Last Updated: July 1, 23:03
Wednesday, July 2, 2025
މުނިފޫހިފިލުވުން

ދީވާނާ 2 (ތޭރަވަނަބައި)

ޝައުން؟…" ކުރިމަތީގައި ހުރި އަންހެން ކުއްޖާ ފެނުމާއެކީ ހައިރާންވެފައި އާއިންއަށް ބުނެވުނީ ފެނުނު މަންޒަރު ގަބޫލުކުރަން ދަތިވެފައެވެ.

ބަހެއްވެސް ނުބުނެ ޝައުން ބަލަންހުރި ގޮތުން އޭނާ އެހުރީ ނުހަނު ހިތްހަމަ ނުޖެހިފައިކަން އާއިންއަށް އެނގުނެވެ. މިފަދަ ކުއްލިގޮތަކަށް ޝައުން ފެނުމުން ހަދަންވީގޮތެއް ނޭނގިފައި އިރުކޮޅަކު އޭނައަށް އިނދެވުނެވެ.

" އާދޭ! އިށީނދޭ!.. ކޮންއިރަކު އައީ؟ " ހަމަޖެހޭގޮތް ދައްކަމުން އާއިން ބުނެލިއެވެ. ޝައުން ބަހެއްވެސް ނުބުނެ އައިސް އާއިންގެ ކުރިމަތީގައި ހުރި ގޮނޑީގައި އިށީނެވެ.

އިސްޖަހައިގެން އިން ޝައުންގެ މޫނަށް އާއިން ބަލާލިއެވެ. އޭނާއަށް ޝައުން މިފެނުނީ ތިންމަހެއްހައި ދުވަސްފަހުންނެވެ. މިވީ ކުރު މުއްދަތުގެ ތެރޭގައިވެސް ޝައުންގެ ސިފައަށްވަނީ ބަދަލުތަކެއް އައިސްފައެވެ. އޭނާގެ މޫނުގައި ކުރިން ނުފިލާހުންނަ މައުސޫމު ހިނިތުންވުމެއް މިހާރަކު ނެތެވެ. އަދި އެމޫނުން ފެންނަނީ މޮޅިވެރިކަމާއި މާޔޫސްކަމެވެ. އާއިން ބަލަން އިންހެން ހީވެގެން ޝައުން އިސްއުފުލާ ބަލާލިއެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވުމާއެކު، ޝައުންގެ ލޮލުން އާއިންއަށް ފެނުނީ ޝަކުވާއެވެ. ދުލުން ބަހެއް ބޭރުނުވިނަމަވެސް އެލޮލުން އެތައްގިނަ ޝަކުވާއެއް އަސަރުތައް އާއިންއަށް ފެނުނެވެ.

" ހިނގާ…އެއްޗެއް ކާލަންދަމާ….ޕީއްޒާއެއް ކިހިނެއްވާނީ…މިތާ ކައިރީހުންނާނެ ވަރަށް ފައްކާ ތަނެއް، އެތަނަށް ދަމާހިނގާ…" ޝައުން ޝަކުވާއެއް ކޮށްފާނެތީ އަވަސް އަވަހަށް އާއިން ބުންޏެވެ.

އާއިން ގޮނޑިން ތެދުވެގެން ހިނގައި ގަތުމުން ދެކޮޅު ހެދުމެއްނެތި ޝައުންވެސް އޭނަގެ ފަހަތުން އައެވެ. އާއިންއަށް އައިސްފައިވާ ބަދަލު، އެކުޑަ ވަގުތުކޮޅު ތެރޭގައިވެސް ޝައުން ދެނެގަތެވެ. ކުރީގައި ނަމަ، ގިނަދުވަސްތަކެއް ފަހުން، ޝައުން ފެނިއްޖެނަމަ އުފަލުން ގޮސް އާއިން ދުވެފައި އައިސް އޭނާ އުރާލާނެއެވެ. އަދި އަތުގައި ހިފައިގެން ނޫނީ އެއްވެސްތާކަށްވެސް ނުދާނެއެވެ. ނަމަވެސް މިއަދު އޭނާގެ އަތުގައިވެސް ހިފާނުލިއެވެ. ހިތާހިތުން ޝަކުވާކުރަމުން އާއިންގެ ފަހަތުން އޭނާދިޔައެވެ.

" ކާކާއެކީ ތިއައީ؟.." އޮފީހުން ނުކުމެފައި އާއިން އަހާލިއެވެ.

" ޓެކްސީއެއްގަ…" ކުރުގޮތަކަށް ޝައުން ޖަވާބުދިނެވެ.

" ކީއްވެ ދޮންބެއާއެކު ނައީ؟.." އާއިން އަނެއްކާވެސް ސުވާލުކޮށްލިއެވެ.

" ދޮންބެ މިގަޑީގަ ޑިއުޓީގަ…އެހެންވެ…" ޝައުން ބުނެލިއެވެ.

" ހިނގާލާފަ ދޯ ދާނީ…އެހާދުރެއްނުވާނެ.." އާއިން އެހެން ބުނެލުމުން ޝައުންވެސް އާނއެކޭ ބުނެ ބޯޖަހާލިއެވެ.

ރެސްޓޯރެންޓަށްވަދެ ހުސްމޭޒެއްގެ ދޮށުގައި ދެމީހުން އިށީނެވެ. ވެއިޓަރ އައުމާއެކީ ޕީއްޒާއަކަށް އޯޑަރދިނުމަށްފަހު އާއިން ޝައުންއާ ދިމާއަށް އެނބުރިލިއެވެ.

" ދެން ބުނެބަލަ ކޮންއިރަކު އައީ؟…" ގޮނޑީގައި ހަމަޖެހިލަމުން އާއިން އަހާލިއެވެ.

" މިއަދު ހެނދުނު.." ކުރުގޮތަކަށް ޝައުން ޖަވާބުދިނެވެ.

" ކީއްވެ އަންގާވެސް ނުލާ ހަމަކުއްލިއަކަށް ތިއައީ؟…އަންނަކަން އެނގޭނަމައެއްނު އެއާޕޯޓަށްވެސް ދެވުނީހީ…" ހީލާފައި އާއިން ބުނެލިއެވެ. އާއިން ވާހަކަދެއްކުމުންވެސް ޖަވާބެއްނުދީ ޝައުން އިނީ ކުރަންހުރި ޝަކުވާގިނަކަމުންނެވެ.

