ރައީސް މުހައްމަދު ވަހީދު އައްޑޫ ސިޓީ ކައުންސިލަށާއި މާލެ ސިޓީ ކައުންސިލަށް ރޭ ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.
ހަތަރު ޕަޓީއެއް ގުޅިގެން އުފައްދާފައިވާ އިއްތިހާދު އިފްތިތާހް ކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަަމުން ރައީސް ވިދާޅުވީ ރާއްޖޭގެ އެންމެ ބޮޑު އާބާދީގެ ރައްޔިތުންނަށް އެންމެ ރަނގަޅުގޮތުގައި ކަންކަން ވެގެން ނުދާކަމަށެވެ.
ރައީސް ވަހީދު ވިދާޅުވީ ދިވެހި ދައުލަތަކީ ޔުނިޓަރީ ދައުލަތެއް ކަމަށް ގާނޫނު އަސާސީގައި ބުނެފައިވީ ނަމަވެސް މާލެ އާއި އައްޑޫގައި ވެރިކަން ހިންގަނީ ފެޑެރަލް ސަރުކާރެއްގައި ކަންކަން ހިނގާ އުސޫލުން ކަމަށެވެ.
"ދައުލަތުގެ އެންމެ މަތީ ވެރިޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާ، އޭނާގެ ގައުމީ ބާރުތައް ގަބޫލު ނުކުރާނެ ކަމަށް ]މާލެ ސިޓީ ކައުންސިލާއި އައްޑޫ ސިޓީ ކައުންސިލުން[ ބުނެ ސަރުކާރުން ބޭރުން މާލެ އަށާއި އައްޑޫ ސިޓީ އަށް ދޭންޖެހޭ މުހިންމު ހިދުމަތްތައް ނުދީ އަދި ދައުލަތުގެ ފައިސާ އިން މުސާރަ ނަގައިގެން ތިބޭ ބަޔަކު ސިޔާސީ ސަބަބުތަކަށްޓަކައި ގޮތް ދޫނުކޮށް ތިބޭ ތިބުން ރައްޔިތުން މިއަދު ބަލައެއް ނުގަންނާނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވަހީދު ވިދަޅުވީ މާލެ އާއި އައްޑޫ ސިޓީ ކައުންސިލުން ކުރަނީ އެ ބޭފުޅުންގެ ޕާޓީ ކުރިއެރުވުމުގެ މަަސައްކަތް ކަމަށާއި ރައްޔިތުން މިއަދު އެކަން ބަލައި ނުގަންނާނެ ކަމަށެވެ.
ރައީސް ވަހީދު ވިދާޅުވީ މިހާރު ގުޅިފައިވާ ހަތަރު ޕަޓީން އެކުލަވާލާ އިއްތިހާދުން ކުރިއަށް ތަނުގައި ރާއްޖޭގައި ބާއްވާ އިންތިހާބުތަކުގައި މިކަން ކަމާއި މަސައްކަތް ކުރައްވާނެ ކަމަށެވެ.