Last Updated: June 8, 12:02
Monday, June 8, 2026
ޚަބަރު

ފެނަކައަކީ މިހާރު ސިޔާސީ ޖަގަހައެއް ނޫން: ސައީދު

ފެނަކަ ކޯޕަރޭޝަން ހިތަދޫ ބްރާންޗް އޮފީސް. އައްޑޫލައިވް ފޮޓޯ: އަލީ ހުޒާމް

ފެނަކަ ކޯޕަރޭޝަނަކީ މިހާރު ސިޔާސީ ކެމްޕޭނު ޖަގަހައެއް ނޫން ކަމަށް ކުންފުނީގެ އާ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު، "ރާއްޖެ ޓީވީ" ގެ ޕްރޮގްރާމެއްގައި ވިދާޅުވީ މާޒީގައި ފެނިގެން ދިޔަ މަންޒަރު ތަކުރާރު ނުވާނެ ކަމަށާއި ސިޔާސީ ކެމްޕޭނު ޖަގަހައެއް ހިންގާ އުސޫލުން އެތަން ދެން ނުހިންގާނެ ކަމަށެވެ.

އަދި ފެނަކަ އަކީ ރައްޔިތުންގެ ވަރަށް އަސާސީ ޚިދުމަތެއް ފޯރުކޮށްދޭ ކުންފުންޏަކަށް ވެފައި، ރަނގަޅު ޚިދުމަތެއް ފޯރުކޮށްދެވޭނީ ސަރުކާރުގެ ސިޔާސަތުތައް ކުންފުނީގައި ރަނގަޅަށް ގާއިމްކުރެވިގެން ކަމަށް ގަބޫލުކުރައްވާ ކަމަށޤ އޭނާ ވިދާޅުވިއެވެ.

އަދި މުވައްޒަފުންގެ ސިޔާސީ ފިކުރަކަށް، ކުލައަކަށް ނުބަލާނެ ކަމަށާއި ނަމަވެސް ޚިދުމަތް ދޭ ގޮތަށް ބެލެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. ޚިދުމަތް ފޯރުކޮށްދެނީ އުސޫލާ ޚިލާފަށް ކަމަށްވާނަމަ އެކަން ބަލައި އެކަށީގެންވާ ފިޔަވަޅެއް އެޅޭނެ ކަމަށާއި ނަމަވެސް، ވަކި ސިޔާސީ ފިކުރަކަށް ތާއީދުކުރުމުން ފިޔަވަޅެއް ނޭޅޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކުރީގެ ސަރުކާރުގައި ޕީޕީއެމް ހަރަކާތްތަކުގައި ފެނަކަ ކޯޕަރޭޝަނުގެ މުވައްޒަފުންނާއި މުދާ ބޭނުން ކޮށްފައިވާއިރު ޕީޕީއެމް ހަރަކާތްތަކުގައި ބައިވެރިނުވާ ސަރުކާރު ކުންފުނިތަކުގެ މުވައްޒިފުންގެ ނަން ނޯޓުކޮށް ފިޔަވަޅުވެސް އަޅާފައިވެއެވެ.