ދެކުނު ފިލިޕިންސްގެ އައްސޭރިން 7.0 މެގްނިޓިއުޑްގެ ބިންހެލުމެއް ރެކޯޑް ކުރެވިފައިވާ ކަމަށް އެމެރިކާގެ ޖިއޮލިޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން ބުނެފި އެވެ.
މި ބިންހެލުން އައިސްފައި ވަނީ މިންޑަނާއޯގެ އެންމެ ބޮޑު ސިޓީ ކަމުގައިވާ ޑެވޯގެ 120 މޭލު އިރުދެކުނަށް، އަދި ޕޮންޑަގައިޓަން ސިޓީގެ އިރުދެކުނުން 62 މޭލު ބޭރަށެވެ.
ޔޫއެސް ޕެސިފިކް ސުނާމީ ވޯނިންގ ސެންޓަރ އިން ވަނީ ބިންހެލުން އައި ސަރަޙައްދާއި ކައިރި ސަރަޙައްދުތަކަށް ސުނާމީގެ އިންޒާރުވެސް ދީފައެވެ. އެގޮތުން އިންޑޮނީޝިއާ، ފިލިޕިންސް އަދި ޕަލާއު އަށް ސުނާމީ އަރާފާނެކަމުގެ އިންޒާރު ވަނީ ދީފައެވެ.
ފިލިޕިންސް އިންސްޓިޓިއުޓް އޮފް ވޮލްކެނޮލޮޖީ އެންޑް ސައިސްމޮލޮޖީ އިން ވަނީ ބިންހެލުން އައި ސަރަޙައްދު ކައިރީގައި ނޫޅުމަށް އާއްމުންނަށް އަންގާފައެވެ.
އެހެންނަމަވެސް އެ އިންސްޓިޓިއުޓް އާއި ޔޫއެސްޖީއެސް އިން ވެސް ވަނީ ފިލިޕިންސް އަށް ސުނާމީއެއް އަރާފާނެ ކަމަށްބުނެ ނެރުނު އެލާޓް މިހާރު ކެންސަލްކޮށްފައެވެ.
ޔޫއެސްޖީއެސް އިން އެންމެ ފުރަތަމަ ބުނީ މި ބިންހެލުން އައީ 7.2 މެގްނިޓިއުޑްގެ ބާރުމިނުގައި ކަމަށެވެ. ނަމަވެސް ފަހުން އެ ނަންބަރ 6.9 އަށް ބަދަލުކުރުމަށްފަހު އެންމެ ފަހުން ޔޫއެސްޖީއެސް އިން ބުނެފައި ވަނީ އެ ބިންހެލުން އައީ 7.0 މެގްނިޓިއުޑްގެ ބާރުމިނުގައި ކަމަށެވެ.