Last Updated: June 8, 12:02
Monday, June 8, 2026
ޚަބަރު

އެންސްޕާ، ޑްރަގް އެޖެންސީ އަދި ގުރައިދޫ މަރުކަޒު ޖެންޑަ މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފި

ޖެންޑަ މިނިސްޓްރީގެ ދަށަށް އެންސްޕާ، ޑްރަގް އެޖެންސީ އަދި މާލެ އަތޮޅު ގުރައިދޫގައި ހިންގާ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ބަދަލުކޮށްފިއެވެ.

ޖެންޑާ މިނިސްޓަރ ޝިދާތާ ޝަރީފް މިއަދު ދެއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ މަގާމާ އެކަމަނާ ހަވާލުވެވަޑައިގަތް ފަހުން މިނިސްޓްރީއަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. އެ ބަދަލުތަކުގެ ތެރޭގައި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ(އެންސްޕާ)، ނޭޝަނަލް ޑްރަގް އޭޖެންސީ އަދި ގުރައިދޫ ސެންޓަރުގެ މަސައްކަތް ބަދަލުކޮށްފައިވާ ކަމަށެވެ.

އަދި އެ އިދާރާތަކުގެ ހުރިހާ މަސައްކަތް މިހާރު ކުރެވެމުން ދާނީ ޖެންޑާ މިނިސްޓްރީގެ ދަށުން ކަމަށް ޝިދާތާ ވިދާޅުވިއެވެ. މިނިސްޓަރު އިތުރަށް ވިދާޅުވީ މިދިޔަ އަހަރު ހުށައެޅުނު މައްސަލަތަކާ އަޅާ ބަލާއިރު މިއަހަރު ޖުމުލަ މައްސަލަތައް މަދުވެފައިވާ ކަމަށެވެ. އެގޮތުން 2017 ވަނަ އަހަރު 2،800 އަށް ވުރެ ގިނަ މައްސަލަ ހުށައެޅިފައިވާ ކަމަށާއި މިއަހަރު ހުށައެޅިފައިވަނީ 2،345 މައްސަލަ ކަމަށް ވިދާޅުވިއެވެ.

އޭގެ ތެރެއިން ގިނައީ ކުޑަކުދިންނާ ގުޅޭ މައްސަލަ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން 2017 ވަނަ އަހަރު ހުށައެޅުނު 2،800 މައްސަލައިގެ ތެރެއިން އެއް ހާހަށް ވުރެ ގިނަ މައްސަލަ ކުޑަކުދިންނާ ގުޅޭ ކަމަށާއި މިއަހަރު ހުށައެޅު މައްސަލަތަކުން ވެސް ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މައްސަލަތަކަކީ ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ މައްސަލަ ކަމަށެވެ.