ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) މިއަދު އުފައްދަވައިފި އެވެ.
ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ސޮއިކުރައްވައި ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީ އަށް މިއަދު ފޮނުއްވި ސިޓީއެއްގައި ބުނެފައި ވަނީ ކާރިސާއާބެހޭ ކަންކަން ބެލެހެއްޓުމުގެ ޤާނޫނުގެ 26 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން "ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ"ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް މިއަދު އުފައްދަވައި، އެ އޮތޯރިޓީ އަކީ މިނިސްޓަރ އޮފް ޑިފެންސްގެ ބެއްލެވުމުގެ ހިނގަމުންދާ ތަނެއްގެ ގޮތުގައި ހަމަޖައްސަވާފައިވާ ކަމަށެވެ.
އެހެންކަމުން މިއަދުން ފެށިގެން "ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރު" އުވާލާފައިވާ ކަމަށާއި، އެ ސެންޓަރުގެ އެންމެހައި މުދަލާއި، ވަސީލަތްތަކާއި، މުވައްޒަފުންނާއި، އެފަރާތްތަކުގެ އެންމެހައި ޙައްޤުތަކާއި އިލްތިޒާމްތައް، ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އަށް ބަދަލުވީ ކަމަށްވެސް އެ ސިޓީގައި ބުނެފައި ވެއެވެ.