ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަކީ އެންމެ އުއްމީދީ ސިޔާސީ ލީޑަރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރ އިބްރާހިމް ފަލާހް ވިދާޅުވެއްޖެ އެވެ.
ފަލާހް މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.
https://twitter.com/IbrahimFalahR/status/1078910440099307521
އެ ޓްވީޓްގައި ފަލާހް ވިދާޅުވެފައި ވަނީ ކުރީގެ ނައިބު ރައީސް އަދީބު އަކީ ރާއްޖޭގެ ސިޔާސީ މައިދާނުން ފެނުނު އެންމެ އުއްމީދީ ލީޑަރު ކަމަށެވެ.
ފަލާހް މިހެން ވިދާޅުވިއިރު، މިދިޔަ ބުރާސްފަތި ދުވަހު އީސީގެ ދަފްތަރުގައި ރަޖިސްޓްރީކުރި އާ ސިޔާސީ ޕާޓީއެއް ކަމަށްވާ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ)ގެ ރައީސްކަމަށް އަދީބު ވަނީ ހޮވައިފައެވެ. އަދި އެމްޓީޑީ އަށް އެންމެ ފުރަތަމަ ސޮއި ކުރައްވާފައި ވަނީ ވެސް އަދީބު އެވެ. އަދީބަކީ 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ބޭފުޅަކަށްވާއިރު، އޭނާ އެ ޕާޓީއަށް ސޮއި ކުރައްވާފައި ވަނީ ބަލި ހާލަތު ހުންނެވި ގޮތުން ގޭ ބަންދަށް ބަދަލު ކުރެއްވި ފަހުންނެވެ.
ރާއްޖޭގެ އެންމެ އުއްމީދީ ސިޔާސީ ލީޑަރަކީ އަދީބު ކަމުގައި ފަލާހް ވިދާޅުވެފައިވާއިރު، ޕްރައިމެރީ އަކާއި ނުލައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމުގެ ޓިކެޓް ޕީޕީއެމް އިން ދިން ބޭފުޅުންގެ ތެރޭގައި ވެސް ފަލާހް ހިމެނިވަޑައިގަންނަވަ އެވެ.