އައްޑޫގައި ވައްކަން ކުރުމާއި ފިހާރަތަކަށް ގެއްލުން ދިނުން އިތުރުވެއްޖެއެވެ.
ފާއިތުވި ހަފްތާ ތެރޭގައި ހިތަދޫގައި ވައްކަން އިތުރުވެފައިވާ އިރު މިހަފްތާ ބަންދު ތެރޭ ތިން ފިހާރައަކާއި ސައި ހޮޓަލެއް ވަނީ ފަޅާލާފައެވެ.
ވައްކަން އިތުރުވެފައިވާ އިރު ބައެއް ގެތަކަށް މީގެ ކުރިން ވަނީ މޫނު ނިވާކޮށްގެން ވަދެ ތަކެއްޗަށް ގެއްލުންދީފައެވެ.
އައްޑޫގައި ކުށް މަދު ކުރުމަށް މީގެ ކުރިން ފުލުހުން އެކި ނަން ނަމުގައި ހާއްސަ އޮޕަރޭޝަންތައް ވަނީ ހިންގާފައެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ފަހުންވެސް އައްޑޫގައި މާރާމާރީ އާއި މީހުންގެ ގެދޮރަށް ބޮޑެތި ގެއްލުންތަކެއް ދީފައިވެއެވެ. އަދި ފިހާރަތައް ފަޅާލައި ވައްކަން ކޮށްފައިވާ އިރު އެކަން ހުއްޓުވުމަށް އެދެވޭ މަސައްކަތެއް ކުރާ މަންޒަރެއް ނުފެނެއެވެ.
ވައްކަން އިތުރުވަމުންދާތީ އާއްމު ރައްޔިތުން ތިބީ ބޮޑު ބިރުވެރިކަމެއްގެ ތެރޭގައެވެ. މިކަމާއި ގުޅިގެން ފުލުހުންގެ ބަހެއް ލިބިފައި ނުވާއިރު ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އައްޑޫގައި ހިނގަމުންދާ ވައްކަމާއި ގުޅޭ ގޮތުން މައުލޫމާތު ސާފު ކުރެއްވުމަށް ފަހު ހިއްސާ ކުރައްވާނެ ކަމަށެވެ.
އާއްމުގޮތެއްގައި ފުލުހުންގެ މީޑިއާއިން މިފަދަ ޖަވާބެއް ލިބޭއިރު ރައްޔިތުންނާއި ގުޅުން ހުރި މި ފަދަ މައުލޫމާތު ހޯދުމަށް ދަތިތަކާއި ކުރިމަތިލާން ޖެހެއެވެ.