Last Updated: June 8, 11:47
Monday, June 8, 2026
ޚަބަރު

"ފަނޑިޔާރުގެ އިސްލާހުކުރުމަށް އެމްޑީޕީން އެހީވާނެ"

ފަނޑިޔާރުގެ އިސްލާހުކުރުމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއަށް ވެދެވެން އޮތް އެހީއެއް އެޕާޓީން ދޭނެ ކަމަށް އެމްޑީޕީން ބުނެފިއެވެ.

އިއްޔެ މަރުތައް ބަލާ ކޮމިޝަނުން ހާމަކުރި ބައެއް މައުލޫމާތުތަކާ ގުޅިގެން އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ފަނޑިޔާރުގެ ސާފުކޮށް އިސްލާހުކުރުމަށް އެމްޑީޕީން އެހީތެރިކަންދީ އެ މަސައްކަތުގައި އެމްޑީޕީން ދެމި އޮންނާނެ ކަމަށެވެ.

ކޮމިޝަންގެ މެމްބަރު ހުސްނުއް ސުއޫދު އިއްޔެ ދެއްވި ޕްރެސް ކޮންފަރެންސެއްގައި ވިދާޅުވީ، ކޮމިޝަނުން ކިތަންމެ މޮޅު ތަހުގީގެއް ކޮށްފައި ފޮނުވިޔަސް، ކޯޓުތަކުން، ޚާއްސަކޮށް ކްރިމިނަލް ކޯޓުގައި މިހާރު ތިއްބެވި ފަނޑިޔާރުން ތިއްބަވައިގެން އިންސާފެއް ނުލިބޭނެ ކަމަށެވެ.

ސުއޫދު ވިދާޅުވީ ބައެއް ފަނޑިޔާރުންނަކީ ދިވެހި ރާއްޖޭގައި އިސްކޮށް ހަރަކާތްތެރިވާ ގޭންގުތަކުން ފޮނުވާފައިތިބޭ ފަނޑިޔާރުން ކަމަށާއި ގޭންގުތަކާ ދެކޮޅަށް ހުކުމެއް ނާންނާނެ ކަމަށެވެ. އަދި ފަނޑިޔާރުންގެ އިތުރުން، އިދާރީ މަސައްކަތް ކުރާ މުވައްޒަފުންނަށް ވެސް ގޭންގުތަކުގެ ނުފޫޒު ފޯރާފައި ވާ ކަމަށް ސުއޫދު ވިދާޅުވިއެވެ. ސިއްރު ހެކިންގެ މައުލޫމާތު ގޭންގުތަކަށް ލިބޭ ކަމަށާއި ކޯޓު ތެރޭގެ އެހެނިހެން އާންމުންނަށް ނުލިބޭނެ މައުލޫމާތުތައް ވެސް ގޭންގުތަކަށް ބަރާބަރަށް ލިބެމުން އަންނަ ކަމަށް ވިދާޅުވިއެވެ.

އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، މިކަންތައްތަކަކީ ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށްދީ، އަދުލު އިންސާފު ގާޢިމުކުރުމަށް އޮތް ވަރަށް ބޮޑު ނުރައްކަލެއްގެ ގޮތުގައި ދެކޭ ކަމަށެވެ. ރައްޔިތުންގެ ހައްގުތައް ދިފާއުކޮށް، ގާނޫނު އަސާސީ އާއި ގާނޫނުގެ ބާރުވެރިކަން ނަގަހައްޓައި ގާއިމުކުރެވޭނީ ފަނޑިޔާރުގެ އިސްލާހު ކުރެވިގެން، މިނިވަންކޮށްގެން ކަމަށް އެޕާޓީން ދެކޭ ކަމަށާއި އެ މަސައްކަތުގައި އެމްޑީޕީގެ ތާއީދާއި އެއްބާރުލުން ލިބޭނެ ކަމަށް މި ބަޔާނުގައި ބުނެފައިވެއެވެ.