" ވާހަކަ ނުދައްކަން ހުވާކޮށްގެންތަ ތިއިނީ؟…އަހަރެން މިހާލޯބިން ޕީއްޒާ ކާންދޭން ގެނައީމަވެސް ތުންދަމައިގެން ތިއިންނަނީ؟…" އާއިން ހީލާފައި ޝައުންގެ ނޭފަތުގައި ހިފާލިއެވެ.
ޝައުންއާ ދުރުގައި އުޅޭނަމޭ ހިތައި ހުރިނަމަވެސް، އެމައުސޫމު ކުއްޖާ އޭނާގެ ކުރިމައްޗަށް އައުމުން ސަމާސާއެއް ނުކޮށްލާވެސް އޭނާއަކަށް ނުހުރެވުނެވެ.

" އަހަރެންތަ ރުޅިއައީ؟..އާން އެއްނު ތިހުރީ އަހަރެންނާ ރުޅިވެގެން…" ތުން އޫކޮށްލަމުން ކުޑަކުއްޖަކު ފަދައިން ޝައުން ޝަކުވާކޮށްލިއެވެ.

" އޯކޭ…ސޮރީ…ކުރިންވެސް ބުނީމެއްނު ބިޒީއޭ….މިއަދު އެނގުނެއްނު އަހަރެން އަސްލުވެސް ބިޒީކަން…ދެން ހީލަބަލަ! " އާއިން ހީލަމުން ބުނެލުމާއެކީ ޝައުންއަށް ހެވުނެވެ.

އެހުރިހާ ދުވަސްވީއިރު، އޭނާގެ ހާލުވެސް ބަލާނުލައި، ފޯނުކޯލަކަށް ޖަވާބުވެސް ނުދީ އާއިން ހުރީތީ ޝައުންހުރީ އިންތިހާ ނުރުހުންވެ ޝަކުވާކުރަން ބޭނުންވެފައެވެ. ނަމަވެސް އާއިން ގާތްކަމާއެކު ވާހަކަ ދެއްކުމުން ޝައުންގެ ރުޅިގަނޑު ފިނިވިއެވެ.

" މަންމަމެންވެސް އައީތަ؟…އިޒްވާންވެސް އައިތަ؟…" އާއިން އަހާލިއެވެ.

" ނޫން..އެނގެއެއްނު މިދުވަސްކޮޅު އިޒޫ ބިޒީވާނެކަން…އިޒޫގެ އެގްޒާމް ނިމުނީމަ މަންމަމެންވެސް އަންނާނެ…މިއަދު އައީ އަހަރެން އެކަނި.." ޝައުން އޮޅުން ފިލުވައިދިނެވެ.

ޕީއްޒާ އައުމުން ދެމީހުންވެސް ކެއުމަށް އިންސާފުކުރަން ފެށިއެވެ. އާއިން ވާހަކަދައްކަމުން ކެއުމައިގެން ކުރިއަށް ދިޔަނަމަވެސް ޝައުން އަނގައިން ބުނަނީ މަދުފަހަރަކު އެކެވެ. އާއިންގެ މޫނަށް ސިއްރު ސިއްރުން ބަލަމުން އޭނާ މަޑުމައިތިރިކަމާއެކު ކަމުން ދިޔައިރު، އޭނާގެ ހިތުގައިވަނީ ހައިޖާނެއް އުފެދިފައެވެ. އާއިން އެއްވެސް ފިކުރެއް ޚިޔާލެއްނެތި އޭނާގެ ދިރިއުޅުމައިގެން ކުރިޔަށްދާއިރު، އޭނާގެ ހިތުގެ ހާލު އާއިންއަށް އެނގޭބާއެވެ. އާއިންއަށްޓަކައި އޭނާގެ ހިތް ބޭޤަރާރުވެ، ލޮލަށް ނިދިނައިސް ހޭދަކުރީ ކިތައްރޭކަން އާއިންއަށް އެނގޭބާއެވެ. އާއިން އޭނާގެ މަތިން އެހާފަސޭހައިން ހަނދާން ނައްތާލިނަމަވެސް ދުވަހަކުވެސް އޭނާއަށް އާއިންގެ މަތިން ހަނދާން ނައްތާލެވެނޭބާއެވެ.

ހިތުގައި ޝަކުވާތައް އުތުރި އަރަމުން ދިޔަނަމަވެސް، ޝަކުވާގެ ހަމަ އެންމެ ބަހެއްވެސް ބުނާނޭ ހިތްވަރު އޭނާއަކަށް ނުލިބުނެވެ. ދުވަސްތަކެއްފަހުން އާއިން އެހާގާތުން ފެނުމުން ހިތްފުރޭންދެން ބަލާލަން އޭނާ ބޭނުންވިއެވެ. ޝައުންގެ އެހަމަހިމޭންކަމާއި އެސިއްރުވެރި ނަޒަރުގެ ސަބަބުން އާއިންގެ ހިތަށް އުނދަގޫވަމުން ދިޔައެވެ. ނަމަވެސް ޚުދު އޭނާއަށްވެސް ޝައުންއާ ކުރިމަތިލުމަކީ މިހާރު ފަސޭހަކަމެއް ނޫނެވެ. ކިތަންމެ އާދައިގެ ގޮތަކަށް އޭނާގެ އަމަލުތައް ބަހައްޓަން މަސައްކަތްކުރި ނަމަވެސް އޭނާއަށްވެސް ކުރިއެކޭ އެއްގޮތަށް ޝައުންއާމެދު އަމަލު ނުކުރެވޭނެކަން ޚުދު އޭނާއަށްވެސް އެނގެއެވެ. ނަމަވެސް އޭނާ ކަންކުރީ މިވަގުތު އޭނާއަށް ފެނުނު އެންމެ ރަނގަޅުގޮތަށެވެ. ކައިނިމިގެން ދެމީހުން ރެސްޓޯރެންޓުން ނުކުތްއިރުވެސް ތިބީ ހިމޭންކަމުގައެވެ. ދެމީހުންކުރެ އެކަކަށްވެސް ދައްކަންވީ ވާހަކައެއް ނޭނގިފައި ތިބިފަދައެވެ.

