Last Updated: April 23, 14:49
Tuesday, April 23, 2024
ޚަބަރު

ގޭންގް ސްޓާރަކާއި ލޯބީގެ ގޮތުން ގުޅުުނު ފުލުހަކު ވަޒީފާއިން ވަކިކޮށްފި

ޖައިޕޫރު- އިންޑިއާ: ގޭންގް ސްޓާރަކާއި ލޯބީގެ ގޮތުން ގުޅުުނު ފުލުހަކު ވަޒީފާއިން ވަކިކޮށްފިއެވެ.

އިންޑިޔާގެ ނޫސް ރިޕޯޓްތައް ބުނާގޮތުގައި އެގައުމުގެ ބަގާލްޕޫރް ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ އަންހެން ފުލުހެއް ކަމުގައިވާ ޕްރިތީ ވަޒީފާއިން ވަކިކުރީ ގޭންގް ސްޓާރަކާއި ލޯބީގެ ގުޅުން ބާއްވާކަން ފަޅާއެރުމުން ކަމަށެވެ.

ޕްރިތީ ލޯބީގެ ގޮތުން ގުޅުނީ އެ ހިސާބުގައި އެންމެ ނުރައްކާތެރި ކުށްވެރިންގެ ލިސްޓުގައި ހިމެނޭ މީހަކާއެވެ.

ޕްރިތީ އާއި އޭނާގެ ލޯބިވެރިޔާގެ ގުޅުމާއި ބެހޭގޮތުން ބަގާލްޕޫރް ޕޮލިސް ސްޓޭޝަނުގެ އޮފިސަރަކު ބުނެފައިވާ ގޮތުގައި ޕްރިތީ ވަނީ އޭނާގެ ލޯބިވެރިޔާއަށް ފުލުުހުންގެ ސިއްރު މައުލޫމާތު ވެސް ހިއްސާކޮށްފައެވެ.

ޕްރިތީ ވަޒީފާއިން ވަކިކުރުމުން ވަނީ ފަހުން އޭނާގެ ލޯބިވެރިޔާ އާއި ކައިވެނީގެ ގޮތުން ގުޅިފައެވެ. ބަގާލްޕޫރުގެ ނޫސް ތަކުން ބުނެފައިވާ ގޮތުގައި ދެމީހުންގެ ކައިވެނީގެ ހަފްލާ ބާއްވާފައިވަނީ އެސަރަހައްދުގެ ފައްޅިއެއްގައެވެ.

ޕްރިތީ ގޭންގް ސްޓާރަކާއި ލޯބީގެ ގުޅުން ބާއްވާކަން ފަޅާއެރުމުގެ ސަބަބުން އޭނާ ވަޒީފާއިން ވަކިކުރި އިރު، މިފަދަ ހާދިސާތައް އިންޑިޔާގެ ފިލްމުތަކުގައި އާއްމުކޮށް ދައްކުވައިދެއެވެ. އެހެންވެ ސޯޝަލް މީޑިޔާގައި ބައެއް ފަރާތްތަކުން ވަނީ ޕްރިތީ ކުޅުނީ ފިލްމެއް ކަމަށް ބުނެފައެވެ.