Last Updated: June 19, 11:00
Friday, June 19, 2026
ޚަބަރު

ދިޔަވަމުންދިޔަ ދޯނި ތިލަފުއްޓަށް ގެނެސްފި

ދިޔަވަމުން ދިޔަ ދުވެލި ދޯނި - ފޮޓޯ: އެމްއެންޑީއެފް

ރ. މުރަވަންދޫ އިން ކުނި ހިފައިގެން ކ. ތިލަފުއްޓަށް ދަތުރުކުރަމުން ދަނިކޮށް، ދިޔަވާން ފެށި ދޯނި އެމްއެންޑީއެފްގެ މާލެ އޭރިއާ ކޯސްޓްގާޑުގެ އެހީތެރިކަމާއެކު ތިލަފުއްޓަށް ގެނެސްފި އެވެ.

އެމްއެންޑީއެފް އިން ބުނީ "ދުވެލި" ކިޔާ އެ ދޯނި ދިޔަވަމުންދާކަމުގެ ރިޕޯޓް ލިބިފައި ވަނީ ރޭ 22:24 ހާއިރު ކަމަށާއި، މަޢުލޫމާތު ލިބުމާއެކު އެ ދޯންޏަށް އެހީތެރިވުމުގައި އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން ޙަރަކާތްތެރިވެފައިވާ ކަމަށެވެ.

އެމްއެންޑީއެފް އިން ބުނީ އެ ހާދިސާ ހިނގާފައިވަނީ ކ. އަކިރިފުށީގެ ހުޅަނގު އިރުން 17 ނޯޓިކަލް މޭލް ހިސާބުގައި ވަނިކޮށް ކަމަށާއި، 75 ފޫޓުގެ މި ދޯނި ދިޔަވަމުން ދިޔައިރު ދިވެއްސަކާ ތިން ބިދޭސީން ދޯނީގައި ތިބި ކަމަށެެވެ.

މީގެ އިތުރުން އެ ހާދިސާ ހިނގަން މެދުވެރިވީ ދޯނީގެ ޝާފްޓް ޓިޔުބްގެ ބޯލްޓެއް ނެއްޓިގެން ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.