ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަކީ ވެސް މިސަރުކާރު ދަމަހައްޓަން މަސައްކަތް ކުރާ ވަރުގަދަ ލީޑަރެއް ކަމަށް ތިމަރަފުށި ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.
އަލަށް އުފެއްދި އެމްޓީޑީގެ ރައީސް ކަން ކުރައްވާ އަދީބަކީ 33 އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރާ ބޭފުޅެކެވެ. ނަމަވެސް އޮޕަރޭޝަނަކަށް ފަހު އަދީބު ވަނީ ގޭބަންދަށް ބަދަލުކޮށްފައެވެ.
ކުރީގެ ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެނައުމަށް އިދިކޮޅު ކޯލިޝަނުން ބޭއްވި ހަރަކާތްތަކުގައި އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ވަނީ ބައިވެރިވެފައެވެ. އަދި ޖަލުގައި އޮވެ އަދީބު ވަނީ ޔާމީނަށް ވޯޓު ނުދިނުމަށާއި ގައުމު ހެޔޮ ފާލަކަށް ގެނައުމަށް އިއްތިހާދުގެ ކެންޑިޑޭޓް އިބޫއަށް ވޯޓު ދެއްވުމަށް ހުރިހާ ސަޕޯޓަރުންގެ ކިބައިން އެދިފައެވެ.
ނަމަވެސް މިހާތަނަށް އަދީބު ވެސް އަދި ކޯލިޝަންގެ އެއްވެސް ޕާޓީއަކުން ވެސް އަދީބަކީ ނުވަތަ އަދީބު އުފެއްދި ޕާޓީއަކީ ކޯލިޝަންގެ ބައިވެރިޔެއް ކަމަށް ހާމަކޮށްފައެއް ނުވެއެވެ.
ދައުލަތުގެ ފައިސާއިން މަގާމުގައި ހުންނެވިއިރު ކުރީގެ ރައީސް ޔާމީނާއި ބައިވެގެން ޚިޔާނާތްތެރިވެފައިވާ ކަމަށް ތުހުމަތު ކުރެވޭ އަދީބު ވަނީ އޭނާއަށް ޔާމީންގެ ވެރިކަމުގައި ކޮށްފައިވަނީ ސިޔާސީ ދައުވާތަކެއް ކަމަށާއި އިންސާފުވެރި ޝަރީއަތެއް ލިބިފައިނުވާ ކަމަށް ބުނެފައެވެ. އަދި އިންސާފުވެރި ޝަރީއަތެއް ކުރުމަށް އާސަރުކާރަށް ގޮވާލާފައިވެއެވެ.