Last Updated: June 10, 13:14
Wednesday, June 10, 2026
ޚަބަރު

ގެސްޓު ހައުސް ނިޒާމު ހަރުދަނާ ކުރުމަށް ލާމަރުކަޒީ ގާނޫނަށް ބަދަލު ގެންނަން ޖެހޭ: އަލީ ވަހީދު

ގެސްޓު ހައުސް ނިޒާމު ހަރުދަނާ ކުރުމަށް ލާމަރުކަޒީ ނިޒާމަށް ބަދަލުތަކެއް ގެންނަން ޖެހޭކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި ކުރިއަށްދާ ގެސްޓު ހައުސް ސިމްޕޯޒިއަމްގައި ނޫސްވެރިންނާއި ބައްދަލު ކުރައްވައި އަލީ ވަހީދު ވިދާޅުވީ މި ސިމްޕޯޒިއަމްގެ ސަބަބުން ގެސްޓު ހައުސްތަކުގެ ކަންބޮޑުވުން އެނގިވަޑައިގެންފިކަމަށެވެ.

އެގޮތުން ރަށްތަކުގައި ހިންގާ ގެސްޓު ހައުސް ތައް ހިންގުން ހަރުދަނާ ކުރުމަށް ލާމަރުކަޒީ ގާނޫނަށް ބަދަލު ގެނައުމާއި، ޓެކްސް ނިޒާމަށް ބަދަލު ގެނަން ޖެހޭކަމަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.

މީގެ އިތުރުންވެސް ރަށްތަކަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް މަސައްކަތް ކުރަންޖެހޭ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

މިއަދު ހެނދުނު ފެށި މި ސިމްޕޯޒިއަމް ނިންމާލުމަށް ހަމަޖެހިފައިވަނީ މިރޭޢ 8:30 ގައެވެ. ތިން ދަންފަޅިއަށް ކުރިއަށް ގެންދިޔަ މި ސޮމްޕޯޒިއަމްގެ ހެނދުނު ދަންފަޅީގައި ގިނަ އަދަދެއްގެ ގެސްޓު ހައުސްތަކުން ކަންބޮވުން ހިއްސާކޮށްފައިވެއެވެ.

ސަރުކާރުގެ 100 ދުވަހުގެ ޓުރިޒަމް ވައުދުތަކުގެ ތެރޭގައި ހިމެނޭ ގެސްޓު ހައުސް ސިމްޕޯޒިއަމްގައި ގެސްޓު ހައުސްތައް އިތުރަށް ހަރުދަނާ ކުރުމަށް ކުރެވިދާނެކަންކަން ދެނެގަތުމަށް ވަނީ ހަމަޖެހިފައެވެ.

މިރޭ ސިމްޕޯޒިއަމް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގަންނަވާއިރު ރާއްޖޭގެ އެކި ކަންކޮޅުތަކުން 400އަށް ވުރެ ގިނަ ގެސްޓު ހައުސްތަކުން ވަނީ ސިމްޕޯޒިއަމްގައި ބައިވެރިވެފައެވެ.