Last Updated: June 19, 11:00
Friday, June 19, 2026
ޚަބަރު

ނަދުވީ އަކީ ދިވެހި ތާރީޚުގެ ގިނަގުނަ ދިރާސާތަކެއް ކުރައްވާފައިވާ ޚިދުމަތްތެރިއެއް: ރައީސް ނަޝީދު

އިއްޔެ އަވަހާރަވި މުހައްމަދު ވަހީދު (ނަދުވީ) އަކީ ދިވެހި ތާރީޚުގެ ގިނަ ދިރާސާތަކެއް ކުރައްވާފައިވާ ބޭފުޅެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދު މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.

އެ ޓްވީޓްގައި ނަޝީދު ވިދާޅުވެފައި ވަނީ ނަދުވީ އަކީ ދިވެހި ތާރީޚުގެ ގިނަ ދިރާސާތަކެއް ކުރައްވާފައިވާ ކުޅަދާނަ ލިޔުންތެރިއެއްގެ އިތުރުން، އެހާމެ ތެދުވެރި، ދައުލަތުގެ ޚިދުމަތްތެރިއެއް ކަމަށެވެ.

"މާތް ﷲ މަރްޙޫމް އަށް ސުވަރުގެ މިންވަރު ކުރައްވާށި. އާމީން"، ނަޝީދުގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

ނަދުވީ އަވަހާރަވެފައި ވަނީ އާލާސްކަންފުޅެއްގައި އުޅުއްވަނިކޮށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް އިއްޔެ ހެނދުނުގެ ވަގުތެއްގަ އެވެ.

އިސްލާމީ އިލްމާއި، ޕޮލިޓިކަލް ސައިންސްގެ އިތުރުން އަދަބިއްޔާތުގެ ދާއިރާއިން ތަޢުލީމް ހާސިލްކުރައްވާފައިވާ ނަދުވީ އަކީ ދިވެހި ބަހާއި ތާރީޚަށް ހިދުމަތް ކުރާ މަރުކަޒުގައި 20 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.

ރައީސް މުހައްމަދު އަމީން ކިޔަވާ ވިދާޅުވި އިންޑިއާގެ އަލީގަޅު މުސްލިމް ޔުނިވާސިޓީ އިން މާސްޓަރސް ހާސިލްކުރެއްވި ނަދުވީ ވަނީ ފަތްތޫރު ފަދަ މަޖައްލާތަކަށްވެސް ލިޔުއްވާފައެވެ. ނަދުވީ އަވަހާރަވީ އިރު ހުންނެވީ ދިވެހިބަހުގެ އެކެޑެމީގެ ތާރީޚު ބައިގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމުގައެވެ.