ދައުލަތުގެ މީޑިޔާ، ޕީއެސްއެމްއަށް ވެސް މިސަރުކާރުގެ ނުފޫޒެއް ނުފޯރާނެ ކަމަށާއި އަމާޒަކީ މިނިވަންކަމާއެކު ޚަބަރުތައް ގެނެސްދޭ، ރައްޔިތުންނާ ގުޅޭ މީޑިޔާއަކަށް ޕީއެސްއެމް ހެދުން ކަމަށް ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ދިވެހި ރާއްޖޭގެ އަޑަށް 56 އަހަރު ފުރުނު މުނާސަބަތާ ގުޅިގެން ރައީސް ސޯލިހް އަޑަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ވިދާޅުވީ، ޕީއެސްއެމް ފާއިތުވެދިޔަ އަހަރުތަކުގައި ހިންގުނު ގޮތާމެދު އެތައް ބަޔަކު ކަންބޮޑުވުމާއި ނުރުހުން ފާޅުކޮށްފައިވާ ކަމަށެވެ.
މިސަރުކާރުން ނޫސްވެރިންނަށް ބިރު ދައްކައި އަދަބެއް ނުދޭނެ ކަމަށާއި މިނިވަންކަމާއެކު ދެފުށް ފެންނަ ނޫސްވެރިކަމަށް ޖާގަ ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ސޯލިހް ވަނީ މީގެ ކުރިންވެސް އެކި ފަހަރު މަތިން މިނިވަން މީޑިޔާއެއްގެ މުހިންމުކަމާ ގުޅޭގޮތުން ވާޙަކަ ދައްކަވާފައެވެ. އެމަނިކުފާނު ވަނީ ނޫސްވެރިންގެ ކޮނޑުގައި އެޅިފައި އޮތް މުހިންމު ޒިންމާ ހެޔޮ ގޮތުގައި، މިނިވަންކަމާއެކު އަދާ ކުރެއްވުމަށް ހުރިހާ ނޫސްވެރިންނަށް ވެސް އިލްތިމާސް ކުރައްވާފައެވެ.
ޕީއެސްއެމްގެ ވެރިން ވަކިކޮށް ރައީސް ސޯލިހް ވަނީ ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު އާ ބޭފުޅަކު މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަން ކުރައްވާފައެވެ.