Last Updated: June 19, 11:00
Friday, June 19, 2026
ޚަބަރު

މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭނީ އިންސާނީ ތަރައްޤީއަށް: ރައީސް ސޯލިހު

"ދިވެހި ބޭސްވެރިކަން އަދި އޯލްޓަނޭޓިވް މެޑިސިން ކުރިއެރުވުމާއި ގުޅޭ މަހާސިންތާ" އިފްތިތާޙްކޮށްދެއްވުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހު ވާހަކަފުޅުދައްކަވަނީ - ފޮޓޯ: ރައީސް އޮފީސް

ހަމައެކަނި ޢުމްރާނީ ތަރައްޤީއަށް ވިސްނުމުގެ ބަދަލުގައި މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭނީ އިންސާނީ ތަރައްޤީއަށްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މި ސަރުކާރުގެ 100 ދުވަހުގެ ވަޢުދުތަކުގައި ހިމެނިގެން ކުރިޔަށް ގެންދާ "ދިވެހި ބޭސްވެރިކަން އަދި އޯލްޓަނޭޓިވް މެޑިސިން ކުރިއެރުވުމާއި ގުޅޭ މަހާސިންތާ" އިފްތިތާޙްކޮށްދެއްވުމުގެ ގޮތުން މިއަދު ހެނދުނު ހޮޓެލް ޖެންގައި ބޭއްވެވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

އެގޮތުން އެމަނިކުފާނު ވިދާޅުވީ ޤައުމުގެ ކޮންމެ ފަރުދަކުމެ، ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަކީ، ޤައުމުގެ ތަރައްޤީއަށްޓަކައި ކޮންމެހެން ބޭނުންތެރިކަމެއް ކަމަށާއި، ޙަޤީޤީ ތަރައްޤީއަކީ، އިންސާނާގެ ނަފްސަށާ، އޭނާގެ ޒާތަށް އަންނަ ތަރައްޤީ ކަމުގައެވެ. އަދި އެ ތަރައްޤީ ޙާޞިލުކުރެވެނީ، އިންސާނާގެ ވިސްނުމާއި ފިކުރު ތަރައްޤީވެ ކުރިއަރައިގެން ކަމަށާއި ޞިއްޙީ ދުޅަހެޔޮކަން ޙާޞިލުކުރެވިގެން މެނުވީ، އިންސާނާގެ ވިސްނުމާއި ފިކުރުން އުފެއްދުންތެރި ނަތީޖާއެއް ޙާޞިލެއް ނުކުރެވޭނެކަމުގައި ވެސް ރައީސް ވިދާޅުވިއެވެ.

"ހަމައެފަދައިން ދިވެހި ބޭސްވެރިކަމަކީ، ދިވެހީންގެ މަދަނިއްޔަތާއި ދިވެހި ރަށްވެހިކަމުގެ އަގުހުރި ތަރިކައެއްވެސްމެ. އެ ތަރިކަ ޙިމާޔަތްކޮށް، އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ، އަޅުގަނޑުމެންގެ ޒިންމާއެއް. އެކަން ކުރެވޭނީ މިޒަމާނުގެ ބޭސްވެރިކަމުގެ ހަމަތަކާ އެއްގޮތަށް ދިވެހި ބޭސްވެރިކަން ވެސް ކުރިއަރުވައިގެން." ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، އެވޭލާ ދިވެހީންގެ މެދުގައި ދިވެހި ބޭސްވެރިކަން ނަޤުލުވަމުން އައީ ލިޔެވިފައި ހުރި ފޮތްތަކުން ކިޔެވުމުގެ ބަދަލުގައި، އެދުރުންގެ ފަރާތުން އުނގެނި ދަސްކޮށްގެންކަމަށާއި އެހެންކަމުން ދިވެހި ބޭސްވެރިކަމަކީ އަމިއްލަ ތަޖުރިބާތަކާއި ހޯދުންތައް ވަރަށް ބޮޑަށް އެކުލެވިފައިވާ ޢިލްމެއްކަމުގައި އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

