ބޮޑު ހަމަނުޖެހުމެއްގެ ތެރޭގައި ބޭއްވި ބަންގްލަދޭޝްގެ އާންމު އިންތިޚާބު އަނެއްކާވެސް ޝެއިޚް ހަސީނާގެ ޕާޓީން ކާމިޔާބުކޮށް، ބޮޑުވަޒީރުކަމުގެ އިތުރު ދައުރަކަށް ޝެއިޚް ހަސީނާ އިންތިޚާބު ވެއްޖެއެވެ.
ޝެއިޚް ހަސީނާއާއި އެކަމަނާގެ އިއްތިހާދުން ވަނީ މަޖިލީހުގެ 300 ގޮނޑީގެ ތެރެއިން 288 ގޮނޑި ކާމިޔާބުކޮށްފައެވެ. މިއީ އެކަމަނާގެ ސިޔާސީ ހަޔާތުގައި ލިބިވަޑައިގެންނެވި އެންމެ ބޮޑު ކާމިިޔާބީއެވެ.
ނަމަވެސް ބަންގާޅު އިދިކޮޅު ޕާޓީތަކުން އަންނަނީ މަގާމުގައި ހުރެ އަނިޔާވެރިކަމާއި ބިރު ދެއްކުމާއި ވޯޓުން މަކަރު ހެދިކަމުގެ ތުހުމަތު ބޮޑުވަޒީރު ހަސީނާގެ ބޮލުގައި އަޅުވަމުންނެވެ. އެންމެ 7 ގޮނޑި އިދިކޮޅަށް ލިބުނު ނަމަވެސް، އަލުން ވޯޓު ލުމަށް އިދިކޮޅުން ވަނީ ޑިމާންޑުކޮށްފައެވެ.
ޖުމުލަ 350 ގޮނޑި މަޖިލީހުގައި އޮންނައިރު 50 ގޮނޑި ޚާއްސަ ކޮށްފައިވަނީ އަންހެނުންނަށެވެ. ބަންގްލަދޭޝްގައި އިދިކޮޅު ސަޕޯޓަރުންނާއި ސަރުކާރާއި ކުރިމަތިލުންތަކެއް ވަނީ ހިނގާފައެވެ. ފުލުހުން ވަނީ މުޒާހަރާ ކުރާ ފަރާތްތައް ބާރުގެ ބޭނުންކޮށް ހައްޔަރުކޮށްފައެވެ.
ސަރުކާރަށް ތާއީދުކުރާ މީހުންނާއި އިދިކޮޅު ސަޕޯޓަރުންނާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި މިހާތަނަށް 17 މީހަކު ވަނީ މަރުވެފައެވެ.