Last Updated: June 19, 11:00
Friday, June 19, 2026
ޚަބަރު

"ވޯޓަރ ސްޕޯޓްސް ކޮންވެންޝަން" ބައިވެރިވުމަށް ހުޅުވާލައިފި

ފޮޓޯ: ކުރުނބާ މޯލްޑިވްސް

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވާ "ވޯޓަރ ސްޕޯޓްސް ކޮންވެންޝަން" ގައި ބައިވެރިވުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އިން ހުޅުވާލައިފި އެވެ.

އެ މިނިސްޓްރީ އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ވޯޓަރ ސްޕޯޓްސް ކޮންވެންޝަން އަންނަ ފެބްރުއަރީ މަހުގެ ތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށާއި، އެއީ މޫދުކުޅިވަރު ތަކުގައި ޙަރަކާތްތެރި ވަމުން އަންނަ ފަރާތްތަކަށް އަމާޒުކޮށްގެން ބޭއްވޭ މި ފަދަ އެންމެ ބޮޑު އެއްޙަރަކާތް ކަމަށެވެ.

މިކޮންވެންޝަންގައި މޫދު ކުޅިވަރު ކުރިއެރުވުމުގައި ހުރި ފުރުޞަތުތަކާއި، މޫދު ކުޅިވަރުތަކުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް ކުރިމަތިވާ ގޮންޖެހުންތަކާއި ގުޅޭގޮތުން މަޝްވަރާކުރުމާއި އަދި އެކަމާއި ގުޅޭގޮތުން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ކަރުދާސް ހުށަހެޅުން އޮންނާނެ ކަމަށްވެސް އެ އިއުލާންގައި ވެއެވެ.

މި ކޮންވެންޝަންގައި ބައިވެރިވުމަށް ދިވެހިރާއްޖޭގައި މޫދު ކުޅިވަރުތަކުގައި ޙަރަކާތްތެރިވާ ފަރާތްތަކާއި އަދި އެފަދަ ކުޅިވަރުތަކާއި ގުޅުންހުރި ހުރިހާ ފަރާތްތަކަށް ދަޢުވަތު އަރުވާ ކަމަށްވެސް އެ މިނިސްޓްރީ އިން ބުނެއެވެ.

މުޅިން ހިލޭ ބައިވެރިވެވޭ ގޮތަށް ބާއްވާ މި ކޮންވެންޝަން ގައި ބައިވެރިވުމަށް އެދޭ ފޯމް 10 ޖެނުއަރީ 2019 ދުވަހުގެ 14:00 ގެ ކުރިން އެ މިނިސްޓްރީގެ ކައުންޓަރަށް ހުށަހަޅަން ޖެހޭނެ ކަމަށް އެ އިއުލާންގައި ބުނެފައި ވެއެވެ.

ކޮންވެންޝަން ގައި ބައިވެރިވުމަށް އެދޭ ފޯމް މިނިސްޓްރީގެ ވެބްސައިޓް www.youth.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި އެ މިނިސްޓްރީގެ ކައުންޓަރުން ވެސް ލިބެންހުންނާނެ އެވެ.