އަދި ދިވެހި ބޭސްވެރިކަމަކީ ވެސް، ރާއްޖޭގެ ވަށައިޖެހިފައިވާ ޞިއްޙީ ނިޒާމުގެ އެއް ގުނަންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ދިވެހި ބޭސްވެރިކަން އާލާކޮށް ކުރިއެރުވުމަށްޓަކައި، ދިވެހި ބޭސްވެރިކަން ދަސްކޮށްދިނުމާއި، ފަރުވާދިނުމަށްޓަކައި ދިވެހި ބޭސްވެރިކަމުގެ އިންސްޓިޓިއުޓެއް ޤާއިމްކުރުމަކީ މިހާރު ކުރަންޖެހިފައިވާ ކަމެއް ކަމުގައެވެ.

"ވިލާތުގެ ބޭސްވެރިކަމުން ދުނިޔޭގެ ޞިއްޙީ ނިޒާމުވަނީ ބަދަލުވެފައި. އެއީ ކިތަންމެ މުޖައްރިބު ބޭސްވެރިކަމަކަށް ވިޔަސް، ޙަކީމީ ބޭސްވެރިކަމާއި އޯލަޓަނޭޓިވް ބޭސްވެރިކަމަށް އަލްވަދާޢު ކީ ހަމަ އެންމެ ޤައުމެއް ވެސް ނެތް. އޭގެ ބަދަލުގައި ކޮންމެ ޤައުމެއް ވެސް މަސައްކަތް ކުރީ، ޒަމާނީ ވަސީލަތްތަކުގެ އެހީގައި ޙަކީމީ ބޭސްވެރިކަން ކުރިއަރުވައި އާލާކުރަން." ރައީސް ވިދާޅުވިއެވެ.

އަދި ބޭސްފަރުވާއަކީ، ދުޅަހެޔޮ ޞިއްޙަތެއްގެ އެއް ފަރާތްކަމަށާއި، އޭގެ އަނެއް ފަރާތަކީ، ދިރިއުޅުމުގެ ރަނގަޅު އާދަތަކަށާއި ޞިއްޙަތަށް ފައިދާހުރި ކާނާ ކަމަށްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ކޮންމެ ޢާއިލާއެއްގެ ވެސް ވިސްނުން ބަހައްޓަންވީ، އެ ޢާއިލާއެއްގެ ދަރީންނަކީ، ދުޅަހެޔޮ ހަށިހެޔޮ ބަޔަކަށް ހެދުމަށް ކަމަށާއި، ކުދިންގެ އެންމެ ތުއްތު ޢުމުރުގައި، އެކަމަށް އަމާޒު ހިފައިގެން ނޫނީ، އެކަން ޙާޞިލެއް ނުކުރެވޭނެ ކަމުގައެވެ.

މީގެ އިތުރުން، އަދިވެސް ދިރިއުޅުމުގެ ނުރަނގަޅު އެތައް އާދަތަކެއް ދިވެހިންގެ ކިބައިގައި އެބަހުރިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ޒަމާނީ ލުއިފަސޭހަތަކާއެކު، ސިކުނޑިތަކަށް ކަންނެތްކަމާއި ވަރުބަލިކަން ސަވާރުވެ ހަށިތަކަށް ފަލަކަމާއި ލޮޑުކަން ވެރިވަމުންދާ ކަމުގައެވެ.

އަދި، މިކަމަށް އޮތް އެންމެ މުޖައްރިބު ފަރުވާއަކީ، ޞިއްޙަތަށް ފައިދާ ހުރި ކާނާއާއި ޙަރަކާތްތެރި ދިރިއުޅުމެއް ކަމަށާއި، ދިވެހިންގެ ވިސްނުން ބަހައްޓަންވީ، ބަލިވުމުން ބޭސްކުރަން ތިބުމުގެ ބަދަލުގައި، ބަލިތަކުން ދުރުހެލިވެ، ދުޅަހެޔޮ ދިރިއުޅުމެއް ވެއަތުކުރުމަށް ކަމުގައި ރައީސް ވިދާޅުވިއެވެ.