އެއްމާބަނޑު ދެކުދިންނަށް ބަލިވެ އިން ޒުވާން އަންހެނަކު ކުއްލި ގޮތަކަށް ނިޔާވެއްޖެ އެވެ.
ނިޔާވެފައި ވަނީ އުމުރުން 20 އަހަރުގެ ފުވައްމުލައް، އޯޝަންވިލާ، ހޯދަޑު، ރަޝްފާ އަހްމަދެވެ. ރަޝްފާ އަކީ ކ. މާފުށީ މީހަކާއި ކައިވެނިކޮށްގެން އެރަށުގައި ދިރިއުޅެމުން ދިޔަ މީހެކެވެ.
ރަޝްފާ ނިޔާވިއިރު، އޭނާގެ ބަނޑަށް އަށް މަހެވެ. އެ މައްސަލަ ބަލަމުންދާ ކަމަށް މާފުށި ސިއްޙީ މަރުކަޒުންނާއި ހެލްތު މިނިސްޓްރީ އިން ވަނީ ބުނެފައެވެ.
މާފުށީ ރައްޔިތަކާއި ހަވާލާދީ "ވީނިއުސް" އިން ރިޕޯޓްކުރާ ގޮތުގައި ރަޝްފާ އަކީ ބަލި މީހެއް ނޫން ކަމަށާއި އެހެންނަމަވެސް މިދިޔަ ހަފްތާގެ ތެރޭގައި އޭނާ ހުންއައިސް އުޅުނު ކަމަށެވެ. އެކަމަކު އިއްޔެ ހުންވެސް ރަނގަޅު ކަމަށާއި، މި ދެ ދުވަހަކު ކެއްސާތީ ރަޝްފާ ޑޮކްޓަރަށް ވެސް ދެއްކި ކަމަށެވެ.
ސިއްޙީ ގޮތުން ރާއްޖެ ކުރިއަރާފައިވާ މިންވަރަށް ބަލާއިރު، ޒުވާން މާބަނޑު އަންހެނުން މަރުވުމަކީ މިހާރު ވަރަށް މަދުން ނޫނީ ދިމާވާ ކަމެއް ނޫނެވެ. އެހެންކަމުން ރަޝްފާގެ މަރާއެކު ގިނަ ބަޔަކު ވަނީ ސިއްސުވާލާފައެވެ.
ރަޝްފާގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައި ވަނީ މިއަދު މަޣްރިބު ނަމާދަށްފަހު މާފުށީގައެވެ.