Last Updated: June 8, 12:02
Monday, June 8, 2026
ދުނިޔެ

"ފާރު ރާނަން ބަޖެޓު ނުދޭނަމަ ބޯޑަރު ބަންދުކުރާނަން"

އެމެރިކާ-މެކްސިކޯ ގުޅޭ ބޯޑަރުގައި ބޮޑު ފާރެއް ރާނައި، ވަގަށް އެމެރިކާއަށް މީހުން އެތެރެނުވެވޭ ގޮތަށް ހެދުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވެފައިވާ ވައުދު ފުއްދުމަށް ގާނޫނު ހަދާ މަޖިލީހުން ބަޖެޓު ނުދިނުމުން ބޯޑަރު އެއްކޮށް ބަންދުކޮށްލާނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވައިފިއެވެ.

ބޮޑު ފާރު ރާނަން ފަސް ބިލިއަން ޑޮލަރު ބަޖެޓުގައި ހިމެނުމަށް ޓްރަމްޕް ވަނީ އަންގާފައެވެ. ނަމަވެސް އިދިކޮޅު ޑިމޮކްރެޓްސްގެ ކޮންޓްރޯލް އޮންނަ މަޖިލީހުން ވަނީ އެއީ އިންސާނީ ހައްގުތަކާއި ކަރާމާތްތަކަށް އުނިކަން ލިބޭ ނިންމުމެއް ކަމަށާއި އެންމެ ޑޮލަރެއްވެސް އެކަމަށް ހޭދަކުރަން ބަޖެޓު ނުދޭނެ ކަމަށް ބުނެފައެވެ.

އޭގެ ސަބަބުން ޓްރަމްޕް ވަނީ ބައެއް އޭޖެންސީތަކަށް ދިފައިވާ ބަޖެޓު ހޯދަން ދެކޮޅު ހަދައި، މިދިޔަ ހަފްތާގެ ހުކުރު ދުވަހުން ފެށިގެން ސަރުކާރުގެ ބައެއް އިދާރާތްތައް ހުއްޓުމަކަށް ގެނެސްފައެވެ. އޭގެ ތެރޭގައި ހޯމްލޭންޑް، ސްޓޭޓް، ޓްރާންސްޕޯޓް ފަދަ މުހިންމު އިދާރާތްތައް ހިމެނެއެވެ.

އެފަދަ އިދާރާތްތައް ހުއްޓުމަކަށް ނުގެނެވޭނެތީ މުވައްޒަފުން މަސައްކަތް ކުރަމުން އަންނަނީ މިހާރު މުސާރައާ ނުލައެވެ.

ނަމަވެސް އަދިވެސް ޓްރަމްޕް ދޫ ދެއްވުމަށް ގަސްދުކުރައްވާފައެއް ނުވެއެވެ. އަނބުރާ ކޮންގްރެސްއަށް އިތުރު އިންޒާރުތަކެއް ފޮނުވާފައި ޓްރަމަޕް ވިދާޅުވީ އަހަރަކު އެތައް ބިލިއަން ޑޮލަރެއް ނާފްޓާ އެއްބަސްވުމުގެ ދަށުން ބޭކާރު ވަމުން އަންނަ ކަމަށެވެ.

ފާރު ރާނާ ނިންމާ ނުދީފިނަމަ އެއްކޮށް ބޯޑަރު ބަންދުކޮށް، އެމެރިކާއިން ގެއްލޭ ލާރި ސަލާމަތް ކުރާނެ ކަމަށް ޓްރަމްޕް ކުރެއްވި ޓުވީޓެއްގައި ވިދާޅުވިއެވެ. ނަމަވެސް އެއީ ހަމަނުޖެހޭ ވާހަކައެއް ކަމަށް ބުނެ އެތައް ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.