތީ ކިހާވަރެއްގެ ރައްކަލެއްތޯ ސުވާލު ކޮށްފައެވެ.

އާންމު ފަރާތަކުން ކޮށްފައިވާ މި ޓްވީޓަށް ޖަވާބުދާރީވުމުގެ ގޮތުން ކޮމިޝަނުން ކުރެއްވި ޓްވީޓްގައި ވަނީ ކޮންމެ މައުލޫމާތެއް ހިއްސާކުރި ކަމުގައިވީ ނަމަވެސް، މައުލޫމާތު ހިއްސާކުރި މީހެއްގެ ވަނަވަރު ކޮމިޝަނުން ސިއްރުކޮށްދޭނެ ކަމަށެވެ. އަދި އެފަރާތަކަށް ދޭންޖެހޭ ރައްކާތެރިކަން ދޭނެކަމުގެ ޔަޤީންކަންދޭ ކަމަށްވެސް ކޮމިޝަނުން ބުނެފައިވެއެވެ. އަދި މައުލޫމާތު ހިއްސާކުރާއިރު، އެ މީހަކު ކާކުކަން ނޭނގޭގޮތަށް ހިއްސާކޮށްދިނުމަށް ބަރުއަޅާކަމަށްވެސް ކޮމިޝަނުން ބުނެފައިވެއެވެ.