" ހުޅުމާލެއަށް ގެންގޮސްދޭންތަ؟…" ކާރަށް އަރަމުން އާއިން އަހާލިއެވެ.

" ހޫމް…" ދުރުބަލަން އިނދެ ޝައުން ބުނެލިއެވެ.

އާއިންވެސް އިތުރުބަހެއް ނުބުނެ ހުޅުމާލެއަށް ދިއުމަށްޓަކައި މިސްރާބު ޖެހިއެވެ. ދުނިޔެއަކީ ހާދަހާ އަޖާއިބު ތަނެކެވެ. ކަންކަން ބަދަލުވެގެން ދަނީ އިންސާނުން ހީވެސް ނުކުރާފަދަ ގޮތްގަތަށެވެ. ޝައުންއާއި އާއިންގެ ދިރިއުޅުމަށްވެސް އެވަނީ އެމީހުން ދުވަހުވެސް ހީނުކުރާފަދަ ބަދަލެއް އައިސްފައެވެ. ކުރީގައި އެއީ ކިހާ އެކުގައި އުޅުނު އުފާވެރި ދެމީހުން ހެއްޔެވެ؟

އާއިން ނުހަނު ކުޑައިރު މަންމަ ވަކިވުމުން އާއިންގެ ހުރިހާ ކަމެއް ބެލެހެއްޓީ އޭނާގެ ބޮޑުދައިތަ އާޒިފާއެވެ. އެއީ އިޒްޔަންއާއި ޝައުން އަދި އިޒްވާންގެ މަންމައެވެ. ޝައުންއަކީ އިޒްޔަންގެ ކޮއްކޮއެވެ. އާއިލާގައިހުރި ހަމައެކަނި އަންހެން ކުއްޖާއެވެ. އެހެންކަމުން ހުރިހާ އެންމެންވެސް އޭނާދެކެ އިންތިހާއަށް ލޯބިވެއެވެ. ޝައުން ހަނދާން ހުންނަން ފެށީއްސުރެ، އާއިން އުޅެނީ އޭނާއާ އެކުގައި ސިންގަޕޫރުގައެވެ. އިޒްޔަންއަށްވުރެވެސް ބޮޑަށް އާއިންދެކެ ޝައުން ލޯބިވެއެވެ. އާއިންވެސް އޭނާބުނާ ކޮންމެކަމެއް ހިތުން ރުހުމުން ކޮށްދެއެވެ. ޝައުން ދެރަވާފަދަ ކަމެއް ކުރުމަކީ އޭނާއަށް ވާނެކަމެއްނޫނެވެ. އޭނާގެ އަމިއްލަ ކޮއްކޮ އައިރާއަށްވުރެވެސް ބޮޑަށް ޝައުންދެކެ އޭނާ ލޯބިވެއެވެ. ޝައުންގެ ލޮލުން ކަރުނަ އަންނާނެފަދަ ކަމެއް މީހަކު ކުރިނަމަވެސް އެމީހަކުދެކެވެސް އޭނާ ރުޅިއާދެއެވެ. ޝައުންއަކީ އޭނާއަށް އެހައިވެސް ޚާއްސަ ކުއްޖެކެވެ. ޝައުން އޭނާއަށްވުރެ ދެއަހަރު ހަގެވެ. ނަމަވެސް ޝައުން އޭނާއަށް ބޭބެއެއް ނުކިޔައެވެ. ޝައުން ބުނާގޮތުންނަމަ އާއިންއަކީ އޭނާގެ "ބެސްޓް ފްރެންޑް" އެވެ. ތެދެކެވެ. އާއިންގެ ޙަޔާތުގައި މާޒްގެ ނަމްބަރުވެސް އަންނަނީ ޝައުންއަށް ފަހުގައެވެ.

ސިނަމާލެ ބްރިޖްމަތިން ބާރު ދުވެލީގައި ދަތުރުކުރަމުން ދިޔަ ކާރުގައި ޝައުންއާއި އާއިން ތިބީ ހިމޭންކަމުގައެވެ. ދަތުރުގެ ނިމުމަކާ ހަމައަށް ދިޔައިރުވެސް ދެމީހުންކުރެ އެކަކުވެސް ވާހަކައެއް ނުދައްކައެވެ. އެހަމަހިމޭންކަމަށް ކެތްކުރުމަށް އާއިންއަށް އުނދަގޫވިއެވެ. އެންމެފަހުން އޭނާ ވާހަކަ ދެއްކިއެވެ.

" އަހަރެން މިއުޅެނީ ވަރަށް އަވަހަށް ކާވެނިކުރަން…" ޖެހިލުންވެ އިނދެފައި އާއިން ބުނެލިއެވެ.

" އެނގޭ…ދޮންބެ ބުނި.." އެއްވެސް އަސަރެއް ނެތް ގޮތަކަށް ޝައުން ބުނެލިއެވެ. އާއިން ހައިރާންވެފައި ޝައުންގެ މޫނަށް ބަލާލިއެވެ.

" ސޮރީ…ކުރިން ނުބުނެވުނީމަ…" ކުށްވެރި އިހުސާސެއް ކުރެވިގެން އާއިން މާފަށް އެދުނެވެ.

" އިޓްސް އޯކޭ…އަހަރެންމީ އެހާ މުހިއްމު މީހެއްނަމަ އެންމެކުރިން އެޚަބަރު އިވުނީހީ އަހަރެންނަށް ކަންނޭނގެ…އެކަމު މިހާރު އެނގިއްޖެ އަހަރެންނަކީ އާންއަށް އެއްވެސްމީހެއް ނޫންކަން" އެއިންގޮތަށް ދުރުބަލަން އިނދެ ޝައުން ބުންޏެވެ.

