ރ. މުރަވަންދޫން ކުނި ހިފައިގެން ކ. ތިލަފުއްޓަށް ދަތުރުކުރަމުން ދިޔަ ދޯންޏެއް ދިޔަވާތީ އެ ދޯންޏަށް އެހީތެރިވުމުގެ މަސައްކަތް އެމްއެންޑީއެފް އިން ފަށައިފި އެވެ.
އެމްއެންޑީއެފް އިން ބުނީ "ދުވެލި" ކިޔާ އެ ދޯނި ދިޔަވާތީ، އެ ދޯންޏަށް އެހީތެރިވުމުގައި އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން ޙަރަކާތްތެރިވަމުންދާ ކަމަށާއި، އެ ހާދިސާގެ މަޢުލޫމާތު ލިބިފައި ވަނީ މިރޭ 22:24 ހާއިރު ކަމަށެވެ.
އެމްއެންޑީއެފް އިން ބުނީ އެ ހާދިސާ ހިނގާފައިވަނީ ކ. އަކިރިފުށީގެ ހުޅަނގު އިރުން 17 ނޯޓިކަލް މޭލް ހިސާބުގައި ވަނިކޮށް ކަމަށާއި، 75 ފޫޓުގެ މި ދޯނި ދިޔަވަމުން ދިޔައިރު ދިވެއްސަކާ ތިން ބިދޭސީން ދޯނީގައި ތިބި ކަމަށެެވެ.
މީގެ އިތުރުން އެ ހާދިސާ ހިނގަން މެދުވެރިވީ ދޯނީގެ ޝާފޫޓުގެ ބޯލްޓެއް ނެއްޓިގެން ކަމަށް ދޯނީގެ ކެޕްޓަން މައުލޫމާތު ދީފައިވާ ކަަމަށާއި، ކޯސްޓްގާޑުގެ ޑައިވަރުންގެ ޓީމަކާ އެކީ ކޯސްޓްގާޑް އުޅަނދެއް ހާދިސާ ހިނގައިގެން އުޅޭ ސަރަހައްދަށް ދަތުރުކުރަމުންދާ ކަމަށްވެސް އެމްއެންޑީއެފް އިން ބުނެއެވެ.