Last Updated: June 19, 11:00
Friday, June 19, 2026
ޚަބަރު

ވީއައިއޭގެ އާ ޓާމިނަލް ހުޅުވޭނީ 2022 ވަނަ އަހަރު: އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ރަންވޭ - ފޮޓޯ: ޓްވިޓާ (އެމްއޭސީއެލް)

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލް ތަރައްޤީކޮށް ނިންމައި، 2022 ވަނަ އަހަރު ހުޅުވޭނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފި އެވެ.

ވީއައިއޭ ތަރައްޤީކުރުމުގެ ބިޔަ މަޝްރޫޢު ނޫސްވެރިންނަށް ދައްކާލުމަށްފަހު ދެއްކެވި ވާހަކަފުޅުގައި އެމްއޭސީއެލްގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ މޫސާ ސޯލިހު ވިދާޅުވީ އާ ޓާމިނަލް ހުޅުވުން ލަސްވަނީ އެއާޕޯޓުގެ މަސައްކަތްތަކަކީ ހަތަރު ފަރާތަކުން ފައިސާ ހޯދައިގެން ކުރިއަށްދާ މަޝްރޫއަކަށްވާތީ ކަމަށެވެ.

އަންނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި އާ ޓާމިނަލްގެ ހުރިހާ މަސައްކަތެއް ނިންމައި ބޭނުންކުރަން ފަށާނެ ކަމަށް އެމްއޭސީއެލް އިން ކުރިން ބުނިނަމަވެސް، މަޝްރޫޢަށް ފައިސާ ހޯދުމަށް ދިމާވާ މައްސަލަތައް ހައްލުކޮށް، ފައިސާގެ ކަންތައްތައް ހަމަޖެހިފައިވާތީ، ހުއްޓުމެއް ނެތި މަސައްކަތް ކުރިއަށްދާނެ ކަމަށް މޫސަ ވިދާޅުވި އެވެ.

އަދި ޓާމިނަލްގެ މަސައްކަތް ނިންމާލުން ލަސްވި ނަމަވެސް މަޝްރޫއުގެ ޖުމްލަ އަގަށް ބަދަލު ނާންނާނެ ކަމަށާއި، އާ ޓާމިނަލްގެ މަސައްކަތް ނިމި ބޭނުންކުރަން ފެށުމުން ފަސެންޖަރުންނަށް ވަރަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށްވެސް މޫސަ ވިދާޅުވި އެވެ.

2016 ވަނަ އަހަރު ފެށި ވީއައިއޭ ތަރައްޤީކުރުމުގެ ބޮޑު މަޝްރޫއަށް 800 މިލިއަން ޑޮލަރު ނުވަތަ 12.3 ބިލިއަން ރުފިޔާއަށް ވުރެ ބޮޑު ޚަރަދެއް ކުރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވަނީ ނިންމާފަ އެވެ.

ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ކުރި އެންމެ މުހިއްމު މަސައްކަތަކީ އާ ރަންވޭ ހެދުމެވެ. އެގޮތުން ވީއައިއޭގެ އާ ރަންވޭ އަކީ ދުނިޔޭގައި މިވަގުތު ބޭނުންކުރާ އެންމެ ބޮޑެތި މަތިންދާ ބޯޓުތައް ޖެއްސޭ ގޮތަށް ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާމިނުގައި 65 މީޓަރު ހުންނަ ގޮތަށް ހަދާފައިވާ ރަންވޭ އެކެވެ. ޗައިނާގެ އެގްޒިމް ބޭންކުން 400 މިލިއަން ޑޮލަރުގެ ލޯނު ނަގައިގެން އާ ރަންވޭ ހަދަން ހަވާލުކުރީވެސް ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އަށެވެ.

މިމަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން އެއާޕޯޓުގެ އާ ޓާމިނަލް އެޅުމުގެ މަސައްކަތް ސައޫދީ އަރަބިއްޔާގެ ބިން ލާދިން ގްރޫޕުން ގެންދަނީ ކުރަމުންނެވެ. މިމިމަަސައްކަތަށް ގާތްގަނޑަކަށް 350 މިލިއަން ޑޮލަރު ނުވަަތަ 5.3 ބިލިއަން ރުފިޔާ ޚަރަދުކުރުމަށް ވަނީ ނިންމާފަ އެވެ.