އޮއިވާލި ކަނދުފަތި ކައިރިން ތިން މޭލު ދުރުމިނަށް ވަދު ޖަހައިގެންނާއި ދިރޭ އެން ޖަހައިގެން މަސްވެރިކަން ކުރުމަކީ މަނާކަމެއް ކަމަށް ފިޝަރީޒް މިނިސްޓްރީން ކަނޑައަޅައިފިއެވެ.
ފިޝަރީޒް މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އޮއިވާލި ކަނދުފައްޗަކީ ސަރުކާރުން ދޮށީގެ މަސްވެރިކަމަށް ގާއިމުކޮށްފައިވާ ކަނދުފަތި ކަމަށެވެ. އެއީ ސަރުކާރުން ވަރަށް ބޮޑު ޚަރަދެއް ކޮށްގެން ކޮށްފައިވާ ކަމެއް ކަމަށާއި ކަނދުފަތިތައް ބެލެހެއްޓުމަކީ ވެސް އެހާމެ ބޮޑު ޚަރަދެއް ސަރުކާރުން ކުރާ ކަމެއް ކަމަށެވެ.
އެހެންކަމުން ކަނދުފަތި ކައިރީ ގަވާއިދާއި ޚިލާފަށް ވަދު މަސްވެރިކަމާއި މުނިފޫހި ފިލުވަން މަސްވެރިކަން ކުރާ ކަމުގެ ޝަކުވާ މިނިސްޓްރީއަށް ލިބެމުން އަންނާތީ އެކަން ހުއްޓުވުމަށް އެމްއެންޑީއެފާއި ފުލުހުންނަށް އަންގާފައިވާނެ ކަމަށް މި ބަޔާނުގައި ބުނެފައިވެއެވެ. ގަވާއިދާއި ޚިލާފަށް މަސްވެރިކަން ކުރާ ފަރާތްތަކަށް ފިޔަވަޅު ވެސް އެޅޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ.
މިނިސްޓްރީން އިތުރަށް ބުނެފައިވަނީ މިފަދަ ފިޔަވަޅު އަޅަން ޖެހެނީ ގަވާއިދާއި ޚިލާފަށް ކަނދުފަތި ކައިރިން މަސްވެރިކަން ކުރުމުން މަސް އައިނު ތިލަވުމާއި ހިފެހެއްޓުމަށް ދަތިވާނެތީ ކަމަށެވެ.
އެހެންކަމުން އޮއިވާލި ކަނދުފަތީގެ ވަށައިގެން 3 މޭލަށް ވަދު ޖަހައިގެންނާއި ދިރޭ އެން ޖަހައިގެން މަސްވެރިކަން ނުކުރުމަށް މިނިސްޓްރީން ވަނީ އަންގާފައެވެ.
ސަރުކާރުން ދޮށީގެ މަސްވެރިކަން ކުރިއެރުވުމަށް 55 އޮއިވާލި ކަނދުފަތި ވަނީ ގާއިމުކޮށްފައެވެ.