Last Updated: June 10, 11:16
Wednesday, June 10, 2026
ޚަބަރު

ރިސޯޓުތަކުން ސާވިސް ޗާޖު ދޭ ގޮތް ސަރުކާރުން ބަލަން ފަށަނީ

ރިސޯޓު މުވައްޒަފުންގެ އެންމެ ބޮޑު ޝަކުވާއަކީ ސާވިސް ޗާޖު ނުލިބުމުގެ ޝަކުވާ ކަމަށާއި، އެކަން ސަރުކާރުން ބަލަން ފަށާނެ ކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ގެސްޓު ހައުސް ސިމްޕޯޒިއަމް ނިންމުމުގެ ގޮތުން ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ސޯލިހު ވިދާޅުވީ ރިޒޯޓުތަކުގެ މުވައްޒަފުންގެ އެންމެ ބޮޑު ޝަކުވާއަކީ ސާވިސް ޗާޖު ނުލިބުމުގެ ޝަކުވާއެވެ. އަދި ދިވެހިން ރިސޯޓުތަކުގައި ގެންގުޅޭ މިންގަނޑު ތަފާތު ކުރުމުގެ ޝަކުވާ ކަމަށެވެ. ރައީސް ސޯލިހު ވިދާޅުވީ ސަރުކާރުން އެދެކަން ބަލައި ފިޔަވަޅު އަޅާނެކަމަށެވެ.

"މިއަދުވެސް ބައެއް ރިޒޯޓުތަކުން އިވެނީ، ސަރވިސް ޗާޖު ނުލިބޭ ވާހަކައާއި، ޤާނޫނުގައި ބުނާ ނިސްބަތުން ދިވެހީންނަށް ރިޒޯޓް ވަޒީފާ ނުލިބޭ ވާހަކަ. މި ޝަކުވާތަކަށް ނިމުމެއް ގެނައުމަށްޓަކައި، ޤާނޫނާ އެއްގޮތަށް ސަރވިސް ޗާޖު ދެވޭކަން ކަށަވަރުކުރުމުގެ މަސައްކަތް، ޓޫރިޒަމް މިނިސްޓްރީން ފުރިހަމަކުރަމުން ގެންދާނެ ވާހަކަ މި ފުރުޞަތުގައި ދަންނަވަން"

ރައީސް ސޯލިހު ވިދާޅުވީ ދިވެހިންނަށް ރިސޯޓު ތަކުން ވަޒީފާ ނުލިބޭކަމުގެ ޝަކުވާވެސް ސަރުކާރަށް ލިބެމުންދާ ކަަމަަށެވެ. އަދި އެކަމަށް ހައްލު ހޯދައި ދިނުމުގެ ގޮތުން ރިސޯޓު ވަޒީފާތަކުގައި ދިވެހީން ގެންގުޅެންޖެހޭ މިންގަނޑުތައް މުރާޖަޢާކޮށް، ތަންފީޒުކުރުން ހަރުދަނާކުރެވޭނެކަމަށެވެ.

މީގެ އިތުރުން ދިވެހިން ރިސޯޓުތަކުގައި ގެންގުޅޭ މިންގަޑަށް ބަލައި ރިސޯޓުތަކަށް ހާއްސަަ ލުއިތަކެއް ދިނުމަށް ވިސްނަމުންދާ ކަމަށެވެ.