" ތިހެން ނުބުނޭ ޝައުން…ޝައުންތީ އަދިވެސް އަހަރެންނަށް މުހިއްމު މީހެއް….އަހަރެންގެ ހިތުގަ ޝައުންއަށް އޮތް މަޤާމު ބަދަލެއްނުވޭ….ދުވަހަކު ނުވެސްވާނެ…" އާއިން އަސަރާއެކު ބުނެލިއެވެ.

" ތީ ދޮގެއް….އާން ބަދަލުވިއިރު، އާންގެ ހިތްވެސް ބަދަލުވާނެއްނު….ތިހިތުގަ އަހަރެންނަށް އެއްވެސް މަޤާމެއް ނެތް…އެކަން އަހަރެންނަށް ޔަޤީންވެސް ވެއްޖެ…" ސިއްރު ސިއްރުން ކަރުނަ ފުހެލަމުން ޝައުން ބުނެލިއެވެ.

ޝައުންގެ ޖަވާބު އިވުނު ނަމަވެސް ރައްދުގައި ބުނާނެ އެއްޗެއް އާއިންއަކަށް ނުވިސްނުނެވެ. ތެދެކެވެ. ޝައުން ބޭނުންވާފަދަ މަޤާމެއް އޭނާގެ ހިތުން ޝައުންއަށް ދެވޭކަށް ނެތެވެ. އޭނާގެ ހިތުގައި އެފަދަ މަޤާމެއް ދެވުނު ހަމައެކަނި ކުއްޖަކީ ފަރަހަނާޒްއެވެ. އެނޫން ކުއްޖަކަށް އެމަޤާމު ދެވޭކަށްނެތެވެ. ޝައުންއަށް ދެރައެއް ލިބޭކަށް ދުވަހަކުވެސް އޭނާ ނޭދެއެވެ. ޝައުންއަށް އެކަން ވިސްނޭނެނަމައެވެ.

ކާރު އޭގެ މަންޒިލަށް ދެވުމުން ޝައުން ކާރުން ފޭބިއެވެ. އާއިން ކާރު ޕާރކްކޮށްފައި އަންނާނެކަމުގެ އުއްމީދުގައި ޝައުން މަޑުކޮށްލިއެވެ. ނަމަވެސް އާއިން މަޑުކުރުމެއްނެތި ކާރު ދުއްވާލުމުން ޝައުންއަށް ހިތާމައިގެ އާހެއް ބޭރުކޮށްލެވުނެވެ. ކޮޓަރިއަށްވަދެ އެނދުމައްޗަށް ވެއްޓިގަތުމާއެކު ޝައުންގެ ލޮލުގައި ހިފެހެއްޓިފައިހުރި ކަރުނަތައް އޭނާގެ ކޯތާފަތްމައްޗަށް އޮހިގަތެވެ. މިއަދު އާއިން އޭނާއާ ދުރަށް ގޮސްފައިވަނީ ހުވަފެނަކުންވެސް އޭނާ ދެކެފައި ނުވާވަރަށެވެ. އާއިން ބަދަލުވީ ކީއްވެގެން ހެއްޔެވެ؟ އާއިންއަށްޓަކައި އޭނާގެ ހިތް ހުޅުވާލުމުންވެސް އާއިން އޭނާއާ ދުރަށް ދިޔައީއެވެ. އޭނާގެ ހިތުގައި އެހުރިހާ ދުވަހު އެލޯބި ސިއްރުކޮށްގެން ހުރިއިރު، އާއިންހުރީ އޭނާއާ ނުހަނު ގާތުގައެވެ. ނަމަވެސް މިއަދު ހުރިހާކަމެއް މިވަނީ ބަދަލުވެފައެވެ. އާއިން އެވަނީ ބަދަލުވެފައެވެ.
ރޮއި ރޮއިފައި ޝައުން ހިތާ ހިތާ ޝަކުވާކުރަމުން ދިޔައެވެ. އޭނާގެ ހިތަށް ހާދަ ތަދުވެއެވެ. ނަމަވެސް އޭނާ ޝަކުވާ ކުރާނީވެސް ކާކުގެ ގާތުގައި ހެއްޔެވެ؟

ރޭގަނޑުގެ ވަގުތެވެ. ކައިނިމެން އާއިން އޭނާގެ ކޮޓަރިއަށް ދިޔައީ އަވަހަށް ނިދުމުގެ ބޭނުމުގައެވެ. މިއަދު މާބުރަކޮށް މަސައްކަތްކުރުމުން އޭނާގެ ބޮލުގައިވެސް ރިއްސައެވެ. އެހެންކަމުން އޭނާ ހެދުން ބަދަލުކޮށްގެން އައިސް އެނދުގައި އޮށޯތެވެ. ދެލޯމަރައިގެން ނިދޭތޯ މަސައްކަތްކުރަމުން ދަނިކޮށް އޭނާގެ ފޯނަށް މެސެޖެއް އައެވެ.

" ކޮންގްރާ….ގުޑްނައިޓް" އެއީ ޝައުންގެ މެސެޖެކެވެ.

އާއިން ފޯނަށްބަލަން އިރުކޮޅަކު އޮތުމަށްފަހު "ގުޑްނައިޓް" ލިޔެލާފައި މެސެޖްގެ ޖަވާބުފޮނުވިއެވެ. ޝައުންގެ އިތުރު މެސެޖެއް އަންނާނެކަމުގައި އޭނާ ހީކުރިނަމަވެސް އިތުރު މެސެޖެއް ނައެވެ. ފޯނުބާއްވާފައި ދެލޯމަރައިގެން އޮވެ އޮވެވެސް އޭނާއަށް ނިދޭގޮތެއް ނުވިއެވެ. ޝައުން ފެނުނީއްސުރެ، އޭނާއަށް ޝައުންއާމެދު ވިސްނެމުން ދިޔައެވެ. ޝައުންގެ ހިތާމަވެރި މޫނު ފެނުމުން މިއަދު އޭނާ ދެރަވިއެވެ. މިހުރިހާ ދުވަހު ޝައުންގެ މެސެޖަކަށް އަދި ކޯލަކަށްވެސް ޖަވާބުނުދީ އޭނާއުޅުނީ ވަރަށް ހިތްވަރުންނެވެ. ނަމަވެސް މިއަދު ޝައުންގެ ދެރަވެފައި ހުއްޓައި ފެނުމުން އެހިތްވަރު އެލިއްޖެއެވެ. އިތުރަށް އެއަންހެން ކުއްޖާ ހިތުގައި ޖައްސާކަށް އޭނާއަކަށް ނުކެރުނެވެ.

