Last Updated: June 19, 11:00
Friday, June 19, 2026
ޚަބަރު

އީސީގެ ލޯގޯ ބަދަލު ކުރުމަށް މަޝްވަރާ ކުރަނީ

އީސީގެ ތަރުޖަމާނު އަހްމަދު އަކްރަމް - ފޮޓޯ: ގޫގުލް

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ލޯގޯ ބަދަލުކުރުމާއި ގުޅޭގޮތުން މަޝްވަރާކުރަން ފަށައިފި އެވެ.

އީސީގެ މެމްބަރު އަދި ތަރުޖަމާނު އަހްމަދު އަކްރަމް މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ އީސީގެ ލޯގޯ އަށް ބަދަލު ގެންނަން ޖެހޭ ކަމަށް އާއްމުންނަށް ފެނިވަޑައިގަންނަވާތޯ ސުވާލުކުރައްވާފަ އެވެ.

އަދި އިލެކްޝަންސް ކޮމިޝަންގެ ލޯގޯ އަށް އިތުރު ފުރިހަމަ ކަމެއް ގެންނަން ޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށްވެސް އެ ޓްވީޓްގައި އަކްރަމް ވިދާޅުވި އެވެ.

އަކްރަމްގެ ޓްވީޓަށް ޖަވާބު ދެއްވި ބައެއް މީހުން ބުނީ ލޯގޯ އާއި ކުލަ ވެސް ބަދަލުކުރަން ފެންނަ ކަމަށެވެ.

އެގޮތުން އެ ޓްވީޓަށް ރައްދު ދެއްވި އެއް ފަރާތަކުން ބުނެފައި ވަނީ ލޯގޯ ބަދަލުކުރަން ޖެހޭ ކަމަށާއި، މިހާރު ހުރި ލޯގޯ އިން ހީވަނީ ވޯޓު ފޮށި މަތީގައި މީހަކު އަތް އަޅަން ނުވަތަ ވޯޓުލުން މަނާކުރަން އުޅޭހެން ކަމަށެވެ.

އީސީގެ ލޯގޯ ބަދަލުކުރުމާއި ގުޅޭގޮތުން އެ ކޮމިޝަންގެ މެމްބަރުން މަޝްވަރާ ކުރަމުން އަންނަ ކަމަށާއި، އެމަސައްކަތް ވަރަށް އަވަހަށް ނިންމަވާނެ ކަމަށްވެސް އަކްރަމް ވަނީ ވިދާޅުވެފަ އެވެ.