ދައުލަތަކަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ކުރީގެ ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމްގެ ބައްޕާފުޅު، ގ. ވައިޖެހޭގެއާގޭ އިބްރާހީމް ރަޝީދު އަވަހާރަވެއްޖެއެވެ.
ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅުގައި އުޅުއްވުމަށް ފަހު، އައިޖީއެމްއެޗްގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އިބްރާހީމް ރަޝީދު އަވަހާރަވެފައިވަނީ ރޭގެ ވަގުތެއްގަ އެވެ. އަވަހާރިވިއިރު އިބްރާހިމް ރަޝީދުގެ އުމުރުފުޅަކީ 79 އަހަރެވެ.
1955 ވަނަ އަހަރު ވަޒީރުލް އައުޒަމްގެ ކާތިބުކަމުގެ މަޤާމުގައި ހުންނަވަައިގެން ދައުލަތަށް ޚިދުމަތް ކުރައްވަން ފެއްޓެވި އިބްރާހިމް ރަޝީދު ވަނީ މަޖީދިއްޔާ ސްކޫލްގެ ނާޒިރުގެ އެހީތެރިޔާގެ މަގާމާއި އެއާޕޯޓް އޮފީހުގެ ވެރިޔާގެ އެހީތެރިޔާގެ މަގާމާއި ހއ. އަތޮޅުވެރިޔާގެ މަޤާމް ވެސް އަދާކުރައްވާފައެވެ.
ހޯމް މިނިސްޓްރީގެ އެސިސްޓެންޓް އެގްޒެކެޓިވް ޑިރެކްޓަރުގެ މަޤާމްގައި ހުންނެވުމަށްފަހު، އިބްރާހިމް ރަޝީދު ސަރުކާރުން ވަކިވެވަޑައިގެންނެވީ 2006 ވަނަ އަހަރު އެވެ.
އެމަނިކުފާނު އަވަހާރަވިއިރު، ދުނިޔޭގައި ހަ ބޭފުޅުން އެބަ ތިއްބެވި އެވެ. އެއީ ފިރިހެން ދެ ބޭފުޅުންނާއި ހަތަރު އަންހެން ބޭފުޅުންނެވެ. އަނބިކަނބަލުން ވަނީ އަވަހާރަވެފަ އެވެ.
އިބްރާހިމް ރަޝީދުގެ ޖަނާޒާ އޮންނާނީ މިރޭ މަޣްރިބު ނަމާދަށްފަހު އާސަހަރާ މިސްކިތުގައެވެ.