ކުރީގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ފްލެޓުތަކަށް ހޮވުނު ފަރާތްކަށް ފްލެޓު ދިން އިރުގައި ހައްގު ނޫން ފަރާތްކަށް ފްލެޓު ދިން މައްސަލަ ކޮމިޝަނުން ބަލަމުން އަންނަ ކަމަށް ހައުސިން މިނިސްޓަރ އާތިފާ ޝަކޫރު ވިދާޅުވެއްޖެއެވެ.
ރިޔާސަތުގެ ފުރަތަމަ ދުވަހު ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އެސެޓް ރިކަވަރީ ކޮމިޝަނެއް އުފައްދަވާފައެވެ. އެ ކޮމިޝަނުން ދައުލަތުގެ މުދާ ނުހައްގުން ގޮސްފައިވާ މައްސަލަތައް ބަލަން މެމްބަރުން އެކުލަވާލެއްވިއެވެ.
މިނިސްޓަރު ކަމާއި ހަވާލުވެވަޑައިގަތް ފަހުން ފުރަތަމަ ފަހަރަށް މިނިސްޓަރ އާތިފާ ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ކޮމިޓީން ބަލަމުންދާ މައްސަލަތަކާ ގުޅޭގޮތުން ދެ ދުވަސް ތެރޭ އާންމުންނާ މައުލޫމާތު ހިއްސާ ކުރައްވާނެ ކަމަށެވެ.
ކުރީގެ ސަރުކާރުން ފްލެޓުތަކަށް އެދުނު ފަރާތްތަކުގެ ތެރެއިން އޭރު ސަރުކާރުގެ އިސްކޮށް ތިއްބެވި ބޭފުޅުންނާއި ނުފޫޒުގަދަ ބޭފުޅުން އަދި އެބޭފުޅުންގެ އާއިލީ މެމްބަރުންނަށް ފްލެޓުތައް ދީފައިވާ ކަމުގެ ތުހުމަތުތައް ކުރެވުނެވެ. އަދި އެންމެ މަތިން މާކްސް ލިބުނު އެތައް ފަރާތެއް ބޯހިޔާވަހިކަމުން މަޙްރޫމްކޮށް، މާ މަދުން ޕޮއިންޓު ލިބުނު ފަރާތްތަކަށް ފްލެޓު ލިބިފައިވެއެވެ.
އޭރުގެ މިނިސްޓަރ މުއިއްޒު ވިދާޅުވީ އެފަދަ މައްސަލަތަކެއް ފާހަގަކުރެވުނު ކަމަށާއި އެއީ "ހިއުމަން އެރާސް" ކަމަށް ވިދާޅުވެ ފައިނަލް ލިސްޓު އާންމުކުރާއިރު އެމައްސަލަތައް ހައްލުކުރައްވާނެ ކަމަށް ވިދާޅުވިއެވެ. ނަމަވެސް ޔާމީންގެ ވެރިކަން ނިމި މުއިއްޒު އޮފީސް ދޫކުރައްވައި ވަޑައިގެންނެވި އިރުވެސް މައްސަލަތައް ހައްލުވެފައިނުވާކަން ފާހަގަކޮށްލެވެއެވެ.