ގޯލްކީޕަރު އިމްރާން މުހައްމަދު ގައުމީ ފުޓްބޯޅަ ޓީމަށް ކުޅުން ހުއްޓާލުމުގެ ގޮތުން މިރޭ ކުޅޭ ހާއްސަ މެޗު، ޝަރަފްވެރިކޮށްދެއްވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފި އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒު ވިދާޅުވީ އިމްރާން ރިޓަޔާކުރައްވާ މެޗަށް ރައީސް ސޯލިހު ވަޑައިގަންނަވާނެ ކަމަށެވެ. އަދި އެމަނިކުފާނުގެ އިތުރުން ވެސް ސަރުކާރުގެ އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުންވެސް މެޗު ބައްލަވާލެއްވުމަށް ދަނޑަށް ވަޑައިގަންނަވާނެ ކަމަށް ޖަވާޒު ވިދާޅުވިއެވެ.
1999 ވަނަ އަހަރު ގައުމީ ޓީމަށް ކުޅެން ފެށި އިމްރާން ވަނީ އެޓީމަށް 111 މެޗު ކުޅެދީފައެވެ.
2008 ވަނަ އަހަރު ރާއްޖެއިން ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު، އެޓީމުގައި އިމްރާން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.