" ޝައުން…އަހަރެންނަށް މާފްކުރޭ!…މާފްކުރޭ!…އެދުވަސް އަހަރެންގެ ހަޔާތަށް ނައިނަމައޭ އަހަރެންގެ ހިތަށްއަރާ…އެހެންނަމަ މިދުވަސް ދެކޭކަށް ނުޖެހުނީސް…އެހެންނޫނަމަ އަހަރެމެންގެ މެދުގާ މި ބީރައްޓެހިކަމެއް ނުއުފެދުނީސް…ޝައުން ދެރަވާކަށް ނުޖެހުނީސް…" މާޒީގެ ހަނދާނެއްވެފައި އޭނާއަށް ހިތާހިތައި ޝަކުވާކުރެވުނެވެ.
އޭނާ ވިސްނަން އޮއްވައި ކުއްލިއަކަށް ބޯކޮށް ވާރޭވެހެން ފެށުމުން އޭނާ ތެދުވިއެވެ. އަދި ބެލްކަންޏަށް ނުކުމެ ވާރޭވެހެމުންދާ ހިތްގައިމު މަންޒަރު ބަލަންފެށިއެވެ. އެވަގުތު އޭނާގެ ޚިޔާލުތައް މާޒީގެ ތެރެއަށް ދަތުރުކުރިއެވެ.

އެއީވެސް މިފަދަ ތޫފާނީ ރެއެކެވެ.ޝައުންގެ މަންމައާއި ބައްޕަވީ އިޒްވާން ގޮވައިގެން ތިމާގެ މީހެއްގެ ކާވެނި ޕާރޓީއަށް ގޮހެވެ. ޝައުން އެސައިމެންޓެއް ނިންމަން އޮތުމުން ޕާރޓީއަށްދާން ބޭނުންނުވީއެވެ. އިޒްޔަން ކިޔަވާ ނިމިގެން މާލެ ބަދަލުވިފަހުން ގިނަ ވަގުތު އާއިން ހޭދަކުރަނީ މާޒްއާއެކުއެވެ. ނަމަވެސް މިރޭ މާޒްވެސް އެގެއަކަށް ނާދެއެވެ. އެހެންކަމުން އާއިން ފޫހިވެގެން އިނގިރޭސި ފިލްމެއް ބަލަންފެށިއެވެ. އެސައިމަންޓް ނިމުމުން ޝައުން ސިޓިންރޫމަށް އައިއިރު އާއިން ފިލްމު ބަލަން އިނުމުން އޭނާވެސް އާއިންގެ ގާތުގައި އިށީނެވެ.

" މިއީ ކުޑަކުދިން ބަލާކަހަލަ ފިލްމެއްނޫން…ދޭއަވަހަށް ނިދަން.." ޝައުން ޝައުޤުވެރިކަމާއެކު ފިލްމު ބަލަން ފެށުމުން އާއިން ބުންޏެވެ. ޝައުން ތުންއޫކޮށްލަމުން ދެފަރާތަށް ބޯހޫރާލިއެވެ.
ދެމީހުން ފިލްމަށް ގެއްލިފައި ތިއްބައި ލޯބީގެ މަންޒަރެއް ފެށުނެވެ. ދެލޯބިވެރިން ކެތްތެރިކަން ކުޑަވެފައިތިބެ ލޯބިކުރާ މަންޒަރު ފެނުމުން ޝައުން ލަދުގަތެވެ. އާއިން މަންޒަރު ބަދަލުނުކޮށް ބެހެއްޓީ ޝައުން ކޮޓަރިއަށް ފޮނުވާލުމަށެވެ. ކަންތައްވީވެސް އެހެންނެވެ. އިރުކޮޅަކު އެމަންޒަރު ބަލަން އިނުމަށްފަހު، އިތުރަށް ބަލަން ނުކެރޭ ހިސާބަށް ކަންތައް ދިއުމުން ޝައުން ތެދުވެގެން ދުވެފައި ގޮސް ކޮޓަރިއަށްވަނެވެ. ޝައުންއަށް ވީގޮތުން އާއިންއަށް މަޖާވެގެން ހޭންފެށިއެވެ.

ފިލްމު ނިމެން ގާތްވެފައި ހުއްޓައި ވިދާލި ވިދުވަރަކާއެކު ކުއްލިއަކަށް މުޅިގެއިން ކަރަންޓް ކެނޑުނެވެ. ވިދުވަރުގެ އަޑު ނުކެނޑެނީސް ބާރުގުގުރިއެއް ޖެހިއެވެ. އެއާއެކު ޝައުންގެ ކޮޓަރިން ހަޅޭއްލަވައިގަތް އަޑުއިވުނެވެ. ގުގުރާ ވިދާނަމަ ޝައުން ނުހަނު ބިރުގަނެވެ. އަދި ކަރަންޓް ދިއުމުން އޭނާ އިތުރަށް ބިރުގަތެވެ. އާއިން އަވަސް އަވަހަށް ސޯފާމަތީގައި އޮތް އޭނާގެ ފޯނު ހޯދައިގެން ޝައުންގެ ކޮޓަރިއަށް ދިޔައެވެ. އޭރު ޝައުން އޮތީ ބާލީހުގައި ބާރަށް ބައްދައިގެން ރޯށެވެ.

" ހޭއި…އާން މިއައީނު..ދެން ހުއްޓާލާ ބޭބީ…" އާއިން އައިސް ޝައުންގެ ގާތުގައި އިށީއްނަމުން ލޯތްބާއެކު ބުންޏެވެ.
އެއާއެކު ޝައުން ފުންމައިގެން ތެދުވެ އާއިންގެ ގައިގާ ބާރަށް ބައްލާދިއެވެ. އާއިން ޝައުންގެ ބުރަކަށީގައި ފިރުމަން ފެށުމުން އޭނާ ހަމައަކަށް އެޅުނެވެ.

