އައްޑޫގެ ވިޔަފާރިތައް ބަންދުކުރާ ގަޑި އަވަސްކުރުމާ ގުޅޭ ގޮތުން އައްޑޫގެ ވިޔަފާރިވެރިންނާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.
ބުރާސްފަތި ދުވަހު ކައުންސިލް އިދާރާގައި އޮތް ޕްރެސް ކޮންފަރެންސެއްގައި މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ( ވިދާޅުވީ ވިޔަފާރިތައް ބަންދު ކުރާ ގަޑި އަވަސް ކުރުމަކީ އައްޑޫގެ ވަރަށް ގިނަ ވިޔަފާރިވެރިން ބޭނުންވާ ކަމެއް ކަމަށެވެ.
އެގޮތުން އަމިއްލަ އަށް ބައެއް ފަރާތްތަކުން އެދިގެން ކައުންސިލާ އެކު އެކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރަމުން އަންނަ ކަމަށް މޭޔަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބައެއް ވިޔަފާވެރިންގެ ފަރާތުން މިބަދަލު ގެނައުމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން އަންނާތީ އައްޑޫގެ ހުރިހާ ވިޔަފާވެރިންނާ މަސްވަރާ ކުރުމަށް ފަހު، ގޮތެއް ނިންމާނެ ކަމަށެވެ. މޭޔަރު ވިދާޅުވީ މިކަމަށް އައްޑޫގެ 99 ޕަސެންޓް ވިޔަފާވެރިންގެ ތާއީދު ލިބޭނެ ކަމުގެ އުންމީދު ވެސް ވަރަށް ބޮޑު ކަމަށެވެ.
މޭޔަރު ވިދާޅުވީ އެކަން ކުރާނީ ސީދާ އެ ފަރާތްތަކާ ބައްދަލުކޮށް މަޝްވަރާ ކުރުމަށް ފަހު ވިޔަފާވެރިން ބޭނުންވާ ގޮތަކަށް ކަމަށެވެ. އޭނާ ވިދާޅުވީ ވިޔަފާރިތައް ބަންދުކުރާ ގަޑިއަށް ބަދަލުތަކެއް ގެނައުމަކީ ކުރަން ޖެހިފައި އޮތް މުހިއްމު ކަމެއް ކަމަށާއި ހާއްސަކޮށް ރޭގަނޑު ވިޔަފާރިތައް ބަންދު ކުރާ ގަޑި އަވަސް ކުރުމަކީ ހެޔޮ ބަދަލުތަލެއް އަންނާނެ ކަމެއް ކަމަށެވެ.
މޭޔަރު ވިދާޅުވީ ވިޔަފާރިތައް ބަންދުކުރާ ގަޑި އަވަސް ކުރުމުން އަންނާނެ ހެޔޮ ބަދަލުތަކެއް ހުންނާނެ ކަމަށެވެ. އެގޮތުން ހަރަދު ކުޑަވުމާ އެކު، ވިޔަފާރި ހިންގާ ފަރާތްތަކަށް އާއިލާތަކާ އެކު ހޭދަކުރަން ލިބޭ ވަގުތު އިތުރުވެ، އާއިލީ ގުޅުން ބަދަހިވެގެން ދާނެ ކަމަށް މޭޔަރު ވިދާޅުވި އެވެ.
މީގެ އިތުރުން އަމާންކަން ދެމެހެއްޓުމަށް ވެސް މިފަދަ ބަދަލެއްގެ މުހިއްމުކަން ބޮޑު ކަމަށް އޭނާ ވިދާޅުވި އެވެ.