ރާއްޖޭގައި ކުރި ޖަހައި ފޯދެމުން އަންނަ ގެސްޓު ހައުސް ސިނާއަތަކީ ކުރީގެ ރައީސް ނަޝީދުގެ ޒައާމަތުގައި އެމަނިކުފާނު ގެނެސްދެއްވި ވިޔަަފާރިއެއްކަމަށާއި، ގެސްޓު ހައުސް ވިޔަފާރީގެ ބާނީ އަކީ ރައީސް ނަޝީދުކަަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ގެސްޓު ހައުސް ތަކަށް އަމާޒުކޮށްގެން ބޭއްވި ގެސްޓު ހައުސް ސިމްޕޯޒިއަމް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ގެސްޓު ހައުސް ވިޔަފާރި މީހުން ދިރިއުޅޭ ރަށްތަކުގައި ފެއްޓެވީ ރައީސް ނަޝީދު ކަމަށެވެ. އެގޮތުން 2010 ވަނަ އަހަރު މާފުށީގައި އޭރުގެ ރައީސް. މުހައްމަދު ނަޝީދު ގެސްޓު ހައުސްގެ ވިޔަފާރި ފައްޓަވައި ދެއްވި ކަމަށެވެ.

"އަޅުގަނޑުގެ ހަނދާނަށް އެންމެ ފުރަތަމަވެސް އަންނަނީ، މި ވިޔަފާރި ފެށިގެން އައި ގޮތް. ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތުގައި، ކުރިޖަހައި ފޯދެން ފެށީ، 2010 ވަނަ އަހަރުގެ ތެރޭގައި. އެއީ އޭރުގެ ރައީސް މުޙައްމަދު ނަޝީދުގެ ޒަޢާމަތުގައި، ރަށްރަށަށް ގެސްޓް ހައުސް ވިޔަފާރި ތަޢާރުފު ކުރެއްވުމުން"
2008 ވަނަ އަހަރު ރައީސް ކަމަށް މުހައްމަދު ނަޝީދު ވަޑައިގެންނެވިއިރު ގެސްޓު ހައުސް ހިންގުން އޮތީ މީހުން ދިރިއުޅޭ ރަށްތަކުގައި ކުރުން ހެޔޮނުވާވަރުގެ ކަމެއްގެ ގޮތުގައި ކަމަށެވެ. ނަމަވެސް އެ އުސޫލު ބަދަލުކޮށް ސީދާ ރައްޔިތު މީހާގެ ޖީބަށް ޑޮލަރު ވަންނަ ގޮތް ހެއްދެވީ ރައީސް ނަޝީދު ކަމަށެވެ.
ފާއިތުވި ދުވަސްތަކުގައި ގެސްޓު ހައުސް ވިޔަފާރިވަނީ ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ހަލުވިކަމާއި އެކު ކުރިއަރަން ފަށާފައެވެ. އެގޮތުން 2010 ވަނަ އަހަރުން ފެށުގެން މިހާތަނަށް ރާއްޖޭގެ 88 ރަށެއްގައި 518 ގެސްޓު ހައުސް ވަނީ ހަދާފައެވެ. މި ގެސްޓު ހައުސްތަކުގެ ޖުމްލަ އެނދުގެ އަދަދު 8449 އަށް އަރައެވެ.
ރޭގެ ސިމްޕޯޒިއަމް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގެންނެވިއެވެ.