Last Updated: June 10, 11:16
Wednesday, June 10, 2026
ޚަބަރު

އަޅާލާނެ މީހަކު ނެތް، އެކަނިވެރި އެއްމާބަޑު ދެ އަންހެނުންގެ ކަންކަން ބަލަނީ

ސ. ހުޅުދޫގައިއަޅާލާނެ މީހަކުނެތި އެކަނިމާއެކަނި ދިރިއުޅުމުންދާ އެއްމާބަނޑު އުމުރުން ދުވަސްވީ ދެ އަންހެނުންގެ މައުލޫމާތު ހޯދުމަށް އައްޑޫ ސިޓީ ކައުންސިލަށް ޖެންޑާ މިނިސްޓްރީން އަންގައިފިއެވެ.

"އައްޑޫލައިވް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދެ އަންހެނުންނާއި ބެހޭ މައުލޫމާތު ސިޓީ ކައުންސިލް މެދުވެރިކޮށް ހޯދުމަށް ޖެންޑާ މިނިސްޓްރީން އަންގާފައިވާ އިރު މިކަން ހިއުމަން ރައިޓްސް ކަމިޝަނުންވެސް ދަނީ ބަލަމުންނެވެ.

ހުޅުދޫގައި އަޅާނާލެ މީހަކު ނެތި ދިރިއުޅުމުންދާ އުމުރުން ދުވަސްވީ ދެ އަންހެނުންގެ ވާހަކަ ސޯޝަލް މީޑިއާގައި އިއްޔެ ހިއްސާ ކުރުމާއި އެކު ކަމާއި ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް މިކަން ވަނީ އައިސްފައެވެ. އުމުރުން 80 އަހަރުން މަތީގެ މި ދެ އަންހެނުން އެކަނިމާއެކަނި ހުޅުދޫގައި ދިރިއުޅެމުން އަންނަތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ.

ހުޅުދޫން ވާހަކަ ދެއްކި މީހަކު ބުނީ މި ދެއަންހެނުންނާއި އެއްބަޑު އަންހެނެއްގެ ދަރިއަކު ހުޅުދޫގައި ދިރިއުޅެމުންދާ ކަމަށެވެ. މި ދެމީހުންނަށް ދައުކަތުން 10،000 ރުފިޔާ ދޭ އިރު ފައިސާ ބޭނުން ކުރަނީ ކޮންބައެއް ކަން ނޭގޭ ކަމަށެވެ.

ހުޅުދޫން ވާހަކަ ދެއްކި މީހާ ބުނީ މި ދެމީހުންނަށް އެހީތެރިވަނީ ބަންގްލަދޭޝްގެ ފިރިހެނަކު ކަމަށެވެ. އަދި އެމީހާ އެދެމީހުން ފެންވަރުވައި ކަންކަން ކޮށްދެނީ ކޮން އުސޫލަކުން ކަން ސާފު ނުވާ ކަމަށެވެ.

އައްޑޫގެ މޭޔަރ އަބްދުﷲ ސޯދިގު، ސޯބެ ވިދާޅުވީ އުމުރުން ދުވަސްވީ ދެމީހުންގެ މައުލޫމާތު ހޯދައި، ރިޕޯޓެއް ހެދުމަށް ޖެންޑާ މިނިސްޓްރީން އަންގާފައިވާ ކަމަށެވެ. އަދި އެމަސައްކަތް ކައުންސިލުން ކުރަމުން އަންނަ ކަމަށެވެ.

ދާދި ފަހުންވެސް ހުޅުދޫގައި މިފަދަ މައްސަލައެއް ފެންމަތިވިއެވެ. އަޅާލާނެ މީހަކު ނެތި ދިރިއުޅެމުން ދިޔަ އުމުރުން ދުވަސްވީ އަންހެނެއްގެ މައްސަލަ ސޯޝަލް މީޑިއާގައި ފެންމަތިވުމާއި ގުޅިގެން އެއަންހެން މީހާ ދައުލަތުގެ ބެލުމުގެ ދަށައް ގެންގޮސްފައިވަނިކޮށް ކުއްލި ގޮތަކަށް އެމީހާ ވަނީ ނިޔާވެފައެވެ.