Last Updated: June 10, 13:14
Wednesday, June 10, 2026
ޚަބަރު

އެސްއެމްއީ ބޭންކުގައި ރާއްޖޭގެ ތިން ސިޓީގެ ހިއްސާ އޮންނާނެ: ރައީސް

ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ތަރައްޤީ ކުރުމަށް އުފައްދާ އެސްއެމްއީ ބޭންކުގައި މާލެ ސިޓީ ކައުންސިލާއި، އައްޑޫ ސިޓީ ކައުންސިލް އަދި ފުވައްމުލަކު ސިޓީ ކައުންސިލްގެ ހިއްސާ އޮންނާނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ ގެސްޓްހައުސް ސިމްޕޯޒިއަމް ނިންމުމުގެ ގޮތުން މިރޭ ދަރުބާރުގޭގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވިގޮތުގައި، ގެސްޓް ހައުސްތައް ހިންގުމުގައި ދިމާވާ މާލީ ދަތިކަން ފޫބެއްދުމުގައި އެހީތެރިވެދިނުމުގެ އިތުރުން، ގެސްޓް ހައުސް ހިންގުމުގައި ދިމާވާ ފަންނީ ދަތިތައް ޙައްލުކޮށްދިނުމުގައި ވެސް، ސަރުކާރުގެ އެއްބާރުލުން ދެއްވާނެކަމައެވެ.

"މިކުންފުނި ފުރަތަމަ ޤާއިމް ކުރެވޭނީ ޑިޕޮސިޓް ނުނަނަގާ ފައިނޭންޝަލް އިންސްޓިޓިއުޓެއްގެ ގޮތުގައި. އަދި މެދުރާސްތާއެއްގައި އެސް.އެމް.އީ ބޭންކެއްގެ ގޮތުގައި ޑިޕޮސިޓް ވެސް ނެގޭ ގޮތަށް ބަދަލުވެގެންދާނެ. މާތް ﷲގެ ވާގިފުޅާއެކު، މިކުންފުނިން ލޯނު ދޫކުރުމުގެ މަސައްކަތް 2019 ވަނަ އަހަރުގެ ފެބްރަވަރީ މަހުގައި ފެށިގެން ދާނެ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވިގޮތުގައި، މި ބޭންކަކީ ދިވެހި ތާރީޚްގައި ވެސް މީގެ ކުރިން އުފައްދާފައި ނުވާފަދަ ގޮތަކަށް، ސިޓީ ކައުންސިލްތަކުގެ ޙިއްޞާއާ އެކު އުފެދޭނެ ބޭންކެއް ކަމަށެވެ. އަދި މި ބޭންކު ވެގެންދާނީ، ދިވެހީންގެ މާލީ ތަނަވަސްކަމާ އިޤްތިޞާދީ ފުދުންތެރިކަން އިތުރު ކުރުމުގައި، ވިޔަފާރިވެރިންނާއި ސަރުކާރު އަތުގުޅާލުމަށް ޤާއިމްކުރެވޭ މާލީ އިދާރާއެއްގޮތުގައި ރައީސް ސިފަކުރެއްވިއެވެ.

ރައީސް ސޯލިހު އިތުރަށް ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ މުޅި އިޤްތިޞާދުގެ 70 އިންސައްތަ ޙިއްޞާކުރަނީ ފަތުރުވެރިކަންކަމަށާއި މި މުހިންމު ވަސީލަތް، އިތުރަށް ތަރައްޤީކޮށް ފުޅާކުރުމަކީ، ރާއްޖޭގެ އިޤްތިޞާދުގެ ރޫފަހެޔޮކަމާއި، ފަރުދީ ތިޔާގިކަމަށްޓަކައި، ކޮންމެހެން ކުރަންޖެހިފައިވާ ކަމެއްކަމުގައި ވިދާޅުވިއެވެ.

އަދި ގެސްޓް ހައުސް ވިޔަފާރި ތަޢާރަފްވުމާ ހަމައަށް، ރާއްޖޭގެ ޓޫރިޒަމް އޮތީ، ހަމައެކަނި މުއްސަނދީންގެ މަންޒިލެއްގެ ގޮތުގައި ކަމަށާއި، ސަރުކާރުގެ ސިޔާސަތަކީ، ފަތުރުވެރިކަމުގެ ނަފާ، ސީދާ ރައްޔިތު މީހާގެ ޖީބަށް ފޯރާނެ ގޮތަކަށް، މިޞިނާޢަތުގެ ކަންކަން ތަރުތީބުކުރުންކަން ފާހަގަކުރެއްވިއެވެ. އަދި، އެކަމަށްޓަކައި ޤަވާޢިދުތައް އިޞްލާޙް ކުރުމުގެ މަސައްކަތް ޓޫރިޒަމް މިނިސްޓްރީން މިހާރު ފަށާފައިވާކަމަށާއި، މި ސިމްޕޯޒިއަމުން ވެސް އެކަންކަމަށް މަގުފަހިވެގެންދާނެކަމުގައި ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަން ހަރުދަނާކޮށް، ގެސްޓްހައުސް ވިޔަފާރި ވެސް ހިމެނޭ ގޮތަށް، ޓޫރިޒަމްގެ އެކި ދާއިރާތައް އިޝްތިހާރުކުރުން އިތުރުކުރުމަކީ، މިސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ރާވާފައިވާ ކަމެއްކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ދުނިޔޭގެ ފަތުރުވެރިކަމުގެ ބާޒާރަށް ރާއްޖެ އިޝްތިހާރު ކުރަންވީ، ހަމައެކަނި މުއްސަނދީންގެ މަންޒިލެއްގެ ގޮތުގައި ނޫންކަމަށާއި، އަދި ރާއްޖޭގައި ހުރި މެދުފަންތީގެ ފުރުޞަތުތަކާއި، ހެޔޮ އަގުގައި ޗުއްޓީ ހޭދަކުރުމުގެ ވާހަކަ ވެސް، ގިނަގިނައިން ދައްކަންވެއްޖެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ވިދާޅުވިގޮތުގައި، ރަށު ތަރައްޤީއަކީ އޭގައި ގެސްޓް ހައުސް ވިޔަފާރި ޝާމިލުވެފައިވާ، ވަށައިޖެހިފައިވާ ފުރިހަމަ ނިޒާމަކަށް ހަދަންޖެހޭކަމަށާއި، އެކި އަތޮޅުތަކުގައި ގެސްޓް ހައުސް ވިޔަފާރި ތަރައްޤީވެ ފުޅާވަމުން އަންނައިރު، މިވިޔަފާރި ހިނގަނީ އެންމެ ރަނގަޅަށް ރެގިއުލޭޓް ކުރެވިގެން ނޫން ކަމަށެވެ.

އަދި، އެއަމާޒަށް ވާޞިލުވެވޭނީ، ފަތުރުވެރިކަމުގެ ޞިނާޢަތުވެސް ލާމަރުކަޒީ ކުރެވި، ގެސްޓް ހައުސް ވިޔަފާރީގެ މައި އިންޖީނަކީ ކައުންސިލްތައް ކަމުގައި ހަދައިގެންކަމުގައި ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.