" އޮށޯވޭ…." ޝައުން ގަޔާ ދުރުކޮށްލަމުން އާއިން ބުންޏެވެ.

" އާން….ނުދާތި!…" އާއިންގެ އަތުގައި ބާރަށް ހިފަހައްޓަމުން ޝައުން އެދުނެވެ.

" ނުދަމޭ…ދޮރުތަޅުލެވިފަ ހުރިތޯ ބަލަން މިދަނީ…" އެހެންބުނެފައި އާއިން ކޮޓަރިން ނުކުތެވެ.
އެވަގުތު އޭނާގެ ފޯނަށް ބޮޑުދައިތަ ގުޅިއެވެ. އަދި މޫސުން ގޯސްވުމުގެ ސަބަބުން މިރޭ ގެޔަށް ނާދެވޭނެ ވާހަކަވެސް ބުންޏެވެ. އާއިން ފޯނުބޭއްވުމަށްފަހު، ސިޓިންރޫމުގައިވާ ކަބަޑެއްގެ ތެރެއިން އުއްބައްތިއެއް ހޯދައިގެން އުނދުން ކައިރިއަށް ގޮސް އުއްބައްތި ރޯކުރިއެވެ. އާއިން އުއްބައްތި ހިފައިގެން އެނބުރި ޝައުންގެ ކޮޓަރިއަށް ދިޔައެވެ.

" ދެން މިރޭ ކަރަންޓްވެސް ނާންނަނީތަ؟.." ބިރުން އިނދެ ޝައުން ބުނެލިއެވެ.

" ނޭނގެ ތިޔެއްވެސް…ހަމަގައިމުވެސް މިރޭ މަންމަމެނެއް ނާންނާނެ…ދެންމެގަ ގުޅާފަ ބުނީ މިރޭ އެކޮޅުގަޔޯ މަޑުކުރާނީ…އެހެންވީމަ އުޅޭނިދަން…އާން އިންނާނަން މިތާ ޝައުން ނިދާން…" ސައިޑް ކަބަޑުމަތީގައި އުއްބައްތި ބެހެއްޓުމަށްފަހު އާއިން އެނދުގެ އެއްފަރާތުގައި އިށީނދެ ހެޑްބޯޑްމަތީގައި ލެނގިލިއެވެ.

" މިކޮޅަށް އާދޭ…ބިރުގަނޭ…" ޝައުން އެދުނެވެ.

އެންމެފަހުން އާއިން ގޮސް ޝައުންގާތުގައި އޮށޯތެވެ. ހިނދެއް ހިނދަކަށް ވިދާގުގުން އިތުރުވަމުން ދިޔައެވެ. ވިދާލާ ކޮންމެ ފަހަރަކު ޝައުން އާއިންގެ ގައިގާ ބައްދައިގަނެއެވެ. އެގޮތުގައި އެތައްއިރެއްވީއިރުވެސް ޝައުންގެ ލޮލަކަށް ނިންޖެއްނައެވެ. ރޭގެ ފިނިކަމާހުރެ، އާއިންގެ ހަށިގަނޑުގެ ހޫނުކަން އިހުސާސްކުރެވުމުން ޝައުންގެ ހިތުގައި އެހެން ޖަޒްބާތެއް ހޭލައިގަތެވެ. އޭނާގެ ހިތަށް ސިފަވީ މިރޭބެލި ފިލްމުގެ މަންޒަރެކެވެ. މިހާރު ވިދާ ގުގުރުންވެސް މަޑުވެއްޖެއެވެ. ދޭތެރެ ދޭތެރެއިން ވިދާލާފައި މަޑުމަޑުން ގުގުރާލި ނަމަވެސް އަދިވެސް ބޯކޮށް ވާރޭވެހެމުން ދިޔައެވެ.

ޝައުން ނިދާތޯ ވާހަކަ ނުދައްކާ ހަމަހިމޭނުން އޮންނަން ފެށުމުން އާއިން ނިދިއަންނަ ގޮތްވިއެވެ. ޝައުން ދެފަހަރަކު ގޮވާލުމުންވެސް އާއިންގެ ޚަބަރެއްނުވިއެވެ. އެހެންކަމުން އާއިން ނިދީކަމުގައި އޭނާ ޔަޤީންކުރިއެވެ. އަދިވެސް ކަރަންޓް އަންނާކަށް ނޫޅެއެވެ. ވާރޭވެސް ދިޔައީ ހިނދެއް ހިނދަކަށް ބޯކުރަމުންނެވެ. ފިނިބޮޑުވަމުން ދިޔަވަރަކަށް ޝައުންގެ ހިތުގައި އުތުރި އަރަމުން ދިޔަ ޖަޒްބާތުގެ އަސަރުވެސް ދިޔައީ އިތުރުވަމުންނެވެ. ޝައުން މަޑުމަޑުން އޭނާގެ ހަށިގަނޑު ހިއްލާލުމަށްފަހު، އާއިންގެ މޫނާ ހަމައަށް އޭނާ މައްޗަށް ޖެހިލިއެވެ. އުއްބައްތީގެ ފަނޑުއަލީގެ ތެރެއިން އާއިންގެ މޫނު ފެންނަލެއް ނުހަނު ހިތްގައިމެވެ.

