ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް އުޅުއްވާނީ އަބަދުވެސް ފައިސާގެ ހީލަތްތެރި ރޭވުމެއްގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެ އެވެ.
ރިޔާޒް މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.
PPM dharuvaalaafa aaparty eh ufehdheemaves hama aiyjahanveethoa? Dhaulathuge kunfunithakah ethah faisaaeh dhahkan ohvaa efaisaa nudhahkaa ehen Party eh ufahdhanee dharani nudhehkumuge niyathugakamah belevey. Abadhuves RY ulhuhvaanee faisaage heelaiytheri reyvumehga! https://t.co/qcMfHXpfz6
— Abdulla Riyaz MP (@riyazabdulla) December 30, 2018
އެ ޓްވީޓްގައި ރިޔާޒް ވަނީ ޕީޕީއެމް ދަރުވާލާފައި އާ ޕާޓީއެއް އުފެއްދީމަވެސް އަތްޖަހަންވީތޯ ސުވާލުކުރައްވާފައެވެ.
ރިޔާޒް ވިދާޅުވީ ދައުލަތުގެ ކުންފުނިތަކަށް އެތައް ފައިސާއެއް ދައްކަން އޮތްވައި، އެ ފައިސާ ނުދައްކާ އެހެން ޕާޓީއެއް އުފައްދާނީ ދަރަނި ނުދެއްކުމުގެ ނިޔަތުގައި ކަމަށް ބެލެވޭ ކަމަށެވެ.
"އަބަދުވެސް ރައީސް ޔާމީން އުޅުއްވާނީ ފައިސާގެ ހީލަތްތެރި ރޭވުމެއްގައި"، އެ ޓްވީޓްގައި ރިޔާޒް ވިދާޅުވެފައި ވެއެވެ.
ރިޔާޒް މިހެން ވިދާޅުވިއިރު، ރައީސް ޔާމީން އިސްވެ ހުންނަވައިގެން އުފައްދަވާ ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދީފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. މިކަމާއި ގުޅިގެން ޕީޕީއެމްގެ ސިޔާސީ ޙަރަކާތްތައް ވަނީ ވަގުތީގޮތުން މަޑުޖައްސާލާފައެވެ. އަދި ޕާޓީގެ ޙަރަކާތްތައް އަލުން ފެށޭނެ ދުވަހެއް އިއުލާންކުރާނެ ކަމަށްވެސް ޕީޕީއެމް އިން ވަނީ ބުނެފައެވެ.