Last Updated: April 19, 13:47
Friday, April 19, 2024
ޚަބަރު

އަރުޝަމްގެ މަރަށް އަހަރެއް!

އައްޑޫ ސިޓީ ލިންކް ރޯޑުގައި ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ މިިނިސްޓްރީ އޮފް އެންވަޔަރަމަންޓްގެ ޕިކަޕް ޓްރަކަކުން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓެއްގައި ގދ. ވާދޫ ނެސްޓް، އަރުޝަމް އިބްރާހިމް ނިޔާވިތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ.

އަރުޝަމުގެ އާއިލާގެ މެންބަރުންނާއި ރަޙްމަތްތެރިން އަދިވެސް ތިބީ އެ މަރުގެ މައްސަލައިގައި އިންސާފު ލިބޭނެ ކަމުގެ އުއްމީދުގައެވެ. އެހެން ނަމަވެސް އެ މައްސަލަ އާއި ބެހޭގޮތުން ދައުލަތުގެ އެއްވެސް އިދާރާއަކުން މައުލޫމާތެއް ހާމައެއް ނުކުރެއެވެ. މައްސަލަ ތަހުގީގު ކުރަނީ ކަމެއް ނުވަތަ އެ މައްސަލައިގައި ދައުވާކުރަން ފޮނުވި ކަމެއް ވެސް ހާމައެއް ނުކުރެއެވެ.

އަރުޝަމް ނިޔާވި އެކްސިޑެންޓް ހިނގާފައިވަނީ، އަރުޝަމް އޭނާގެ ރައްޓެއްސަކާއި އެކު މަރަދޫ އިން ހިތަދޫއަށް ދިޔަ މަގުމަތީގައެވެ. އެ އެކްސިޑެންޓް ހިނގީ އަރުޝަމް އިން ސައިކަލުގައި ޕިކަޕު ޓްރަކުން ޖެހިގެން ކަމަށް ސީނަށް ދިޔަ ފުލުހުން ވެސް ވަނީ ބުނެފައެވެ.

އެކްސިޑެންޓް ސީނަށް ދިޔަ ފުލުހުން އެގޮތަށް ބުނެފައިވާއިރު، ފޮޓޯތަކުން ވެސް ސައިކަލުގެ ފަހަތަށް ވަރަށް ބޮޑަށް ގެއްލުން ވެފައިވާކަން އެނގެއެވެ. އަދި ސައިކަލުގެ ކުރީ ކޮޅަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާކަން ފާހަގަކޮށްލެވެއެވެ.

އަރުޝަމް ނިޔާވި އެކްސިޑެންޓް ހިނގުމާއި އެތަނަށް ފުލުހުން ގޮސް ސީން ބަންދުކުރުމަށް ވެސް އެތައް އިރެއް ނެގިއެވެ. އަދި ގިނަ އިރުތަކެއް ނުވެ އެކްސިޑެންޓްވި ޕިކަޕް ޓްރަކް ވެސް ދޫކޮށްލިއެވެ. މިއީ އާއްމު ގޮތެއްގައި ފުލުހުން އަމަލުކުރާ ގޮތެއް ނޫނެވެ.

އަދި ފަހުން ހާމަވިގޮތުގައި، އެންވަޔަރަމަންޓް މިނިސްޓްރީގެ ޕިކަޕުގެ އަހަރީ ފީ ދެއްކީ އެކްސިޑެންޓް ސީން އިން ފުލުހުން އެ ވެހިކަލް ދޫކޮށްލުމުންނެވެ. އެކަން އައްޑޫގައި ހުންނަ މީރާގެ އޮފީހުގެ މުވައްޒަފުން ވަނީ މީގެ ކުރިން އައްޑޫލައިވް އަށް ކަށަވަރުކޮށްދީފައެވެ.

ޓްރާންސްޕޯޓުގައި އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރުމުން، އަހަރީ ފީ ދެއްކުމަށް ރަޖިސްޓްރީގެ ކޮޕީއެއް ދޫކުރެއެވެ. މިއީ އާއްމުގޮތެއްގައި ވެސް ޓްރާންސްޕޯޓް މިނިސްޓްރީން އަމަލުކުރާގޮތެވެ. އެގޮތަށް އެންވަޔަރަމަންޓުގެ ޕިކަޕުގެ ރަޖިސްޓްރީގެ ކޮޕީއެއް ދޫކުރުމުން އަހަރީ ފީ ނުދައްކައި ވެހިކަލް ދުއްވީ ކީއްވެގެން ކަމެއް ނޭނގެއެވެ. އެކަމާއި ބެހޭގޮތުން ފުލުހުން ވެސް އަދި މިނިސްޓްރީން ވެސް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

މިފަދަ ސުވާލު އުފެދޭ އެތައް ކަމެއް ހުރި ނަމަވެސް، އަރުޝަމްގެ މަރަށް އަހަރެއް ވެގެން ދިޔައިރު ވެސް މައްސަލަ އާއި ބެހޭގޮތުން ފުލުހުން އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރެއެވެ.

އަރުޝަމްގެ މަރަށް އިންސާފު ލިބޭނެ ކަމުގެ އުއްމީދުގައި ތިބި އާއިލާގެ މެންބަރުންނަށް އިންސާފު ޤާއިމްކޮށްދިނުމަށް މުއައްސަސާތަކުން ވަނީ ނުކުޅެދިފައެވެ.