ޝައުން އޭނާގެ ހިތުތެރޭގައި ޒަމާނުއްސުރެ ފޮރުވާފައިވާ އިހުސާސްތަކަށް ނަމެއްދޭން މިރޭ ބޭނުންވިއެވެ. އާއިންއަށް ސިއްރުން ނަމަވެސް ހަމަ އެންމެ ފަހަރަކުވިޔަސް އާއިންގެ ކިބައިން އުފަލެއްހޯދަން އޭނާގެ ހިތްގޮވަމުން ދިޔައެވެ. އެހެންކަމުން އޭނާ މަޑުމަޑުން އާއިންގެ މޫނާއި މޫނުގާތްކޮށްލުމަށްފަހު އާއިންގެ ތުންފަތުގައި ބޮސްދިނެވެ. އާއިންގެ އެއްވެސް ހަރަކާތެއްނެތުމުން އޭނާއޮތީ ނިދާފައިކަން ޝައުންއަށް ޔަޤީންވިއެވެ. އެހެންކަމުން އޭނާ އެއްވެސް ޖެހިލުމެއްނެތި ދެވަނަ ފަހަރުވެސް އާއިންގެ ތުންފަތުގައި ބޮސްދިނެވެ. ޝައުންގެ އެއަމަލު ތަކުރާރުވާން ފެށުމުން ނިދިފައި އޮތް އާއިންއަށް ލޯހުޅުވާލެވުނެވެ. މިވަނީ ކީއްކަން އާއިންއަށް ރޭކާލީ އިރުކޮޅެއްފަހުންނެވެ. ނަމަވެސް އޭނާ ބަހެއް ބުނާނެ ފުރުސަތުވެސް ނުދީ ޝައުން އެކަން ތަކުރާރު ކުރުމުން އާއިންގެ ހަށިގަނޑުގައިވާ ފިރިހެންވަންތަކަންވެސް ހޭލައިގަތެވެ. އެކަމަށް އިންކާރުކުރަން އޭނާގެ ޒަމީރު ގޮވަމުން ދިޔަނަމަވެސް ޝައުންގެ މަޑުމަޑު ހަށިގަނޑުގެ ހޫނާއި ތުންފަތުގެ މީރުކަން އިހުސާސްވުމުން އޭނާގެ ހިތްވެސް މަގުން ކައްސާލިއެވެ. ޝައުންގެ އެހަރަކާތުގައި އޭނާއަށްވެސް ބައިވެރިވެވުނެވެ. އެއީ ކޮންފަދަ ބާރެއްކަން ނޭނގޭ ޖަޒްބާތެއް ދެމީހުންގެ މެދުގައި އުފެދި، އޭގެ އޮޔެގައި ބެހެމުން ދަނިކޮށް ދެމީހުންނަށްމެ ހޭވެރިކަންވީ ކަރަންޓް އައިސް މުޅިތަން އަލިކޮށްލުމުންނެވެ.

ދެމީހުންގެ ހަރަކާތްވެސް ހުއްޓި އެކަކު އަނެކަކަށް ބަލާލެވުނެވެ. ޝައުންގެ ނިދާހެދުން ކޮނޑުމަތިން ކައްސާލައިގެން ގޮސް އެދޮން ހަށިގަނޑުގެ ބޮޑުބައެއް ހާމަވާން އޮތެވެ. އާއިން ލައިގެންހުރި ޓީޝާޓްވަނީ ގަޔާ ވަކިކޮށްލެވިފައެވެ. ދެމީހުންގެ ހޭވިފައިވާ އިސްތަށިގަނޑާއި އަވަސްވެފައިވާ ނޭވާގެ ސަބަބުން ދެމީހުންވެސް ތިބީ އެއްހާލެއްގައިކަން ދޭހަވެއެވެ.
ޖަޒްބާތުގައިޖެހި މައުސޫމު އަންހެން ކުއްޖެއްގެ އިތްފަތް ވެއްޔާއި މޮޑެވިގެން ނުދަނީސް އާއިންއަށް ހޭވެރިކަންވިއެވެ. އާއިން އަވަސް އަވަހަށް އެނދުން ފުންމާލައިގެން އޭނާގެ ޓީޝާޓްވެސް ނުލައި ހަލުވި ފިޔަވަޅުތަކެއްގައި ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. އަވަސް އަވަހަށް އައިސް އެނދުގައި އިށީއްއިރުވެސް އޭނާގެ ނޭވާ ހަމައަކަށް ނޭޅެއެވެ.

"އޯހ ނޯ… ކިހިނެއްމިވީ؟…ކީއްވެ މިހެންމިވީ؟…ނޫން ނޫން…މިހެންވެގެން ނުވާނެ…މިއީ ހަޤީޤަތެއްނޫން…އާހް…" އާއިން އޭނާގެ ބޮލުގައި ދެއަތުން ހިފަހައްޓަމުން އެނދުމައްޗަށް އުއްޑުން ވެއްޓިގަތެވެ.
ކުރެވުނު ކަންތަކާއިމެދު ލަދުގަތްވަރުން އޭނާގެ އަމިއްލަ ނަފްސު އެތައްފަހަރަކު ކުށްވެރި ކުރެވުނެވެ. ޝައުން އެގޮތަށް ކައްތައްކުރީތީ އެކަމާމެދުވެސް އޭނާއަށް ވިސްނުނެވެ. މީގެކުރިންވެސް ޝައުން އޭނާއާ ނުހަނު ގައިގޯޅިކޮށް އުޅެއެވެ. ނަމަވެސް މިރޭ އުޅުނުފަދަ ގޮތަކަށް ނޫޅެއެވެ. އަދި އޭނާވެސް ދުވަހަކުވެސް ޝައުންއާމެދު އެފަދަ ޚިޔާލެއްވެސް ކޮށްފައެއްނުވެއެވެ. ވީއިރު މިވީ ކިހިނެއް ހެއްޔެވެ؟ އެރޭ ފަތިސްވާންދެން އޭނާއޮތީ ހޭލައެވެ.

އޭގެފަހުން ތިން ދުވަސްވާންދެން އޭނާއުޅުނީ ޝައުންއަށް އެއްގޮތަކަށްވެސް ނުފެނި ފިލައިގެންނެވެ. އޭރު އޭނާގެ ގްރެޖްއޭޝަންއަށް އޮތީ އެންމެ ހަފްތާއެކެވެ. އެދުވަހާ ހަމައަށްވެސް ދެމީހުން އުޅުނީ ދުރު ދުރުންނެވެ. ޚުދު ޝައުންވެސް އުޅުނީ އާއިންއާ ދުރުދުރުންނެވެ. އޭނާވެސް އާއިންގެ ގާތަށް އަންނަން ލަދުގަތީއެވެ. ގުރެޖްއޭޝަންއަށްފަހު ލަސްނުކޮށް އާއިން މާލެއައީވެސް އެސަބަބާހުރެއެވެ. ނަމަވެސް އާއިން މާލެއިތާ ދެހަފްތާފަހުން ޝައުން އޭނާއަށް ގުޅިއެވެ. އަދި އެރޭ އެގޮތަށް ކަންތައްވީ ޝައުން އޭނާދެކެ ލޯބިވާތީ ކަމުގައިވެސް އިޢުތިރާފުވިއެވެ. އެކަމަށް މާފަށްވެސް އެދުނެވެ.

