ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ވިއްކާ ޖެޓް ފިއުލްގެ އަގުހެޔޮ ކުރުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ނިންމައިފި އެވެ.
އެމްއޭސީއެލް އާއި ހަވާލާދީ "މިހާރު" ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި އަންނަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޑޮމެސްޓިކް އަދި އިންޓަނޭޝަނަލް ފްލައިޓްތަކަށް އަޅާ ޖެޓް ފިއުލްގެ އަގު ހެޔޮވާނެ ކަމަށެވެ.
އެގޮތުން 6.91% ގެ ކުޑަވުމަކާއެކު އިންޓަނޭޝަނަލް ބޯޓުތަކަށް ޖެޓް ފިއުލް ލިބޭނީ ލީޓަރެއް 0.91113 ޑޮލަރު (14 ރުފިޔާ) އަށް ލީޓަރެއް ކަމަށާއި، 7.50%ގެ ކުޑަވުމަކާއެކު ޑޮމެސްޓިކް ފްލައިޓްތަކުގެ ޖެޓް ފިއުލް ލިބޭނީ 0.92033 ޑޮލަރު (14.1 ރުފިޔާ) އަށް ލީޓަރެއް ކަމަށް އެމްއޭސީއެލް އިން ބުނެއެވެ.
އެމްއޭސީއެލް އިން ބުނީ ޖެޓް ފިއުލްގެ އަގު ހެޔޮކުރުމުން، ވީއައިއޭ އަށް އޮޕަރޭޓްކުރާ ފްލައިޓްތަކަށް އެކަމުގެ ފައިދާކުރާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.