ކަރަންޓާ ގުޅިގެން ހިނގާ އަލިފާނުގެ ހާދިސާތައް މަދުކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް (އެފްއާރުއެސް) އާއި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން މަޝްވަރާކޮށްފިއެވެ.
އެމްއެންޑީއެފް އިން ބުނީ މިއަދު ސްޓެލްކޯގައި ބޭއްވި މި ބައްދަލުވުމުގައި ކަރަންޓު ޝޯޓު ވުމާއި ކަރަންޓާ ގުޅިގެން ހިނގާ އަލިފާނުގެ ހާދިސާތަކާއި އެފަދަ ހާދިސާތައް މަދުކުރުމަށް ދެ ފަރާތުން ގުޅިގެން ކުރެވެން ހުރި މަސައްކަތްތަކާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވާ ކަމަށެވެ.
މި ބައްދަލުވުމުގައި އެމްއެންޑީއެފް އެފްއާރުއެސްގެ ފަރާތުން އެންމެ އިސްކޮށް ބައިވެރިވެލެއްވީ އެފްއާރުއެސްގެ ކޮމާންޑަރ، ކާނަލް ޢަބްދުﷲ ޒުހުރީއެވެ. އަދި ސްޓެލްކޯގެ ފަރާތުން އެންމެ އިސްކޮށް ބައިވެރިވެލެއްވީ ސްޓެލްކޯގެ ޖެނެރަލް މެނޭޖަރ އަލްފާޟިލް އިބްރާހީމް ނާޝިދެވެ.
ރައްޔިތުންގެ ފުރާނަ އާއި މުދާ ރައްކާތެރިކުރުމަށް އެމްއެންޑީއެފް އެފްއާރުއެސް އިން ކުރަމުންގެންދާ މަސައްކަތްތައް އިތުރަށް ފުޅާކޮށް، ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ކުރަމުންދާ މަސައްކަތްތައް ހަރުދަނާކުރުމަށް ކަމާބެހޭ ސަރުކާރުގެ ވުޒާރާތަކާއެކު ފުޅާ ދާއިރައެއްގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.
އަދި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ފަރާތުން އާންމުން ހޭލުންތެރިކުރުމަށް ތަފާތު ޕްރޮގްރާމްތައް ކުރިއަށް އޮތް ތަނުގައި ހިންގުމަށް ރާވާފައިވާ ކަމަށްވެސް އެމްއެންޑީއެފް އިން ބުނެއެވެ.