" ޝައުން…ތިކަން ހަނދާން ނައްތާލާ!..އަހަރެމެންގެ ގުޅުމަކީ އެކަށީގެންވާ ކަމެއްނޫން…ދުނިޔެވެސް މިގުޅުން ބަލައެއް ނުގަންނާނެ…ގަބޫލުކުރޭ! އަހަރެންނަށްވުރެ މާ ރަނގަޅު މާރީތި މީހުންވެސް ޝައުންއަށްވާނެ…ޕްލީޒް…އިތުރަށް އެވާހަކަ ނުދައްކާ….އެއީ ނުވާކަމެއްކަމުގަ ހީކޮށްފަ ހަނދާން ނައްތާލާ!… " އާއިން ބެލީ ޝައުންއަށް ވިސްނައިދެވޭތޯއެވެ.
" ކީއްވެ؟…ކީއްވެ ނުވާންވީ؟…ކޮންމެމީހަކު ކޮންމެ އެއްޗެއް ކިޔަސް އަހަރެންގެ ފަރުވާލެއް ނެތް…އަހަރެން ލޯބިވޭ އާންދެކެ…ކުޑައިރުއްސުރެ އަހަރެން އާންދެކެ ލޯބިވޭ…އެހަޤީޤަތެއް ދުވަހަކުވެސް ބަދަލެއްނުވާނެ.." ނުރުހިފައި ޝައުން ބުންޏެވެ.
" އަހަރެންވެސް ޝައުންދެކެ ލޯބިވެޔޭ…އެކަމު ތިހީކުރާ ކަހަލަ ގޮތަކަށްނޫން…ތިއީ އަހަރެންގެ ކޮއްކޮއެއް….އެނޫން މަޤާމެއް އަހަރެންގެ ހިތުން ދެވޭކަށްނެތް… އެރޭ އެގޮތަށް ކަންތައްވީތީ އަހަރެން މާފަށް އެދެން…އާދޭސްކޮށްފަ ބުނަން އެކަން ހަނދާން ނައްތާލާ!" އާދޭހާއެކު އާއިން ބުންޏެވެ.

" ހުނ! ކޮއްކޮ…އާން އެރޭ އަހަރެންނާއެކު ކުރިކަންތައް އެއީ ކޮއްކޮއަކާ އެކު ކުރާނެ ކަމެއްތަ؟..އައިރާއާއެކުވެސް އާން އެގޮތަށް އުޅެފާނަންތަ؟…ބުނެބަލަ!…" ޝައުން ރުޅިއައިސްފައި ކުރިސުވާލަށް އާއިން ޖަވާބެއް ނުދެވުނެވެ. އެންމެފަހުން އޭނާ ފޯނުކަނޑާލީއެވެ.

ތެދެކެވެ. އޭނާއަށް ކުރެވުނީ ކޮއްކޮއަކާއެކުގައި ކޮށްގެންވާނޭ ކަމެއްނޫނެވެ. އެއަށްވުރެ ހުތުރު ކަމެކެވެ. ވީއިރު އެގޮތަށް އެކަންއެވީ ކީއްވެގެން ހެއްޔެވެ؟ މިހުރިހާ ދުވަހު ކޮއްކޮއެއްގެ ގޮތުގައި ދެކެމުން އައިނަމަ އެރޭ އޭނާގެ ހިތަށް ޝައިތޯނާވަނީ ކީއްވެގެން ހެއްޔެވެ؟ އެއީ އެރޭ އޭނާބެލި ފިލްމްގެ ސަބަބުން ވީކަމެއް ހެއްޔެވެ؟ ނުވަތަ އެރޭ ކަންތައް ދިމާވިގޮތުން ވީކަމެއް ހެއްޔެވެ؟ އާއިންއަކަށް ނުވިސްނުނެވެ.

އޭގެފަހުންވެސް ޝައުން އޭނާއަށް ގުޅައެވެ. ނަމަވެސް އޭނާ ކޮންމެވެސް ބަހަނާއެއް ދައްކާފައި ފޯނު ނުނަގަނީއެވެ. އޭނާގެ ޚަބަރެއް ނުވާތީ އެކަމާ ޝަކުވާކޮށް ޝައުން މެސެޖް ކުރެއެވެ. އެހެންނަމަވެސް އާއިން ޝައުންގެ ފޯނަށް ޖަވާބުދޭން ޖެހިލުންވަނީއެވެ. ޝައުންއާ ކުރިމަތިލާން އޭނާއަށް ނުކެރުނީއެވެ. ފަހުން ފަހުން އައިސް ޝައުންގެ މެސެޖްތަކުގެ ސަބަބުން އޭނާހުރީ ބޮލަށް އުނދަގޫވެފައެވެ. އެކަމުން ސަލާމަތްވާން ބޭނުންވެފައެވެ. ނަމަވެސް އެކަން މާޒްއާވެސް ހިއްސާކުރެވޭކަން ނެތެވެ. ނަސީބަކުން އޭނާގެ ޙަޔާތަށް ނާޒްއައީ އެދުވަސްވަރުއެވެ. އެހެންކަމުން ޝައުންގެ ޚިޔާލުތަކާ ދުރަށްދިއުމަށް އޭނާއަށް މަގެއްފަހިވިއެވެ.
****
ޖެހިބާރު ގުގުރިއަކާއެކު އާއިންއަށް ޚިޔާލީ ދުނިޔެއިން ނުކުމެވުނެވެ. އޭނާ އިތުރަށް ބެލްކަނީގައި މަޑުނުކޮށް ކޮޓަރިތެރެއަށް ވަނެވެ. އެނދުގައި އޮށޯވެ ގަޑިބަލާލިއިރު މެންދަމުން އަލިވެ ދެއެއްވެސް ޖަހައިފިއެވެ.
ނުނިމޭ