Last Updated: June 10, 13:14
Wednesday, June 10, 2026
ޚަބަރު

އެއާ އޭޝިއާއިން ރާއްޖޭގެ ޓޫރިޒަމް މާކެޓުކޮށްދެނީ

ރާއްޖޭގެ ފަތުރުވެރިކަން އޭޝިއާ ސަރަހައްދުގައި ޕްރޮމޯޓު ކުރުމަށް އެއާ އޭޝިއާއިން ހާްއްސަ މަސައްކަތެއް ކޮށްދޭން ނިންމާފައިވާ ކަމަށް އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ޠޮއްޔިބު ވިދާޅުވެއްޖެއެވެ.

މިއަދު ދަރުބާރުގޭގައި ފެށި ގެސްޓު ހައުސް ސިމްޕޯޒިއަމް ނިންމާލުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޠޮއްޔިބު ވިދާޅުވީ އަންނަ އަހަރު ރާއްޖޭގެ ގެސްޓު ހައުސް އޭޝިއާގައި ޕްރޮމޯޓު ކޮށްދިނުމަށް އެއާ އޭޝިއާއިން ހާއްސަ ހުށަހެޅުމެއް ލިބިފައިވާ ކަމަށެވެ. އެގޮތުން މެލޭޝިއާ އަދި ސިންގަޕޫރުގައި ރާއްޖެ މާކެޓު ކުރުމަށް އެއާ އޭޝިއާއިން ނިންމާފައިވާކަމަށް ޠޮއްޔިބު ވިދާޅުވިއެވެ.

ޠޮއްޔިބު ވިދާޅުވީ މިއީ ރާއްޖޭގެ ގެސްޓު ހައުސް ތަކަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި މީގެ އިތުރުންވެސް ޓޫރިޒަމް މާކެޓު ކުރުމަށް މިހާރު ކުރަމުންދާ މަސައްކަތް ބަދަލުކޮށް، އޮންލައިން މާކެޓިން އިތުރު ކުރަން ޖެހޭ ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީގެ ފުރަތަމަ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ ގެސްޓު ހައުސް ސިމްޕޯޒިއަމްގައި ރާއްޖޭގެ އެކި ކަންކޮޅު ތަކުން 400 އެއްހާ ގެސްޓު ހައުސް ބައިވެރިވެއެވެ.

މި ސިމްޕޯޒިއަމްގައި ގެސްޓު ހައުސްތަކުގެ ފަރާތުން ވަނީ އެފަރާތްތަކަށް ދިމާވާ ދަތިތަކާއި ގޮން ޖެހުން ހިއްސާ ކޮށްފައެވެ. އަދި މި ސިމްޕޯޒިއަމްގެ ސަބަބުން ގެސްޓު ހައުސް ތަކަށް ކުރިއެރުން ލިބިގެންދާނެކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފައެވެ.